ބަންޑާރަ ގޯތި ދޫކުރެވޭނެ އުސޫލުތައް ހިމެނޭ ބިލެއް މަޖިލީހަށް

Tue, 30 Apr 2024 12:43 PM

View on this article on Avas.mv

ބަންޑާރަ ގޯތި ދޫކުރެވޭނެ އުސޫލުތައް ހިމެނޭ ބިލެއް މަޖިލީހަށް

ދިރިއުޅުމުގެ ބޭނުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އުސޫލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދިވެހިރާއްޖޭގެ ބިމުގެ ބިލްގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

މި ބިލްގައި ވަނީ އެކި ބޭނުންތަކަށް ބިން އެކަށައެޅުމާބެހޭ އުސޫލުތަކާއި މިނިސްޓްރީތަކާ ބަންޑާރަ ބިން ހަވާލުކުރުމާބެހޭ އުސޫލުތަކާއި އެކި ފަރާތްތަކަށް ބަންޑާރަ ބިން ދޫކުރުމާބެހޭ އުސޫލުތައް ބަޔާންކޮށްފަ އެވެ.

ބަންޑާރަ ގޯތި ދޫކުރެވޭ މީހުންގެ ޝަރުތުތަކާއި ގޯތީގެ ބޮޑުމިން މި ބިލްގައި ހިމަނާފައިވެ އެވެ.

އެ ގޮތުން އެކަކަށް ދޫކުރާ އެއްވެސް ބަންޑާރަ ގޯއްޗެއް 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވާނެ ކަމަށާއި 4،000 އަކަފޫޓަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް މި ބިލްގައިވެ އެވެ.

ގޯތި ދޫކުރެވޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުން އަދި އެމީހަކީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖސްޓަރީވެފައިނުވާ މީހެއް ކަމުގައިވުން ނުވަތަ އެމީހަކީ ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދަލުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓަރީވެފައިނުވާ މީހެއްކަމުގައިވުން ހިމެނެ އެވެ.

ގޯތި ދޫކުރެވޭ މީހުންގެ ޝަރުތުތައް ބަޔާންކޮށްފައިވާ މާއްދާގައިވާ ގޮތުން ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކު ނުވަތަ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދިރިއުޅޭނެ ތަނެއް ލިބިފައިވާ މީހަކު ނުވަތަ އަމިއްލަ ފަރާތަކުން ވިއްކާ ފްލެޓެއް ގަނެފައިވާ މީހަކު އެ ގޯއްޗެއް ނުވަތަ ތަނެއް ދޫކޮށްލައިފިނަމަ މި ގާނޫނުގެ ދަށުން އޭނާއަށް ބަންޑާރަ ގޯއްޗެއް ދޫކުރުމަށް ގާނޫނުގެ މި މާއްދާ ހުރަހެއް ނާޅަ އެވެ.

ބަންޑާރަ ބިމާއި ގޯތި ވަކިކުރެވޭނެ ހާލަތްތައްވެސް މި ބިލްގައި ވަނީ ހިމަނާފަ އެވެ. އަދި ހާއްސަ ހާލަތްތަކެއްގައި ދައުލަތަށް ބިން ނެގޭ ހާލަތްތަކެއްވެސް މި ބިލްގައި ހިމަނާފައިވެ އެވެ.

ބިލްގައިވާ ގޮތުން ބޭރުގެ އެއްވެސް މީހަކަށް ރާއްޖޭގެ އެއްވެސް ބިމެއް ނުވިއްކޭނެ އެވެ. ނަމަވެސް އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ 100 އިންސައްތަ ދިވެހި ކުންފުނިތަކަށް ބަންޑާރަ ބިން ގަނެވޭނެ ކަމަށް ބިލްގައިވެ އެވެ.





More from Avas.mv