ރައީސް އިބްރާހީމް ނާޞިރު: ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު

Fri, 26 Jul 2024 12:04 AM

View on this article on Adhives Online

ރައީސް އިބްރާހީމް ނާޞިރު: ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު

ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ 20 ވަނަ ގަރުނުދުށް، ސިޔާސީ ޝަޙުޞިއްޔަތުންގެ ތެރެއިން މި ޤައުމު ދެކެ އެންމެ ބޮޑަށް ލޯބިވެ ވަޑައިގެންނެވި އިސްވާރެވެ. ސަތޭކަ އަހަރަށް އިނގިރޭސީން އައްޑުއަށް ފައިބާ ތިބުމަށް ކުރި މަސައްކަތަށް ހުރަސް އެޅުއްވިއެވެ. ދިވެހީންގެ އިގުތިސާދު ވޯރާއިންގެ ކިބައިން މިނިވަންކޮށްދެއްވައި އިގުތިސާދީ އާ ބިންގާތަކެއް އަޅުއްވައިދެއްވިއެވެ. އިނގިރޭސީން އަޑީގައި ތިބެގެން ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ރާއްޖެއިން ވަކިކޮށްގެން ދައުލަތެއް އުފަންކުރަން ކުރި ޣައިރު ޤާނޫނީ މަސައްކަތް ހުއްޓުވިއެވެ. ދުނިޔޭގެ ބޮޑު ބާރެއްގެ ކުރިމަތީގައި ދިވެހީންގެ ކީރިތިކަމާއި މޫރިތިކަމާއި ދިވެހި ޝަޚުޞިއްޔަތު ދައްކަވައި، އިނގިރޭސީންގެ އަތްދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވިއެވެ. އދ.ގެ މެންބަރަކަށް ރާއްޖެ ހައްދަވައި، މުޅި ދުނިޔޭގައި ދިވެހި ދިދައަށް ޢިއްޒަތް ދެއްވިއެވެ. އަލުން އެނބުރި ރަސްކަމުގެ ނިޒާމަކަށް ނުދެވޭހާ ވަރުގަދަކޮށް، ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކުރެވޭގޮތަށް، ފުރިހަމަ މާނައިގައި ޖުމްހޫރީ ވެރިކަމުގެ ނިޒާމު ގެނެސްދެއްވިއެވެ. މިއިން ކޮންމެ ކަމަކީ ވެސް ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާ ގުޅިފައިވާ ވަރަށް ބޮޑެތި ކަންތައްތަކެވެ. ހިތްވަރުގަދަ އަދި މި ޤައުމު ދެކެ އިންތިހާއަށް ލޯބިފުޅުވާ ބޭފުޅަކަށް ނޫނީ ކުރިމަތި ލައްވަން ކެރިވަޑައި ނުގަންނަވާނެ ނުރައްކާތެރި ބޮޑެތި މައްސަލަތަކެކެވެ.



ފުރަތަމަ ޖުމްހޫރިއްޔާ އާއެކު މުޙައްމަދު އަމީނުގެ ސިޔާސީ އިރު އޮއްސުނުއިރު ރައީސް ނާޞިރުގެ ސިޔާސީ އިރު އައީ އަރަމުންއެވެ. އަމީން ދީދީއަށްފަހު ގާއިމުކުރި މުޙައްމަދު ފަރީދުގެ ރަސްކަމުގައި ނާޞިރަކީ ވަޒީރެކެވެ. އޭގެފަހުން އެއް ދުވަހުން އަނެއް ދުވަހަށް ސިޔާސީ ގޮތުން ނާޞިރުގެ ނަންފުޅުގެ އަޑު އައީ ގަދަވަމުންނެވެ. އިނގިރޭސީންނަށް ސަތޭކަ އަހަރަށް އައްޑު އަތޮޅު ގަމާއި ހިތަދޫން ސަތޭކަ އޭކަރުގެ ބިމެއް ކުއްޔަށް ދެއްވުމަށް އޭރުގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ސޮއިކުރެއްވި އިނީޝިއަލް އެއްބަސްވުން ދާއިމީ ކުރެއްވުމާ ދެކޮޅަށް ނާޞިރު ތެދުވެޑައިގެންނެވިއެވެ. އޭރު އެއީ ރައްޔިތުންގެ މަޖިލިހުގައި އިންނެވި އެންމެ ޒުވާން މެންބަރެވެ. ނަތީޖާއަކަށް ވީ ނާޞިރުގެ ޤައުމީ ވިސްނުންފުޅާ އެއްކޮޅަށް ސިޔާސީން ދީލާލެއްވުމެވެ. ފާމުލަދޭރު ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވުމުން ޖެހިގެން އައި ދުވަހު ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ ތާއީދާއެކު ރާއްޖޭގެ ބޮޑުވަޒީރުކަމާ އިބްރާހީމް ނާޞިރު ހަވާލުވެވަޑައިގެންނެވިއެވެ. އެއީ 12 ޑިސެންބަރު 1957 އެވެ.

