ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ- 1

Thu, 08 Jun 2023 01:23 AM

View on this article on Adhives Online

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ- 1

ފިނޭ ފަގީރު ކޮއި ނުވަތަ ލަންކާ ކަލޭފާނާ ބެހޭގޮތުން ކިޔާ އުޅެނީ އެއީ ހދ. ފިނޭއަށް އުރުނު ކަސަބުލަންކާގެ ނަވަކުން ވަޑައިގެންނެވި ވަލީވެރި ބޭކަލެއް ކަމަށެވެ. ކަސަބުލަންކާއަކީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ކަމަށްބުނެވޭ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ ނިސްބަތްވެ ވަޑައިގަންނަވާ މަޣުރިބުކަރަ (މޮރޮކޯ) ގެ އައްސޭރިފަށުގައި އޮންނަ ބޮޑު ސިޓީއެކެވެ.

ލަންކާ ކަލޭފާނު ނުވަތަ ފިނޭ ފަގީރުކޮޔަކީ ކަނޑުމަތީގައި ކަޅުހިލަދައިގައި ދަތުރުކުރައްވައި، މަގުމަތީގައި ހެދިފައި ހުންނަ ވާރޭފެންކޯރުން ކަޅުބިލަ މަސްބޭނުން ފަދަ އާދަޔާ ޚިލާފު، ކަރާމާތްތެރި އެތައް ކަމެއް ކުރެއްވި ވަލީވެރި ބޭކަލެއް ކަމަށް ބުނެވެއެވެ.

މިއީ ތުންތުންމަތިން އައިސްފައިވާ ފޯކުލޯރެކެވެ. އެކި މީހުން ކިޔާއިރު ތަފާތުތައް ހުއްޓަސް މައިގަނޑު ވާހަކަ ދާދި އެއްގޮތެވެ. ތުންތުންމަތިން އައިސްފައިވާ މިފަދަ ފޯކުލޯރުތަކަކީ މުޅިން ހަގީގަތަކަށް ނުވިޔަސް ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހުންނަ ވާހަކަ ތަކެކެވެ. މި ފޯކުލޯރުގައި ކިޔާ ބައެއް ތަންތަން އަދިވެސް ފިނޭގައި އެބަހުއްޓެވެ. އަނެއްބައި ތަންތަން ވަނީ ނެތި ގޮސްފައެވެ. ނުވަތަ ނައްތާލައިފައެވެ.

ފިނޭގައި ދާދި ފަހަކާ ޖެހެންދެން ވެސް ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނުގެ ޒިޔާރަތް ކަމަށް ބުނެވޭ ޒިޔާރަތެއް ހުއްޓެވެ. އެ ޒިޔާރަތާއި އެތާ ކައިރި ހުރި ކުޑަ މިސްކިތް ހިމެނޭ ސަރަހައްދު ވަނީ ފިނޭ ސްކޫލު ބޮޑުކުރުމުގެ ތެރޭގައި އެ ސްކޫލުގެ ގޯތިތެރެއަށް އިތުރުކޮށްފައެވެ. މިކަން ކުރުމަށް ޒިޔާރަތް ރޫޅާލައި ގަބުރު ކޮނެގެން ނެގިއިރު އެތަނުގައި ދެ ގަބުރު އޮތެވެ. އެއީ އާންމު ދިވެހީންގެ އިސްކޮޅާއި، ގުނަވަންތަކުގެ ކަށިތަކާ އަޅާބަލާއިރު ބޮޑު ދެ ގަބުރުކަމަށް ގަބުރު ދުށް މީހުން ބުނެއެވެ.

ފިނޭގައި ޒިޔާރަތްމަގު ކިޔާ މަގެއް މިހާރު ވެސް އެބަ އޮތެވެ. އެ ޒިޔާރަތް މަގާ ފިނޭ ފަގީރުކޮއިގެ ޒިޔާރަތާ ގުޅުމެއްނެތެވެ. ނަމަވެސް ޒިޔާރަތް މަގުގެ އިރުމަތިން ކުޑަ ފެންގަނޑު ކިޔާ ސަރަހައްދުގައި މަގުބަރާއެއް އެބަހުއްޓެވެ. އެ މަގުބަރާ ނުވަތަ މަހާނަ ފާހަގަ ކުރުމަށް މޫދުން ނަގާފައި ހުންނަ ގާ ޖައްސާފައި އެބަހުއްޓެވެ. އެއް ދުވަސްވަރެއްގައި އެތަން ފަނުން ކޮންމެވެސް ވަރަކަށް ހިޔާކޮށްފައި ވެސް ހުރި ކަމަށް ވެއެވެ. އެކަމަކު އެ މަހާނައަކީ ކާކުގެ މަހާނައެއް ކަމެއް ނޭނގެއެވެ.

