ދެ ފަރާތުންވެސް ޢަމަލުކޮށްފައި އެވަނީ…

Mon, 06 May 2024 09:34 PM

View on this article on Adhives Online

ދެ ފަރާތުންވެސް ޢަމަލުކޮށްފައި އެވަނީ…

ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ހެންވޭރު ދެކުނު ދާއިރާގެ އިންތިޙާބީ މަޖިލީސް މެންބަރު އިމްރާން ލަތީފު އާ ދެމެދު މި ހިނގައިދިޔަ ޙާދިޞާގެ މައްޗަށް މުޖުތަމަޢުގެ އެކި ފަންތީގެ ފަރާތްތަކުން ދެބަސްވެފައިވާ ހިނދު، މިކަމުގައި އަޅުގަނޑަށް ފެންނަ ވާހަކައެއް ބަޔާންކޮށްލާނަމެވެ.



މީގައި ވަކި ފަރާތެއްގެ ކޮޅަށް ބުރަވެ ވާހަކަ ދެއްކުން އެއީ އަޅުގަނޑު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. އެހެނަސް މުޖުތަމަޢުގައި އާނމުކޮށް ކަން ހިނގާގޮތުގެ މައްޗަށް ބަލާނަމަ، ދެ ފަރާތުންވެސް ޢަމަލުކޮށްފައި އެވަނީ މުޖުތަމަޢުގައި އެކަންކަން ކުރަމުން އަންނަ ގޮތަކަށެވެ.

ކުރީގެ ހޯމް މިނިސްޓަރ ޢަމަލު އެ ކުރެއްވީ ޤާނޫނީ ގޮތުން އެކަން އޮންނަ އުޞޫލަށެވެ. ހަމަ އެއާއެކު އިންތިޙާބީ މެންބަރުވެސް ޢަމަލު އެ ކުރެއްވީ މުޖުތަމަޢުގައި އާންމުކޮށް އެ ގެންގުޅުއްވާ އިޖުތިމާޢީ ގުޅުމެއްގެ މައްޗަށެވެ. އެއީ އެ ދެ ފަރާތުން ކުރެ މީހަކަށް ނުވަތަ އިތުރު ފަރާތަކަށް އެ ޙާދިޞާގައި އަނިޔާއެއް ލިބިފައި ނުވާނަމަ، ވާހަކަ ދައްކައިގެން އެ މައްސަލައެއް ޙައްލު ކުރުމެވެ. އަދި އެއަށްވާ ބަދަލު ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ހަމަޖައްސައިދިނުމެވެ.

މިއީ ކުރިންވެސް ބުނިހެން، މުޖުތަމަޢުގައި ދިރިއުޅޭއިރު ތިމާގެ ސައިކަލުންޖެހި އެހެން މީހެއްގެ ސައިކަލެއްގެ ލޯގަނޑު ހަލާކުވިއަސް އޭގެ ބަދަލު ދޭ ފަދައިންނެވެ. ޚާއްޞަކޮށް ޒުވާނުން، މިފަދަ ކަންކަން ޕޮލިހަށް ރިޕޯޓެއް ނުކުރެއެވެ. ކޯޓުތަކުންވެސް ބައެއް މައްސަލަތައް ކޯޓުން ބޭރުން ނިންމާ ހަދައެވެ. އެއީ އެ މައްސަލައެއްގައި ޝާމިލުވާ ދެ ފަރާތުން ވާހަކަ ދައްކައިގެން އެ މައްސަލައެއް ޙައްލުކުރުމެވެ. ނުވަތަ ކޯޓުން ބޭރުގައި ބަދަލު ލިބިގަތުމެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި އިންތިޙާބީ މެންބަރ މިފަދައިން މި ޢަމަލުކުރެއްވީ މި އުޞޫލުންނެވެ. އެއީ ޙާދިޞާގެ މައްޗަށް ބަލާފައި އަމިއްލައަށް އެ މައްސަލަ މުޖުތަމަޢުގައި އެ އޮންނަ އިޖިތިމާޢީ ގުޅުމުގެ މައްޗަށް ޙައްލު ކޮށްދިނުމެވެ. އެހެންކަމުން އެ ވިސްނުމަށް ބަލާނަމަ، މިއީ ގޯސް ވިސްނުމެއް ނޫނެވެ. އެހެނީ ޕޮލިހަށް ރިޕޯޓްކުރުމަށްފަހު ދެން ދަޢުލަތުގެ ފަރާތުން އެ ލިބޭ ގެއްލުން ބޮޑުކަމަށް ފެންނާތީއެވެ. މިސާލަކަށް: ލައިސަންސް ހިފެހެއްޓުމުން، ކާންބޯން އެ ކުރާ މަސައްކަތް ހުއްޓިގެން ދިއުމެވެ. މިއީ މުޖުތަމަޢުގައި ދިރިއުޅޭ ޢާނމު ފަރުދުންނަށް އޮތް އިޖުތިމާޢީ މަގެކެވެ. ޙައްލެކެވެ. އަދި ފަރުވާއެކެވެ. ނަމަވެސް، މުޖުތަމަޢުގެ ފަރުދުން ވިސްނަންޖެހޭނެ ކަމަކީ އިމްރާން އަބްދުﷲ އަކީ ދަޢުލަތުގެ ކުރީގެ ހޯމް މިނިސްޓަރެކެވެ. އެހެންކަމުން، މިފަދަ ކަންކަމަކީ އަދުގެ ދަޢުލަތުންވެސް ބަލާނެ ކަންކަމެވެ. އަދިކިއެއް، ބަލަންވެސް ޖެހޭނެ ކަންކަމެވެ.

