ކޮމިޓީން އެދިއްޖެނަމަ ރައީސްގެ ސިޓީ ހާމަކުރާނަން: މިއުވާން

Thu, 08 Jun 2023 02:56 PM

View on this article on Avas.mv

ކޮމިޓީން އެދިއްޖެނަމަ ރައީސްގެ ސިޓީ ހާމަކުރާނަން: މިއުވާން

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ އެފަދަ މުއާމަލާތްތަކަކީ ސިއްރެއް ނަމަވެސް 241 ކޮމިޓީން އެދިއްޖެނަމަ ސިޓީ ހާމަ ކުރައްވާނެ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ބަލަމުންދަނިކޮށް ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

މިއުވާން ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން ހުށަހެޅި ލިޔުންތައް އިޓްލޮސްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ކަމަށާއި ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން ކަންކަން ސިއްރުކުރާ ކަމަށް އިދިކޮޅުން ބުނަނީ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ފޮނުއްވެވި ސިޓީފުޅު 241 ކޮމިޓީން އެދިއްޖެނަމަ ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވެފައި މިވަނީ އެ ސިޓީފުޅު ހޯދަން 241 ކޮމިޓީން ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ސޯލިހްގެ ސިޓީފުޅުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅުން ބުނި ނަމަވެސް ސަރުކާރުން މީގެ ކުރިންވެސް ވަނީ އިޓްލޮސްގެ މައްސަލަ އާއި ރައީސްގެ ސިޓީފުޅާ ގުޅުމެއް ނެތްކަން ހާމަކޮށްފަ އެވެ.



More from Avas.mv