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނުގެ ޒިޔާރަތަކީ އެ ރަށާ ކައިރި އެހެން ރަށްރަށުގެ މީހުންވެސް ނަދުރު ބުނެއުޅުނު މަޝްހޫރު ޒިޔާރަތެކެވެ. މީހުން ވަރަށް ކަމޭހިތައި އުޅުނު ޒިޔާރަތެކެވެ. ހުކުރު ހޯމަވިލޭރޭ ވޮށް ދިލައި އުޅުނު ތާރީީޚީ ބިނާއެކެވެ.

ފިނޭ ފަގީރުކޮއިގެ ޒިޔާރަތެއް ނ. އަތޮޅު ދިގުރަށުގައި ވެސް ހުރެއެވެ. މިފަދަ ވަލީވެރިން ކަމަށް ކިޔާ އުޅޭ ބޭކަލުންގެ ޒިޔާރަތްތައް އެއް ރަށަށްވުރެ ގިނަ ރަށްރަށުގައި ހުރުމަކީ އާންމު ކަމެކެވެ.

"ފިނޭ ފަގީރުކޮއި ވާހަކަ" މީގެ ކުރިން އަޅުގަނޑު ވާނީ އުދަރެސް މަޖައްލާގައި ޝާއިޢުކޮށްފައެވެ. އެ ވާހަކަ ލިޔުނީ އަޅުގަނޑު ނ. އަތޮޅު ދިގުރަށުން ދުށް ފިނޭ ފަގީރުކޮއިގެ ޒިޔާރަތް ކަމަށް ބުނާ ޒިޔާރަތާ ބެހޭގޮތުން ހޯދި މަޢުލޫމާތުގެ އަލީގައި ނ. މަނަދޫ މީހުން އެ ވާހަކަ ކިޔާއުޅޭ ގޮތަށެވެ. މި ފަހަރު މި ވާހަކަ އަލުން މި ލިޔަނީ "ޒުވާން މަސްވެރިޔާ" އެފްބީ ޕޭޖަށް ހދ. ފިނޭ ދިއްގާމާގޭ މުޙައްމަދު ރަޝީދު ކިޔައިދެއްވާފައިވާ ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކައާއި މަނަދޫގައި ކިޔަމުން އައި ފިނޭ ފަގީރުކޮއި ވާހަކަ އަސްލަކަށް ބަލައިގެން އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.

ލަންކާ ކަލޭފާނަށް ފިނެއަށް ވަޑައިގެންނެވުނު ގޮތް

ލަންކާ ކަލޭފާނު ނުވަތަ ފިނޭ ފަގީރުކޮޔަކީ މޮރޮކޯގެ ކަސަބު ލަންކާގެ ނަވެއްގައި ދަތުރުކުރެއްވި ވަލީވެރި ބޭކަލެކެވެ. އެ ނައު އުރުނީ ހދ. ފިނޭގެ ލަންކާ މުއްޔަކަށެވެ. ލަންކާ މުލީގެ ނަމުން އެ މުއްޔަށް ނަން ދެވުނީ ލަންކާ ކަލޭފާނު ދަތުރުކުރެއްވި ނައު އެ މުއްޔަށް އުރި ފުނޑުފުނޑުވެ ދިޔަ ހާދިސާއަށް ފަހުއެވެ.

ލަންކާ ކަލޭފާނު ފިޔަވައި ނަވުން ދަތުރުކުރި އެހެން އެއްވެސް މީހަކު ސަލާމަތެއް ނުވެއެވެ. ހުރިހާ އެންމެން މަރުވެ ދިޔައީއެވެ. ސަލާމަތްވީ ލަންކާ ކަލޭފާނު އެކަންޏެވެ.

