ސީއެސްސީގެ މެންބަރު ކަމަށް ފާތިމަތު ހަބީބާއަށް ރުހުން ދީފި

Mon, 29 Apr 2024 01:25 PM

View on this article on Avas.mv

ސީއެސްސީގެ މެންބަރު ކަމަށް ފާތިމަތު ހަބީބާއަށް ރުހުން ދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ފާތިމަތު ހަބީބާ އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސީއެސްސީގެ މެންބަރުކަމަށް ފާތިމަތު ހަބީބާއަށް ރުހުން ދިނުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވަނީ އޭނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވާފަ އެވެ.

މަޖިލީހުގައި ސީއެސްސީގެ މެންބަރު ކަމަށް ރުހުން ދިނުމަށް މިއަދު ފުރަތަމަ ވޯޓަށް އެހީ އަބްދުލްހަސީބު އިސްމާއީލް އަށެވެ. ނަމަވެސް އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް މެންބަރުން ވަނީ ނިންމަވާފަ އެވެ.

މަޖިލީހުން މިއަދު ރުހުން ދިން ފާތިމަތު ހަބީބާ އަކީ ސެޕްޓެމްބަރު 1، 2015 އިން ފެށިގެން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިސްވެރިޔާ އެވެ.

ފާތިމަތު ހަބީބާ އަކީ ޔުނިވަސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓާސް އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.





More from Avas.mv