އިތުރު ފަސް ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އެހީ

Tue, 19 Sep 2023 03:48 PM

View on this article on Avas.mv

އިތުރު ފަސް ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އެހީ

ތެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް ކުއްޖަކު ސަރުކާރުން ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިކުދިންނަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.

މިއަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ތެލެސީމިއާ އައު ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އައު އިމާރާތް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިސެންޓަރު ގާއިމުވުމުން ތެލެސީމިއާ ކުދިންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ. މީގެއިތުރުން މިއިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ހިދުމަތް ގާއިމުކޮށް، މި ހިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމު ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މަސައްކަތެއް ކަމަށެވެ. އެހެންވެ ފަރުވާގެ ކަންކަން ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން މި ހިދުމަތް ދެމުންދާ ގޮތް ހޯދައި ބަލައި ދިރާސާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމުގައި ވިދާޅުވި އެވެ. ކުރެވުނު މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަންދާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބުކަމާއިއެކު ނިންމަލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމެވެ. މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަންވެސް ޖެހެއެ ވެ. އެގޮތުން ހޮސްޕިޓަލުން ދޭ އިރުޝާދުތަކަށް އެއްބާރުލުންދީ، ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުވެސް ގަވައިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ވަނީ އިލްތިމާސްކޮށްފަ އެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުން ގެންދެ އެވެ.


More from Avas.mv