ނަވުން ސަލާމަތްވެގެން ފިނެއަށް ލަންކާ ކަލޭފާނު އަރާވަޑައިގަތީ ފިނޭގެ "ދިމާމަގު" ކިޔާ މަގުންނެވެ. އޭރު އެކަލޭގެފާނުގެ ހެދުންކޮޅު ހުރީ އެކި ތަންތަނުން ވަރަށް ބޮޑަށް ވީދިފައެވެ. ހަށިކޮޅުގެ އެކިތަންތަން ވަނީ ފާރުވެފައެވެ. ހަށިކޮޅުގައި ހިނގާބިނގާވެ ވަޑައިގަންނަވާނެ ވަރެއް ވެސް ނެތެވެ. އެހެންވެ ދިމާމަގުގައި ހުރި ހޮޅުއަށްޓެއް ފެނިވަޑައިގަތުމުން އެ ހޮޅުއަށީގައި އޮށޯވެވަޑައިގަތީއެވެ.

މޫސާ ކަތީބު ކަލޭފާނުގެ ދޮން އައިސަ

ފިނޭ މޫސާ ކަތީބު ކަލޭފާނުގެ ދޮން އައިސައަކީ ފިނޭގައި އަދި މުޅި ބޮޑުތިލަދުންމަތީގައި ވެސް އިން އެންމެ ރީތި އަންހެން ކުއްޖާއެވެ. ފަތްމިންޏެއް ފަދަ ރީތި ދޮން އައިސަ، ފިރިފުރާވަރަށް އެރިއިރުވެސް ފިނޭ މޫސާ ކަތީބުކަލޭފާނު ރުހިވަޑައިގަންނަވާ ފިރިހެން ކުއްޖަކު ފެނިވަޑައެއް ނުގެންނެވިއެވެ. މޫސާ ކަތީބު ކަލޭފާނުގެ ހައިބަތާއި ގަދަރާއި ޢިއްޒަތާއި އަދި އެ ކަތީބު ކަލޭފާނަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން ޒުވާން ފިރިހެން ކުއްޖަކަށް ދޮން އައިސައާ ދިމާއަށް ފާޑެއްގެ ނަޒަރަކުން ވެސް ބަލައިލާކަށް ނުކެރެއެވެ.

ދޮން އައިސަ ވިހާފައި ނުވަރޭފެނުގައި ދޮން އައިސަގެ މަންމަ ވަނީ ނިޔާވެފައެވެ. އެހެން ނަމަވެސް ފިނޭ މޫސާ ކަތީބު ކަލޭފާނުގެ މުއްސަނދިކަމުން އަތްފަޔަށް މީހުން ލައްވައި ކިރުމައިން ލައްވައިގެން ދޮން އައިސަ ބަލާބޮޑުކުރެއްވީ ވަރަށް ލޯބިންނެވެ. ދޮން އައިސަ ދެކެ ކިތަންމެ ލޯތްބެއް ވިޔަސް ކަތީބު ކަލޭފާނުގެ ވިސްނުންފުޅަކީ މަސައްކަތްތެރި ގެވެހި އަންހެން ކުއްޖެއްގެ ގޮތުގައި އެ ދަރިފުޅު ބަލާބޮޑުކުރެއްވުމެވެ. އެހެންކަމުން ދޮން އައިސަ ފިރިފުރާވަރަށް އެރިއިރު ގޭތެރޭގައި ދޮން އައިސައަށް ކުރަން ނޭނގޭ އެއްވެސް ކަމެއްނެތެވެ. އަދި ކުރާ ކޮންމެ ކަމެއް ވެސް ދޮން އައިސަ ކުރަނީ ވަރަށް ފުރިހަމައަށެވެ. ދޮން އައިސަ އަބަދު ވެސް ހުންނަނީ ފެންވަރާ، ދިވެހި ލިބާސްލައި ފޭލި އަނދެ ޒީނަތްތެރިވެގެންނެވެ. ބަދިގެތެރޭގައި އުޅުނަސް އަތްފަޔާއި ކަނދުރާ ފުރެންދެން އޮންނަނީ ރަންހިރީގެ ގަހަނާ އަޅައި ފުރާފައެވެ. ދޮން އައިސަ ފެނުމުގެކުރިން އަޅާފައި ހުންނަ ރަން އުޅާތަކާއި ތަކަހޮޅިތަކާއި ގަހަނާތަކުގެ އަޑު އިވެއެވެ.

