މަޖިލިސް 19: ފަހު ޖަލްސާ މެއި 13ގައި

Mon, 29 Apr 2024 02:00 PM

View on this article on Avas.mv

މަޖިލިސް 19: ފަހު ޖަލްސާ މެއި 13ގައި

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ކުރިއަށް އޮތް މެއި 13 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ 19 ވަނަ މަޖިލީހުގެ ދައުރު ކުރިއަށް އޮތް މެއި މަހު ނިމޭނެ ކަމަށެވެ. އެހެންކަމުން މި މަޖިލީހުގެ ފަހު ޖަލްސާ މެއި 13 ވަނަ ދުވަހު ބާއްވާނެ ކަމަށް އަސްލަމް އިއުލާން ކުރެއްވި އެވެ.

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާތީ މިމަހުގެ ނުވަވަނަ ދުވަހުގެ ކުރިން ކޮމިޓީގެ މަސައްކަތްތައް ނިންމުމަށްފަހު ކޮމިޓީ ރިޕޯޓްތައް ފޮނުއްވައި ދެއްވުމަށްވެސް ކޮމިޓީތަކުގެ މުގައްރިރުންނާއި މެންބަރުންގެ ކިބައިން އަސްލަމް ވަނީ އެދިވަޑައިގެންފަ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމާއި ރިޔާސަތަށް ބޭފުޅުން ކަނޑައެޅުމަށް ފުރަތަމަ ޖަލްސާ ބޭއްވީ މެއި 28، 2019 ގައެވެ.

ޖުމްލަ 87 މެންބަރުންނާ އެކު ފެށި މަޖިލީހުގެ ފުރަތަމަ ރައީސް އަކީ މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ. ނައިބް ރައީސް އަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. ނަމަވެސް ފަހުން މި ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ދައުރު ނިމެން ކައިރިވިއިރު މަޖިލީހުގެ ރައީސް އަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. ނައިބް ރައީސް ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

ކުރިއަށް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މިމަހުގެ 21 ވަނަ ދުވަހު ވަނީ 93 މެންބަރުން ހޮވާފަ އެވެ. ވެރިކަން ކުރާ ޕީއެންސީ އިން އާ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދާފައިވާއިރު އާ މަޖިލީހުގެ މެންބަރުން ހުވާ ކުރުން އޮންނާނީ ކުރިއަށް އޮތް މެއި 28 ވަނަ ދުވަހު އެވެ.





More from Avas.mv