ސިއްހަތަށް އެންމެ ފައިދާހުރީ ކޮން ވައްތަރެއްގެ ޕާނެއް؟

Sat, 25 Mar 2023 10:27 AM

View on this article on Avas.mv

ސިއްހަތަށް އެންމެ ފައިދާހުރީ ކޮން ވައްތަރެއްގެ ޕާނެއް؟

ޕާނަކީ ވަރަށް ގިނަ މީހުންގެ ކެއުމުގެ އެކުވެރިއެކެވެ. މާބޮޑު މަސައްކަތެއް ނުކޮށް ފަސޭހައިން ބަނޑުފުރާލެވޭ އެއްޗަކަށް ވާތީ އެވެ. އަދި ޕާނުން ތައްޔާރު ކޮށްލެވޭ ކާނާގެ ބާވަތްތައް ގިނަކަމުންނެވެ. ޕާނަކީ އަނގައަށް މީރު ވެސް އެއްޗެކެވެ. ނަމަވެސް އޭގެން ހަށިގަނޑަށް ފައިދާހުރި އެއްވެސް މާއްދާއެއް ނުލިބޭ ކަމަށް ވަރަށް ގިނަ މީހުން ބުނާތީ އިވެ އެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގެ ޑައިޓީޝަނެއް ކަމަށްވާ ނަޓާލީ މޮކާރީ ވިދާޅުވި ގޮތުގައި ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ޕާނަކީ ކާން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށެވެ. އެއީ އޭނާ ވަރަށް ދެރަވާ ކަމެއް ކަމަށާއި ހަގީގަތުގައި ޕާނުގައި ހޯލް ގްރެއިން ވަރަށް މަތީ މިންވަރަކަށް ހުންނަ ކަމަށެވެ.

ބެލެންސް ޑައިޓެއްގައި ވެސް ޕާން ހިމެނިދާނެ ކަމަށާއި ސަބަބަކީ ކާބްސް އަކީ ވެސް ސިއްހަތަށް ވަރަށް މުހިއްމު އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެމެންގެ ހަށިގަނޑު ފަންކްޝަން ކުރަން ކާބޯހައިޑްރޭޓްސް ބޭނުންވޭ. ކާބްސް އަކީ ސިކުނޑީގެ ކާނާއެއް. ކާބޯހައިޑްރޭޓްސް އެކަށީގެންވާ ވަރަށް ހަށިގަނޑަށް ނުލިބޭނަމަ މީހާ ލޮޑުވެ ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރާނެ. ހުންނަންވާ ވަރާ ގާތަށް ވެސް ހަކަތައެއް ނުހުންނާނެ،" މޮކާރީ ވިދާޅުވި އެވެ.

ސިއްހަތަށް އެންމެ ފައިދާ ހުރި ކާނާ ބޭނުންނަމަ ވިސްނާލަން ޖެހޭނެ ވަރަށް ގިނަ ކަންތައް ހުރިކަމަށް ވެސް ޑައިޓީޝަން ވިދާޅުވި އެވެ. މިސާލަކަށް ކޮން ވައްތަރެއް ޕާނެއްތޯ ގަންނަނީ އާއި އެ ޕާނާއެކު ދެން ބޭނުންކުރަން ކޮންކޮން އެއްޗިއްސެއްތޯ އެވެ.

އާޓާ ފުށުގެ ޕާނަކީ ކާން ރަނގަޅު އެއްޗެއް ނޫން ހެއްޔެވެ؟ ހަގީގަތުގައި ހުދު ފުށުގެ ޕާނުގައި މާގިނަ ވިޓަމިންސް އާއި ހޯލް ގްރެއިންސް އަދި ފައިބަރު ހުރެ އެވެ. އަދި މީގެން ލޭގައި ހަކުރު އެކުލެވޭ މިންވަރަށް އަސަރުކުރާލެއް ކުޑަ އެވެ. އިންސިއުލިން ރެސިސްޓެންސް މީހުންނަށް މިއީ ވަރަށް ބަލަން ޖެހޭނެ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަށް އާޓާ ފުށުގެ ޕާން ކަމަކު ނުދެ އެވެ. އެމީހުން ކާން ބޭނުންވަނީ ހަމަ ހުދު ފުށުގެ ޕާނެވެ.

ޕާން ކާއިރު އެއާ އެކު ސިއްހަތަށް ފައިދާހުރި ފެޓްސް އާއި ޕްރޮޓީންސް އެކުލެވޭ އެއްޗެތި ކެއުމުގެ މުހިއްމުކަން ނިއުޓްރިޝަނިސްޓް ފާހަގަ ކުރެއްވި އެވެ. އޭރުން ހަކުރު މައްޗަށް ދިއުމުގެ މައްސަލަ ދިމާނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލަކަށް ހެނދުނުގެ ސަޔަށް ޕާން ކާނަމަ އެއާއެކު ބިހާއި އެވަކާޑޯ ނުވަތަ ޕީނަޓް ބަޓާ ބޭނުން ކުރެވިދާނެ އެވެ. އަދި ރޭގަނޑުގެ ކެއުމުގައިވެސް ބޮޑު ސެލެޑާއި މަހުގެ ބާވަތެއް ބޭނުންކުރާނަމަ އެއާއެކު ޕާން ފޮއްޗެއް ބޭނުން ކުރެވިދާނެ އެވެ.



More from Avas.mv