ޒުވާން އަންހެން ކުދިން ހެނދުނުހެނދުނާ އަތިރިމައްޗަށް ތެލިދޮންނަށްދާއިރު ދޮން އައިސަ ވެސް ތެލި ދޮންނަން ދެއެވެ. ނަމަވެސް އެހެން ކުދިންނާ ވަކިން ދޮން އައިސަ ތެލި ދޮންނަން ދަނީ ފިނޭގެ ދިމާމަގާ ދިމާ އަތިރިއަށެވެ. މަގެއް މަތިން ދޮން އައިސަ ފެނުނަސް މީހުން ބަލާވަރުން ދޮން އައިސަ ގަންނަނީ އަމަށަކު ލަދެއް ނޫނެވެ. ދިމާމަގު އަތިރިއަށް ތެލި ދޮންނަން ދަނީ އެހެންވެއެވެ.

ލަންކާ ކަލޭފާނާއި ދޮން އައިސައާ ބައްދަލުވުން

އާދައިގެ މަތިން ދިމާމަގު އަތިރިއަށް ދޮން އައިސަ ތެލިދޮންނަން ދިޔަ ދުވަހެކެވެ. ބޮލުގައި ތެލިތައް ބަހައްޓައިގެން ހިނގާފައިދިޔައިރު ގަހަނާތަކުގެ އަޑު އިވެމުންދިޔައެވެ. އަންހެންވަންތަ ފަރި ހިނގުމާއެކު އިވެމުންދަނީ ހަމައާ އެކު އިވޭ ހިތްގައިމު ލުއިލުއި މޫސީގެކެވެ. ދޭތެރެދޭތެރެއިން ފޭލިން ދަތިޖެހޭގޮތް ވުމުން އެ އަޑަށް އިތުރު ފުރިހަމަކަމެއް އާދެއެވެ.

ހޮޅުއަށީގައި އޮތް ލަންކާ ކަލޭފާނަށް ސިހިގެން ގޮސް ބޯ ހިއްލާލައި ބަލާލެވުނީ އާދަޔާ ޚިލާފު އަޑެއް އިވިގެންނެވެ. އެ ވަގުތަކީ ދޮން އައިސައަށް ވެސް ހޮޅުއަށީގައި އޮތް މީހާއަށް ބަލާލެވުނު ވަގުތެވެ. ސިހިގެން ގޮސް ހަތަރުކަޅި ހަމަވި ވަގުތު އެ މީހާގެ މޫނުމަތިން ފެނުނީ އިންތިހާއަށް ވަރުބަލިވެފައިވާ އަސަރުތަކާއެކު ވެސް އުޖާލާކަމެވެ. ފުރަތަމަ ވެސް އެއީ ފިނޭ މީހެއް ނޫންކަން އެނގުނެވެ. އެ މީހާ ލައިގެންއޮތް ހެދުން އޮތީ އެކިތަންތަނުން ވީދިފައެވެ. ގައިގެ އެކި ތަންތަނުގައި ހެދިފައިވާ ބޮޑެތި ފާރުތައް ހާއަށް އޮތެވެ. އެތަންތަނުގައި އޮތީ މެހިބުރަބުރައެވެ. އެ ފާރުތަކުން ދިޔައީ ފާދިޔަ ފައިބަމުންނެވެ. ތެލި ދޮންނަން އަތިރިމަތީގައި އިން އިރުވެސް އިރުއިރުކޮޅުން އެ ހޮޅުއަށީގައި އޮތް މީހާއަށް ދޮން އައިސައަށް ބަލާލެވެއެވެ. ދޮން އައިސަ ހިތަށް އެރިއެވެ. އިންސާނަކު މިފަދަ ނިކަމެތި ހާލަށް ދޫކޮށްލާފައި ދެނެހުރި ކަމަށް ނުހަދައި ދާންވީ ބާވައެވެ. ނުވަތަ ގެއަށް ގޮސް މި ވާހަކަ ބައްޕަގެ އަރިހުގައި ދަންނަވާނީ ބާވައެވެ. މިފަދަ ފިކުރުތަކެއްގައި އިނދެ، ތެލި ދޮވެ ނިންމާލައިގެން އެއްގަމަށް ހިނގައިގަތެވެ. އަވަސް އަވަހަށް ގެއަށްގޮސް ބޯފެނާއި ކާއެއްޗެއްސާއި ލާނެ މުންޑަކާއި ލިބާހެއް ހިފައިގެން އައިސް ހޮޅުއަށީގައި ބެހެއްޓިއެވެ. އޭގެފަހުން ކޮންމެ ދުވަހަކުވެސް ދޮން އައިސަ ތެލި ދޮންނަން އަންނަނީ ލަންކާ ކަލޭފާނަށް ކާބޯ ތަކެއްޗާއި ބޭހާ ހިފައިގެންނެވެ.

