އެސްއީޒެޑްގެ ފުރަތަމަ ހުއްދަ ހަކަތައަށް

Wed, 24 Apr 2024 10:25 PM

View on this article on Avas.mv

އެސްއީޒެޑްގެ ފުރަތަމަ ހުއްދަ ހަކަތައަށް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއަކަށް މިއަދު ހުއްދަ ދީފި އެވެ.

މިމަޝްރޫއުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ކުރުމަށް ހުއްދަ ދިނީ ކެނަޑާގެ ކުންފުންޏެއް ކަމަށްވާ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަނަށެވެ.

ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މިމަޝްރޫއުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ. މިއަދު ދިން ހުއްދަ އާއި އެކު މިމަޝްރޫއުގެ ދިރާސާތަކާއި އެސެސްމަންޓް މަސައްކަތް ފަށާނެ އެވެ.

މިމަޝްރޫއުގެ ދަށުން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށް ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރާނެ އެވެ.

ދެހާސް އަށާވީސް ވަނަ އަހަރާ ހަމައަަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދަށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ނެރުއްވި ގަރާރަކުން މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހު ވަނީ ބަދަލުވެސް ގެނެސްފަ އެވެ.

މީގެ ކުރިން އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓަކީ 150 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަނޫން އިންވެސްޓްމަންޓަކަށްވާން ޖެހެ އެވެ. އެކަމަކު ރައީސް މުއިއްޒު ނެރުއްވި ގަރާރާއެކު އެސްއީޒެޑްގައި 100 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް މިހާރު ހުށަހެޅޭނެ އެވެ.





More from Avas.mv