އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމުގައި ޑރ. ޒާހިރު ހުސެއިން ދެމިހުންނަވާނެ

Tue, 21 Nov 2023 01:22 AM

View on this article on Adhives Online

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމުގައި ޑރ. ޒާހިރު ހުސެއިން ދެމިހުންނަވާނެ

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމުގައި ޑރ. މުހައްމަދު ޒާހިރު ހުސެއިން މި ސަރުކާރުގައި ވެސް ދެމިހުންނަވާނެ ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރަކު މިހެން ވިދާޅުވީ ރާއްޖޭގެ ދެ ޔުނިވާސިޓީގެ އިސް މަގާމުތަކަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި ބޭފުޅުން ރައީސުލްޖުމްހޫިރއްޔާ ޑރ. މުހައްމަދު މުއިއްޒު އާދިއްތަ ދުވަހު ވަކި ކުރައްވައި، އާ ބޭފުޅުން އައްޔަން ކުރެއްވިއިރު، އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރގެ މަގާމަށް ބަދަލެއް ގެންނަވައިފައި ނުވާތީ "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމުގައި ޑރ. މުހައްމަދު ޒާހިރު ހުސެއިން ދެމިހުންނަވާނެ،" އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން އެޑިއުކޭޝަން މިނިސްޓަރުކަމާއި އަދި ފަހުން ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ޑރ. ޒާހިރު ހުސެއިން ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި، 20 މާޗު 2012 ގައި، ގައުމީ ޔުނިވާސިޓީގެ ޗާންސެލާގެ މަގާމަށް އައްޔަން ކުރައްވައިފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އުފެއްދެވި އިސްލާމީ ޔުނިވަރސިޓީގެ އެންމެ ފުރަތަމަ ޗާންސެލަރގެ މަގާމަށް ޑރ. ޒާހިރު ހުސެއިން އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 20 އޯގަސްޓް 2019 ގައެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުގައި ހުންނެވި ޑރ. ހަސަން ހަމީދު ވަކިކުރައްވައި އެ މަގާމަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރައްވައިފައި ވަނީ ކުރީގެ މިނިސްޓަރު ޑރ. މަޙްމޫދު ޝައުޤީ އެވެ. ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަރީފު ވަކި ކުރައްވައިފައި އެ މަގާމަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރައްވައިފައި ވަނީ ކުރީގެ ސަފީރު މ. އެމޭޒަން، ޑރ. ޢާއިޝަތު ޝެހެނާޒު އާދަމެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވަކި ކުރެއްވުމަށްފަހު އެ މަގާމަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރައްވައިފައި ވަނީ މ. ހިތިމާގޭ ޑރ. ޢަލީ ޒާހިރެވެ.

The post އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމުގައި ޑރ. ޒާހިރު ހުސެއިން ދެމިހުންނަވާނެ first appeared on އަދިވެސް އޮންލައިން.


More from Adhives Online