ލަންކާ ކަލޭފާނުގެ ގައިގެ އެތަންމިތަނުގައި ހެދިފައިހުރި ފާރުތަކުގައި ބޭސް އަޅައިދެމުން ދިޔައީ ދޮން އައިސައެވެ. ކަތީބު ކަލޭފާނަކީ ވަރަށް މޮޅު ދިވެހި ބޭސްވެރިއަކަށް ވާތީ ބޭސްތައް އޮޅުން ފިލުވަމުން ގެންދިޔައީ ބައްޕަގެ އަރިހުންނެވެ. ދޮން އައިސަ ސުވާލު ކުރަނީ މިވެނިއެވެނިހެން ހުންނަ ބޮޑެތި ފާރުގަނޑުތަކުގައި އަޅާނީ ކޮން ބޭހެއްތޯއެވެ؟

ކަތީބު ކަލޭފާނު ހީފުޅުކުރައްވަނީ ދަރިފުޅު ދިވެހި ބޭސްވެރިކަން ދަސްކުރަނީ ކަމަށެވެ. އެހެންވެ އެހެން މީހަކަށް ދުވަހަކު ވެސް ވިދާޅުވެ ނުދެއްވާ ކިތަންމެކިތަންމެ ބޭހެއް ދޮން އައިސައަށް ދިޔައީ ވިދާޅުވެ ދެއްވަމުންނެވެ.

ލަންކާ ކަލޭފާނަށް ފަގީރުކޮއިގެ ނަން

ކަލޭފާނު ދިމާމަގު ހޮޅުއަށީގައި މިގޮތަށް އޮންނަވާތަން އެރަށުގެ އެހެން މީހުންނަށް ވެސް ފެނި އެ ކަލޭގެފާނު އޮންނަވާ ފަގީރު ނިކަމެތި ހާލުކޮޅުގެ ސަބަބުން ފިނޭ ފަގީރުކޮއިގެ ނަންދީ ހަރުކޮށްފިއެވެ. އެހެން ނަމަވެސް ދޮން އައިސަ މުޚާޠަބު ކުރަނީ ލަންކާ ކަލޭފާނުގެ ނަމުންނެވެ.

ދޮން އައިސައާއި ފިނޭ ފަގީރުކޮއި މިގޮތަށްބައްދަލުވާތާ ދުވަސްތަކެއް ފާއިތުވެއްޖެއެވެ. އޭރު ފަގީރުކޮއި ދިވެހި ދަސްކުރައްވައި ކުޑަކުޑަކޮށް ވާހަކަ ދައްކާ އުޅުއްވައެވެ. އެ ވާހަކަތަކުން ދޮން އައިސައަށް އެނގުނީ ލަންކާ ކަލޭފާނަކީ ކަސަބު ލަންކާގެ ނަވެއް ފިނޭގެ ލަންކާމުއްޔަށް އުރިގެން ފިނޭއަށް އެރުނު ބޭކަލެއް ކަމެވެ. ލަންކާ ކަލޭފާނަށް އެނގިވަޑައިގަތީ ދޮން އައިސައަކީ އެރަށު މޫސާ ކަތީބު ކަލޭފާނުގެ ހުރި ހަމައެކަނި ދަރިކަނބަލުންކަމެވެ.

