ކޮލަމް ކޯދު: ތާރީޚުން ފިލާވަޅެއް- ޖަރުމަނުވިލާތުގެ ވާހަކަ- 3

Tue, 30 May 2023 01:54 AM

View on this article on Adhives Online

ކޮލަމް ކޯދު: ތާރީޚުން ފިލާވަޅެއް- ޖަރުމަނުވިލާތުގެ ވާހަކަ- 3

’ތާރީޚުން ފިލާވަޅެއް 1: ޖަރުމަނުވިލާތުން ވާހަކައެއް' މިލިޔުމުގެ ފުރަތަމަ ދެބައިން، 1945 މޭމަހު، ދެވަނަ ބޮޑުހަނގުރާމަ ޔޫރަޕުގައި ނިމުމަކަށް އައުމާ ވިދިގެން، ޖަރުމަނުވިލާތުގެ މީހުން، އެމީހުންގެ 'ސުންގަޑި’އާ ކުރިމަތިލާން ޖެހުނުކަން ފެނިގެންދިޔައެވެ. އެމީހުންގެ ގައުމު އެއްކޮށްހެން ހަލާކުވެ ފުނޑުފުނުޑުވެފައި އޮތުމާއި، އަދި، އެމީހުންގެ ގައުމު އަލުން ބިނާކުރުމުގެ ބުރަ އަދި ބޮޑު މަސައްކަތް ކުރަން ޖެހިފައިއޮތްކަން ފެނުނެވެ. ދެން މިބައިގައި ބަލާލަން ގަސްދުކުރަނީ އެމަސައްކަތް ކުރެވުނު ގޮތާއި އަދި އެކަމުން ލިބިގަނެވޭނޭ ބައެއް ފިލާވަޅުގެ މައްޗަށެވެ. މިކަމުގެ މައްޗަށް ބަލާލާނީ ތާރީޚީ ގޮތުން ދެދައުރަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ، އިއްތިހާދީންގެ ސީދާ ބާރުގެ ދަށުގައި، 1945އިން ފެށިގެން 1949ވަނަ އަހަރާއި ހަމައަށް، ޖަރުމަނުވިލާތްއޮތް ދައުރެވެ. ދެން 1949ގައި ޖަރުމަނުވިލާތް މިނިވަންވުމަށްފަހު، ޖަރުމަނުވިލާތް ބިނާކުރެވުނު ވާހަކައެވެ. އަދި، ނަވާރަސަތޭކައިގެ ފަންސާހުގެ އަހަރުތައް ނިމުމަކަށް އައިރު މިކަން އޮތް ގޮތެވެ.

ޖަރުމަނުވިލާތް: 1949-1945

ދެވަނަ ބޮޑުހަނގުރާމަ ނިމުމާ ވިދިގެން، ޖަރުމަނުވިލާތް އޮތީ އިއްތިހާދިންގެ ބާރުގެ ދަށުގައެވެ. ކުރިންވެސް، ނަންގަނެވިދިޔަ ފަދައިން، އިނގިރޭސިންނާއި، ފަރަންސޭސީންނާއި، އެމެރިކާނުންނާއި ސޯވިއެޓުންގެ އިހުތިލާލުގެ ދަށުގައެވެ. އިއްތިހާދީންގެ މައިގަނޑު ބޭނުކަމަކަށްވެފައިއޮތީ ޖަރުމަނުވިލާތަށް ‘ހަމަޖެހުން’ ގެނައުމެވެ. އިޖުތިމާއީ އަދި ސިޔާސީ ހަމަޖެހުމެވެ. އިއްތިހާދީން އެދޭ ގޮތެއްގެ މަތީންނެވެ.

އިހުތިލާލީ ބާރެއްގެ ގޮތުން، އެންމެ ފުރަތަމަ އެމީހުން ކުރަންޖެހުނު ކަމަކީ އާއްމު މީހުންނަށް ދިރިއުޅެވޭނޭ ގޮތް ހަދައިދިނުމެވެ. ކާބޯތަކެތި ހޯދައިދިނުމާއި އަދި އުޅޭނޭތަނެއް ހަމަޖެއްސައިދިނުމެވެ. މިކަން އ.ދ.ގެ ކަމާބެހޭ އިދާރާގެ އެހީގައި ކުރެވުނެވެ. މިކަން ކުރުމުގައި އާންމު ސިޔާސަތަކަށްވެފައި އޮތީ ޖަރުމަނު މީހުންނަށް ‘ކިރިޔާ އުޅެވޭވަރުކޮށް ދިނުމެވެ’. މުޅި ޖަރުމަނުވިލާތުގެ ރަށްތަކާއި ރަށްތަކުގެ މަގުތައް ވެސް އޮތީ ކުނިބުނިން ފުރިފައެވެ. އެހެންވެ، ކުނިތައް ނަގައި ރަށްތަކާއި މަގުތައް ވެސް ސާފުކުރަން ޖެހުނެވެ. މިކަންކުރީ މައިގަނޑު ގޮތެއްގައި ޖަރުމަނު އަންހެނުންނެވެ. ވަރަށް ކުޑަކުޑަ އުޖޫރައަކަށެވެ.

