އެމެރިކާގެ އިންފާރު ކައިރީގައި ޗައިނާގެ ޖާސޫސީ ބޭހެއް

Thu, 08 Jun 2023 09:16 PM

View on this article on Adhives Online

އެމެރިކާގެ އިންފާރު ކައިރީގައި ޗައިނާގެ ޖާސޫސީ ބޭހެއް

ޗައިނާއާއި ކިއުބާއާ ދެމެދުގައި އެއްބަސްވެވުނު ސިއްރު އެއްބަސްވުމެއްގެ ދަށުން ކިޔުބާގައި ޗައިނާއިން އިލެކްޓްރޯނިކް ޖާސޫސީ ބޭހެއް ޤާއިމުކުރާ ގޮތަށް ހަމަޖެހިއްޖެ ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ދުވަހުނޫސް މިއަދު ބުނެފިއެވެ. މި ނޫހުގައި މި ޚަބަރު ފަތުރައިފައި ވަނީ އެމެރިކާގެ އިސް މަސްއޫލުވެރީންތަކަކާ ޙަވާލާދީއެވެ.

މި ނޫސް ހާމަކުރާ ގޮތުގައި މި ބޭސް ހަދައިފައިވަނީ އެމެރިކާގެ ފްލޮރިޑާއާ 100 މޭލު ދުރުގައެވެ. މި މަރްކަޒުގެ ސަބަބުން އެމެރިކާގެ ދެކުނު އިރުމަތީ ސަރަޙައްދުތަކުގެ އިލެކްޓްރޯނިކް ހުރިހާ މުވާޞަލާތުތަކެއް އަޑުއެހުމުގެ ބާރު ޗައިނާއަށް ލިބިގެންދާނެއެވެ. އެމެރިކާގެ މި ސަރަޙައްދަކީ ޢަސްކަރީ އެތައް ބޭސްތަކަކާއި އެމެރިކާގެ ކަނޑުގެ އުޅަނދުތަކުގެ ޙަރަކާތްތައް ބަލަހައްޓާ މަރްކަޒުތައް ހުންނަ ސަރަޙައްދެކެވެ.

އެމެރިކާގެ މި މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ޗައިނާގެ މި ބޭހުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއް ކިޔުބާއަށް ލިބޭނެއެވެ. ސިއްރުން އަޑުއަހާ މަރްކަޒު ކިޔުބާގައި ބިނާކުރުމަށް ޗައިނާއާއި ކިޔުބާ މިހާރު ވަނީ އުޞޫލީ ގޮތުން އެއްބަސްވެފައެވެ. 

އެމެރިކާ ކަންބޮޑުވޭ

އެމެރިކާ ބައްރާ ކައިރީގައި ކިޔުބާ އޮންނާތީ އެމެރިކާގެ ރައީސް ބައިޑްންގެ އިދާރިއްޔަތުން މި ކަމާމެދު ވަރަށް ކަންބޮޑުވެއެވެ. އެމެރިކާ ދެކޭ ގޮތުގައި ޢަސްކަރީ އަދި އިޤްތިޞާދީ މައިދާނުގައި އެމެރިކާއާ ވާދަކުރާ އެންމެ ބޮޑު ޤައުމަކީ ޗައިނާއެވެ. އެހެންކަމުން އެމެރިކާގެ ވަލުފަރާތުގައި ޗައިނާއިން މި ފަދަ ބޭހެއް ހެދުމަކީ އެމެރިކާއަށް ބިރުހުރި ކަމެކެވެ.
އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ކިޔުބާގައި ޗައިނާއިން ހަދަން އުޅޭ މަރްކަޒާ ބެހޭގޮތުން ވޭތުވެދިޔަ ދެތިން ހަފުތާގެ ތެރޭގައި އެމެރިކާގެ ޖާސޫސީ އިދާރާއަށް  ލިބުނު މަޢުލޫމާތުތަކަކީ ޤަބޫލުކުރެވޭ ވަރުގެ ތެދު މަޢުލޫމާތުތަކެކެވެ. މި މަރްކަޒުގެ ސަބަބުން ޗައިނާއަށް އެމެރިކާގެ އީމޭލްތަކާއި ފޯންކޯލްތަކާއި ހެދި ހަނދު މެދުވެރިކޮށް ދުރަށް ފޮނުވޭ ދެއްކުންތއް ދެނެގަތުމުގެ ބާރު ލިބޭނެއެވެ.  