ރައީސް ނާޞިރުގެ ޤައުމީ ޚިދުމަތުގައި އޮތީ ދެ ބާބެކެވެ. ފުރަތަމަ ބާބަކީ ބޮޑުވަޒީރުކަމުގެ މަގާމުގައި ޚިދުމަތް ކުރެއްވި 11 ވަރަކަށް އަހަރާއި އޭގެ ކުރިއެވެ. ދެވަނަ ބާބަކީ ޖުމްހޫރީ ވެރިކަމަކަށް ދެވަނަ ފަހަރަށް ދިވެހި ސިންގާސަނާ އަނބުރުވާލެއްވުމަށްފަހު ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ މަޤާމުގައި ޚިދުމަތްކުރެއްވި 10 އަހަރު ދުވަހެވެ. އެއީ 11 ނޮވެންބަރު 1968 އިން 10 ނޮވެންބަރު 1978 އަށެވެ.

ރައީސް ނާޞިރު ދެނެވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް ވިދާޅުވާ އެއް ވާހަކަތަކެއް ހުރެއެވެ. ނާޞިރަކީ ގޮތެއްގައި ހުންނަވާ ބޭފުޅެކެވެ. ނާޞިރަކީ ބަސް މަދު ޢަމަލީ ބޭފުޅެކެވެ. ނާޞިރަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބޭފުޅެކެވެ. ނާޞިރަކީ ޖެހިލުން ކުޑަ، ކެރޭ ބޭފުޅެކެވެ. ނާޞިރަކީ މުރާލި، ހީވާގި، ބޭފުޅެކެވެ. ނާޞިރަކީ ކޮންމެކޮންމެ ކަމެއް ކޮންމެކޮންމެ ގޮތަކަށް ކުރައްވަން ދޫކޮށް ނުލެއްވި، ދުރަށް ވިސްނާވަޑައިގަންނަވާ ބޭފުޅެކެވެ. ނާޞިރަކީ ޤައުމީ ކަންކަމުގައި ގޮތް ދޫނުކުރެއްވި ހަރުކަށި ބޭފުޅެކެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ދިވެހިރާއްޖެއަށާއި، ދިވެހި ޤައުމަށް ކޮށްދެއްވި އެންމެ އަގުހުރި ޚިދުމަތަކީ އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުން ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވުމެވެ. އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުގެ އެންމެ އަލިގަދަ މުތީއަކީ ދިވެހިރާއްޖެއިން ބޮޑު ސަރަހައްދެއް ވަކިވެގަތުމަށް ހިންގި މަޝްހޫރު ދެކުނު ގަޑުބަޑު ނިމުމަކަށް ގެންނަވައި، ދިވެހީންގެ ރާއްޖެ ދިފާޢުކޮށް ދެއްވުމެވެ.

އިބްރާހީމް ނާޞިރުގެ މިންނެތް މަސައްކަތްޕުޅުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވީ 26 ޖުލައި 1965 ގައެވެ. އޭރު ދިވެހި ރަސްކަމުގެ ތަޚުތުގައި އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް އިންނެވިއެވެ. އެހެން ނަމަވެސް މުޅި ޤައުމު ހިންގެވީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އޭރު ހުރި ޤައުމީ ބޮޑެތި މައްސަލަތަކާ އެމަނިކުފާނު ކުރިމަތިލެއްވީ ކީރިތި މަހާރަދުންގެ ފަރާތްޕުޅުން ލިޔުމުން ޤާނޫނީ ބާރުވެރިކަމާއި ރުއްސެވުން ހޯއްދަވައިގެންނެވެ. އަދި ރައްޔިތުންގެ މަޖިލިހާއި ދިވެހި ރައްޔިތުންގެ ރުހުމާއި އިތުބާރު އޮތްކަން ކަށަވަރު ކުރައްވައިގެންނެވެ.

 

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން


More from Adhives Online