މިފަދަ މައްސަލަތައް އެފަދަ ފަރުދުން ރިޕޯޓްކުރަން އެބަޖެހެއެވެ. އެއީ އެ ފަރުދެއްގެ ސެކިއުރިޓީއާ ގުޅިފައި އޮތް ކަމެކެވެ. އެއްވެސް ހާލެއްގައި އެއީ މި މައްސަލަ ބޮޑުކުރުމެއް ނޫނެވެ. މިއީ ދުނިޔޭގެ އެހެނިހެން ބޮޑެތި ދަޢުލަތްތަކުންވެސް ގެންގުޅުއްވާ އުޞޫލެކެވެ. ޕްރޮޓޮކޯލްއެކެވެ. އެ ބޭފުޅަކަށް ލިބިލެއްވި ޙައިސިއްޔަތެއް ނުވަތަ މަޤާމެއްގެ ސަބަބުން ކިތަންމެ ކުޑަކަމެއްވެސް ވަރަށް ސީރިއަސްކޮށް ދަޢުލަތުން ބަލާނެއެވެ. ވުމާއެކު، ކުރީގެ ހޯމް މިނިސްޓަރވެސް މިކަމުގައި ޢަމަލުކުރީ އެ ބޭފުޅާވެސް ޢަމަލުކުރަންޖެހޭނެ މިންގަނޑަކަށެވެ. އެހެނީ، ކުރިންވެސް ބުނި ފަދައިން މިއީ އެ ފަރާތުގެ ސެކިއުރިޓީއާ ގުޅިފައި އޮތް ކަމެކެވެ.

މާދަމާ، އިންތިޙާބީ މެންބަރަށްވެސް އޮތީ މި މަގެވެ. ސަބަބަކީ އެއީ މިއަދު ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މެންބަރެވެ. މަޢާފުކުރުމަކީ ރިވެތި ސިފައެކެވެ. އެހެނަސް ބައެއް މައްސަލަތަކުގެ ބާވަތުން އެބަ ރިޕޯޓްކުރަންޖެހެއެވެ. އެއީ މުސްތަޤުބަލުގެ ރައްކާތެރިކަމަށް ވިސްނާފައެވެ.

އެހެންކަމުން، މުޖުތަމަޢު ދެބަސްވެ އަރާރުންވާންޖެހޭނެ ކަމެއް މީގައި ނެތެވެ. ހެޔޮ ވިސްނުން އިސްކުރާށެވެ. ކޮންމެ ކަމެއް އެއީ ސިޔާސީ ކަމެއް ގޮތުގައި ނުދެކޭށެވެ. އަދި އެ ވިސްނުމުގައި ވާހަކަ ދައްކާ ނަހަދާށެވެ. ބަހާއި ޢަމަލުގައި ޢަދުލުވެރިކަން އިސްކުރާށެވެ. ދެފަރާތަށްވެސް އަޅުގަނޑުގެ ފުށުން ވަރަށް ވެދުމެވެ.

* އަޠްހަރު އަޙްމަދުގެ ލިޔުއްވުމެއް

The post ދެ ފަރާތުންވެސް ޢަމަލުކޮށްފައި އެވަނީ... first appeared on އަދިވެސް އޮންލައިން.



More from Adhives Online