އެމެރިކާގައި ހުންނަ ޗައިނާ އެންބެސީން މި ކަމާމެދު އެއްވެސް ކޮމެންޓެއް ނުކުރިއެވެ. އެމެރިކާގެ މަސްއޫލުވެރީން ވެސް މި މަރްކަޒާ ބެހޭގޮތުން އިތުރު ތަފްޞީލު ދެއްވެން ނެތްކަމަށް ވިދާޅުވިއެވެ. މި ބޭސް ހަދަން ފަށައިފިކަމެއް ނޫންކަމެއް އެމެރިކާއިން ހާމައެއް ނުކުރެއެވެ. މި ބޭސް ހެދުން ހުއްޓުވުމަށް ޓަކައި ބައިޑްންގެ ސަރުކާރުން ފިޔަވަޅު އަޅާނެކަމެއް ނާޅާނެ ކަމެއް ވެސް ނޭނގެއެވެ.

މި ހުސްވި މަހު ރައީސް ބައިޑްން އެމެރިކާގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރ ވިލިއަމް ބަރންޒް ބޭޖިންގަށް ސިއްރު ދަތުރުފުޅެއްގައި ފޮނުއްވިއެވެ. އަދި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ވިއެނާގައި ޗައިނާގެ އިސް މަސްއޫލުވެރިއަކާ ވެސް ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ކޔުބާގެ ބޭހާބެހޭގޮތުން ވާހަކަ ދެއްކެވި ކަމެއް ނޭނގެއެވެ. 

ލަފާކުރެވޭ ގޮތުގައި މި މަހު އެމެރިކާގެ ޚާރިޖީ ވަޒީރު ބޭޖިންގަށް ދަތުރުފުޅެއް ކުރައްވާނެއެވެ. މި ދަތުރުފުޅުގައި އޭނާ ޗައިނާގެ ރައީސް ޝީ ޖިންގ ޕިނާ ބައްދަލުކުރައްވައިފާނެ ކަމަށް ލަފާކުރެވެއެވެ. 

ޗައިނާއިން ބަހަނާ ދައްކާގޮތުގައި ޗައިނާ ކައިރީގައި އެމެރިކާގެ ޖާސޫސީ ބޭސްތައް ހުންނައިރު ޗައިނާގެ ބޭހެއް އެމެރިކާ ކައިރީގައި ހުރީމާ އެމެރިކާ ކަންބޮޑުވާކަށް ނުޖެހެއެވެ. ޗައިނާއަށް ބަލާއިރު އެ ޤައުމުން ބޭރުގައި ހުރި އެ ޤައުމުގެ ހަމައެކަނި ބޭހަކީ ޖިބޫތީގައި އޮތް ބޭހެވެ. ޗައިނާއިން ދަނީ ކެމްޕޫޗިޔާއާއި އިމާރާތްފަދަ ބައެއް ޤައުމުތަކުގައި ބަނދަރުތައް ހަދައިދެމުންނެވެ. އެމެރިކާ ތުހްމަތު ކުރާ ގޮތުގައި މިއީ ޗައިނާގެ ޢަސްކަރީ ބާރު ދެއްކުމަށް ޓަކައި ޖާސޫސީ ބޭސްތަކާއި ޢަސްކަރީ ބަނދަރުތަކުގެ ވިއުގައެއް ޤާއިމުކުރުމަށް ޗައިނާއިން ކުރާ މަސައްކަތެކެވެ.

ކިއުބާއަށް ބަލާއިރު ރައީސް ބައިޑްންގެ ސަރުކާރުން ވަނީ ކިޔުބާއާއެކު ގުޅުންތައް ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. ރައީސް ޓްރަމްޕް ގެންގުޅުއްވި ސިޔާސަތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކިޔުބާ މީހުންނަށް އެމެރިކާއަށް ދިޔުމަށް ބޭނުންވާ ވިޒާ ދިނުމުގެ އިޖްރާއާތު ވަނީ ލުއިކޮށްފައެވެ.

The post އެމެރިކާގެ އިންފާރު ކައިރީގައި ޗައިނާގެ ޖާސޫސީ ބޭހެއް first appeared on އަދިވެސް އޮންލައިން.



More from Adhives Online