އިޖުތިމާއީ މި މަސައްކަތްތަކުގެ އިތުރުން، އިއްތިހާދީ ބާރުތައް ދެން ބެލީ، ޖަރުމަނުވިލާތަށް ސިޔާސީ ހަމަޖެހުން ގެނައުމަށެވެ. ކުރިންވެސް ބުނެވިދިޔަ ފަދައިން، އިއްތިހާދީން، ބޭނުންވާގޮތެއްގެ މަތީންނެވެ. މިގޮތުން އެމީހުންގެ މައިގަނޑު ތިން އަމާޒެއް ހާސިލުކުރަން ބޭނުންވިއެވެ. ޖަރުމަނުވިލާތް ލާނާޒީ ކުރުމާއި (ޑީނާޒިފިކޭޝަން) ލާސިލާހީކުރުމާއި (ޑީމިލިޓަރައިސް) އަދި ޖަރުމަނުވިލާތުގައި ޑިމޮކުރަސީ ގާއިމުކުރުމެވެ.

މިދެންނެވި ސިޔާސަތުތައް، ސޯވިއެޓު ޔުނިއަންގެ ފަރާތުންނާއި އިއްތިހާދީންގެ އެހެން ބާރުތަކުގެ ފަރާތުން – އިނގިރޭސީން، ފަރަންސޭސިން، އަދި އެމެރިކާނުން– ހިންގާލެވުނީ އެއްސިފައެއްގައެއް ނޫނެވެ. އަޅުގަނޑުގެ މިތަނުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާނީ، އިއްތިހާދީންގެ ތެރެއިން، އިނގިރޭސީންނާއި ފަރަންސޭސީންނާއި އަދި އެމެރިކާނުން، އެމީހުންގެ ބާރުގެ ދަށުގައި ހިމެނުނު ޖަރުމަނުވިލާތުގެ ސަރަހައްދު، އާދެ، ފަހުން، ހުޅަނގު ޖަރުމަނުވިލާތުގެ ނަމަށް ބަދަލުވެގެން ދިޔަ ބައިގައި ކަންތައް ކުރެވުނުގޮތުގެ މައްޗަށެވެ.

އެންމެ ފުރަތަމަ އެމީހުންގެ 'ލާނާޒީކުރުމުގެ' ސިޔާސަތަށް ބަލާލަމާ ހެއްޔެވެ. މި އިބާރަތުން ގަސްދުކުރެވެނީ ޖަރުމަނުވިލާތުން ނާޒީ އަގީދާގެ އަސަރު ފޮހެލުމެވެ. ނާޒިއްޔަތު (ނާޒިޒްމް) ބިނާވެފައިއޮތީ ހައްދުފަހަނައަޅައިގޮސްފައިވާ ގައުމިއްޔަތެއްގެ މައްޗަށެވެ. ނާޒީން ދުށީ ޖަރުމަނު މީހުންނަކީ 'ސުވާމީ' ނުވަތަ 'ސާހިބުވަންތަ ނަސްލުގެ' (މާސްޓަރ ރޭސް) ދަރިކޮޅުކަމެވެ. އަދި، އެހެން އެންމެންނަކީ އެމީހުންނަށްވުރެ ދަށް، ދެރަ ބައެއްގެ ގޮތުގައެވެ. މި އަގީދާގެ ސަބަބުން، އެހެން ގައުމުތަކުގެ މައްޗަށް ވެރިވެ، އެހެން ގައުމުތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަކީ، ނާޒީންގެ ނަޒަރުގައި، ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނާޒީން، ޖަރުމަނުވިލާތުގެ ވެރިކަމަށް އައިސް އެމީހުންގެ މިދެންނެވިފަދަ އަގީދާތަކުގެ ސަބަބުން، އެހެން ގައުމުތަކަށް ހަމަލާދީ، އެ ގައުމުތައް އިހުތިލާލުކުރިއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ފެށެން ދިމާވިއެވެ. ޖަރުމަނުވިލާތުން، ނާޒިއްޔަތުގެ އަސަރު ނައްތާލަން ނިންމުނީ މިދެންނެވި ސަބަބަށްޓަކައެވެ.