ލޯބީގެ ވާހަކަ

ދެ މީހުންގެ ދޭތެރޭގައި އޮތް ރަހުމަތްތެރިކަން އެންމެފަހުން ލޯތްބަށް ބަދަލުވެއްޖެއެވެ. އެހިސާބުން ކޮންމެ ރެއަކު ވެސް ދޮން އައިސަ ދިމާމަގަށް އައިސް ލަންކާ ކަލޭފާނާ ބައްދަލުކޮށް ހަދަމުން ދިޔައެވެ. އެގޮތަށް އައި އެއްރެއަކު ލަންކާ ކަލޭފާނު ދޮން އައިސަ ކައިރިގައި ވިދާޅުވިއެވެ. ލަަންކާމުއްޔާ ދިމާ ތުނޑިއަށް ހިނގާބަލާށެވެ. ސާދަ ވިލޭރޭގެ ނަލަ ހަނދުވަރުގެ ތެރޭގައި އެ ތުނޑިއަށް ދިޔައިރު ރާޅުފެންފަށުގައި ބޮޑު ކަޅުހިލަދައެއް އޮތެވެ. ތިމަން ކަލޭފާނު އެބަ ވަޑައިގަންނަވަމޭ ވިދާޅުވެފައި އެ ކަޅުހިލަ ދައިގެމައްޗަށް އަރައިވަޑައިގެން، ވަޑައިގެންފިއެވެ. ޖަހާލި ވިދުވަރެއްހެން ފެންފެންމަތިން ގޮސް ލޮލުކޮޅަށް އޮބާލިއެވެ. އެތައް އިރަކު ހުރިއިރުވެސް ލަންކާ ކަލޭފާނުގެ ޚަބަރެއް ނުވިއެވެ. އެހެން ހުއްޓައި ފަތިސްދަންމަތިވުމުން ދޮން އައިސަ އެންމެފަހުން އެއްގަމަށް ދާން ހިނގައިގަތެވެ. އެ ދިޔައިރު ލަންކާ ކަލޭފާނު އާންމުކޮށް އޮންނަވާ ހޮޅުއަށީގައި އެ ކަލޭގެފާނު އަވަހާރަފުޅު ލައްޕަވާފައި އޮންނެވިއެވެ. މި ފެނުނު ކަންތައްތަކުން ލަންކާ ކަލޭފާނަކީ އާދައިގެ މީހެއް ނޫން ކަމާއި އެއީ ވަލީވެރި ބޭކަލެއްކަން ދޮން އައިސައަށް އެނގި، ޔަގީންވިއެވެ.

ފިނޭ ފަގީރުކޮޔާއި ދޮން އައިސަގެ ކައިވެނި

ލަންކާ ކަލޭފާނު ކަޅުހިލަދައިގައި ދަތުރުކުރެއްވި ރެއަށްފަހު އިރު އެރީ ދޮން އައިސަގެ ހަޔާތުގައި ކުރިމަތިވެދާނެ ކަމަށް ހީވެސް ނުކުރާ ކަހަލަ ދުވަހަކަށެވެ. ހެނދުނުހެނދުނާ ބައްޕައާ ބައްދަލުކޮށް މީހަކާ އިންނަން ބޭނުންވާ ވާހަކަ ދޮން އައިސަ ދެންނެވިއެވެ. އިންނަން ރުހޭ ބަސްބުނީ ކާކާތޯ ކަތީބު ކަލޭފާނު ސުވާލުކުރެއްވިއެވެ. އެ ވަގުތު އެއީ ފިނޭ ފަގީރުކޮއި ކަމަށް ދޮން އައިސަ ދެންނެވިއެވެ. އެ އަޑު އައްސަވައި ކަތީބު ކަލޭފާނު ކޯފާވީ އަމަށަކު ވަރަކަށް ނޫނެވެ. އިންތިހާއަށް ކޯފާވެވަޑައިގެން ވިދާޅުވިއެވެ. ތިޔަ ކައިވެންޏަށް ވަލީއެއް މި ކަތީބު ކަލޭފާނު ހަމަ ހެޔަކު ހުރެ ނުދެއްވާނަމެވެ. މި ވާހަކަފުޅާ ގުޅިގެން ދޮން އައިސަ ރޮއި އެހެން މީހަކާ ނުއިންނާމޭ ދެންނެވީމާ ކަތީބު ކަލޭފާނު ވެވަޑައިގެންނެވި ކޯފާގައި ދޮން އައިސަ ގައިގައި އަޅައިދެއްވާފައި ހުރިއްޔާހުރި ގަހަނާއެއްވިއްޔާ އަތުލައްވައި ގޭން ބޭރަށް ލައްވައިފިއެވެ.

