ރައީސް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ

Mon, 29 May 2023 10:47 PM

View on this article on Avas.mv

ރައީސް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރެއްވުމާ އެކު އެބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކުރައްވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް "ލަދުފުޅު ނުގަނޭބާއޭ" ހިތްޕުޅަށް އަރައިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ހޫނު ރައްދެއް ރައީސް ސޯލިހަށް އަމާޒުވެފައި މިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މުޖުތަބާ އާއި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) މިއަދު ސަރުކާރުގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސްމިތުގެ ގަދަ ހިތްވަރާއި މަޖާ މިޒާޖަކީ މުޅި އެމްޑީޕީގެ އެންމެ ބޮޑު ރަމްޒު ކަމަށެވެ. ސްމިތު އަކީ އެހެން ޒުވާނުން ފަދައިން އަނިޔާވެރިކަމާ ދެކޮޅަށް ނިކުމެ މިސަރުކާރު ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި "ގަދަ ޒުވާނެއް" ކަމުގައިވެސް ވިދާޅުވި އެވެ.

"ސްމިތުގެ ހިތްވަރު ދެން އަދި މާގަދަވާނެކަން ޔަގީން،" ނަޝީދު ވިދާޅުވި އެވެ.

މުޖުތަބާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މުޖުތަބާ އަކީ މުޅި އިސްލާހީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށެވެ.

"ރައީސް ސޯލިހް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު އިއްޔެ އަވަސްއަށް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަކިކުރެއްވި ބޭފުޅުންނާ ގުޅޭގޮތުން ޝަކުވާތަކެއް ލިބޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެން އެބޭފުޅުން ވަކިކުރާ ހިސާބަށް މިދިޔައީ ޕާޓީ ދޫކޮށް، ސަރުކާރަށް ފާޑުވެސް ކިޔާ ހިސާބަށް ދިޔައީމާ،" އޮފިޝަލް ވިދާޅުވި އެވެ.



More from Avas.mv