ގޯތިތައް ތިން މަސް ތެރޭގައި ހަވާލުކުރަން މަޖިލީހުން ފާސްކޮށްފި

Mon, 29 Apr 2024 01:32 PM

View on this article on Avas.mv

ގޯތިތައް ތިން މަސް ތެރޭގައި ހަވާލުކުރަން މަޖިލީހުން ފާސްކޮށްފި

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރި އިދާރާއަކުން އެ ގޯއްޗެއް ލިބުނު މީހުންނަށް ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ވަކި މުއްދަތެއްގައި ދޭން ލާޒިމުކޮށް ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލް މަޖިލީހުން ފާސްވީ ވޯޓު ދެއްވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކުރާ ތާރީހުން ފެށިގެން ހަ މަސް ތެރޭގައި ގޯތި ހަވާލުކުރުމަށެވެ. ނަމަވެސް ބިލް ދިރާސާކުރި ކޮމިޓީން ވަނީ އެ މުއްދަތު ތިން މަސް ދުވަހަށް ކުޑަކޮށްފަ އެވެ.

މީގެ އިތުރުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްގައި ޝާއިއުކޮށް ރަޖިސްޓަރީ ވަކި މުއްދަތެއްގައި ހަވާލުކުރަންޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އެ ގޮތުން ބަދަލުދޭން ނުޖެހޭ ހާލަތެއްގައި ހުރި ބިންތަކުގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި އަދި ބަދަލުދޭންޖެހޭ ހާލަތުގައި ހުރި ބިންތަކުގެ ރަޖިސްޓަރީ އެއް އަހަރުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ވަނީ ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކޮށްފަ އެވެ.





More from Avas.mv