މި ހިތާމައިގައި ދޮން އައިސާ ބަލިވެ ނުކައިނުބޮއި ހާލު ދެރަވެ މަރުވެދާނެހެން ހީވާން ފެށުމުން މަރުމަތި ބަލައިދިނުމަށް ވަޑައިގަތުމަށް ކަތީބު ކަލޭފާނަށް ބަޔަކު ގޮސް ދެންނެވިއެވެ. އެހިސާބަށް ކަންތައްތައް ދިއުމުން އެންމެފަހުން ކަތީބު ކަލޭފާނު ޝަރުތަކާއެކު އެ ކައިވެނި ކޮށްދެއްވަން އެއްބަސްވެވަޑައިގަތެވެ. އެއީ ކަތީބު ކަލޭފާނުގެ މުދަލުން ދޮން އައިސައަށް އެއްވެސް އެއްޗެއް ނުވާގޮތަށް ދޮން އައިސަ ރުހެންޏާއެވެ. އެގޮތަށް ދޮން އައިސަ ރުހި ގަބޫލުވުމުން އެ ކައިވެނި ކަތީބު ކަލޭފާނު ކޮށްދެއްވައިފިއެވެ. ކައިވެނިކޮށްގެން ފިނޭ ފަގީރުކޮޔާއި މޫސާ ކަތީބު ކަލޭފާނުގެ ދޮން އައިސަ ގެއިން ނުކުމެގެން ދިޔައީއެވެ.

ކައިވެނީގެ ހަދިޔާ

ކައިވެނިކޮށްގެން ފިނޭ ފަގީރުކޮޔާއި ދޮން އައިސައާ ދެ މީހުން ރަށުގެ އެހެން މީހުންނާ ތަންކޮޅެއް ދުރުގައި އުޅެންފެށީ ވަކިހިލޭ ދިރިއުޅުމެކެވެ. މި ކައިވެންޏަށް ހަދިޔާގެ ގޮތުގައި ކަނޑު ރަސްގެފާނު ތިން މަނަވަރު ފޮނުއްވިއެވެ. އެއް މަނަވަރުގައި ހުރީ ގެދޮރު ޢިމާރާތްކުރާނެ ސާމާނެވެ. އަނެއް މަނަވަރުގައި ހުރީ ކާބޯތަކެއްޗެވެ. އަނެއް މަނަވަރުގައި ހުރީ ރަނާއި ރިއްސާއި ޖަވާހިރެވެ. ފިނޭ ފަގީރުކޮޔާއި ދޮން އައިސައާ ކައިވެނި ކޮށްގެން އުޅެންފެށިތާ މާގިނަ ދުވަހެއް ނުވެ ރަށުތެރޭގައި ކިޔަންފެށިއެވެ. ފިނޭ ފަގީރުކޮއިގެ ދެމަފިރިން ވަރުގެ މުއްސަނދި ބަޔަކު ދުނިޔެތާކު އުޅޭނެ ބާވައެވެ.

ކަތީބު ކަލޭފާނު ފަގީރުވުން

ފިނޭ ފަގީރުކޮޔާއި ކަތީބު ކަލޭފާނުގެ ދޮން އައިސަގެ ދެމަފިރިން އުޅެނީ ހާދަހާވާ މުއްސަނދި ދިރިއުޅުމެކޭ ރަށުތެރޭގައި ކިޔަން ފަށައިފިއެވެ. މި އަޑު އެންމެފަހުން ކަތީބު ކަލޭފާނުގެ ކަންފަތްޕުޅަށް ވެސް އެރިއެވެ. އޭރު އެއްދުވަހުން އަނެއް ދުވަހަށް ކަތީބު ކަލޭފާނު ދިޔައީ ފަގީރުވަމުންނެވެ. އެންމެފަހުން ހުރިހާ މުދަލެއް ހުސްވެ ބިކަ ހާލުގައި ޖެހިއްޖެއެވެ. އަތުގައިހުރި ހުރިހާ ހަރު މުދަލެއްވެސް ވިއްކައި ހުސްވެއްޖެއެވެ.

(ނުނިމޭ)

* މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

The post ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ- 1 first appeared on އަދިވެސް އޮންލައިން.



More from Adhives Online