މިއާއި ޚިލާފަށް ސޯވިއެޓުން އިސްކަންދިނީ ރައުސްމާލުގެ ވެރިން (ކެޕިޓަލިސްޓުން) ނައްތާލުމަށެވެ. ކޮންމެހެން ނާޒީ އަގީދާ ނައްތާލާކަށްނޫނެވެ. އެހެންވެ، ސޯވިއެޓުން، އެމީހުންގެ ބާރުގެ ދަށުގައިއޮތް ޖަރުމަނުވިލާތުގެ އިރުމަތީބައިގައި ރައުސްމާލީން ކަމުގައި ހިމެނުނު، ނުވަތަ، ރައުސްމާލީންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރާ މީހުންކަމުގައި އެމީހުން ދުށް މީހުން ހިފާ ހައްޔަރުކުރިއެވެ. އާދެ، ސޯވިއެޓުންގެ މަގުސަދަކަށްވީ ރައުސްމާލިއްޔަތު ނައްތާލައި، އުތުރު ޖަރުމަނުގައި ކޮމިއުނިސްޓު ނިޒާމެއް ގާއިމުކުރުމެވެ. ކުރިންވެސް ނަންގަނެވުނު ފަދައިން، ޖަރުމަނުވިލާތު ބިނާކުރުމުގެ ވާހަކައިގައި، އަޅުގަނޑު ތަރުކީޒުކުރަނީ، ހުޅަނގު ޖަރުމަނުގެ މައްޗަށެވެ. އެހެންވެ، އިރުމަތީ ޖަރުމަނުގެ ވާހަކައިގެ އިތުރު ތަފްސީލަކަށް ނުދާނަމެވެ.

ލާސިލާހީކުރުން (ޑީމިލިޓަރައިޒް) މި ލަފްޒުން އިޝާރަތްކުރެވެނީ ޖަރުމަނުވިލާތަކީ 'ސިލާހެއް' ހަތިޔާރެއް، 'ނެތް ތަނަކަށް' ހެދުމަށެވެ. އާދެ، ޖަރުމަނުވިލާގެ އަސްކަރީ ބާރުވެރިކަން ނެތިކޮށްލުމަށެވެ. ޖަރުމަނުވިލާތުގެ މިލްކިއްޔާތުގައިވާ ހަތިޔާރުތައް އަތުލުމަށެވެ. އަދި ޖަރުމަނުވިލާތުގެ އަސްކަރީ ކުޅަދާނަކަން ނިގުޅައިގަތުމާއި މުސްތަގުބަލުގައި ވެސް މިފަދަ ކުޅަދާނަކަމެއް ހޯދައިގަތުމުގެ އެކަށޭނަކަން ޖަރުމަނުން ނެތިކޮށްލުމަށެވެ.

ޖަރުމަނުވިލާތް އިހުތިލާލު ކުރެވިފައި އަބަދު ނުބޭއްވޭނޭކަން، އިއްތިހާދީންނަށް ރަނގަޅަށް އެނގުނެވެ. އަދި، މިގޮތުގައި ބޭއްވުމަކީ، މުސްތަގުބަލުގައި އެއްވެސް ބަޔަކަށް ފައިދާކުރާނޭ ކަމެއް ނޫންކަން ވެސް ގަބޫލުކުރިއެވެ. އަދި، ޖަރުމަނުވިލާތަށާއި އަދި ޔޫރަޕަށްވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ޑިމޮކުރަސީ ނިޒާމެއް، ޖަރުމަނުގެ ރައްޔިތުން އަމިއްލައަށް ގާއިމުކޮށް، ޖަރުމަނުވިލާތް، ތަނުގެ އަހުލުވެރިންނާއި ވީހާވެސް އަވަހަށް ހަވާލުކުރުންކަމުގައި ވެސް ގަބޫލުކުރެވުނެވެ.

ސޯވިއެޓުންގެ މަގުސަދު ވެސް އިއްތިހާދީންގެ އެހެން މެމްބަރުންނާއި، މިގޮތުން އެއްގޮތެވެ. ސޯވިއެޓުންވެސް ބޭނުންވީ، ޖަރުމަނުންގެ އަތްމައްޗަށް ޖަރުމަނުވިލާތުގެ ހިންގުން ދޫކުރުމަށެވެ. ނަމަވެސް، ސޯވިއެޓުން ބެލީ ޖަރުމަނުވިލާތުގެ ކޮމިއުނިސްޓު ޖަމާއަތްތަކަށް ބާރު ދިނުމެވެ. އިއްތީހާދީންގެ އެހެން ގައުމުތަކުން ބެލީ ޖަރުމަނުވިލާތުގެ ޑިމޮކުރަސީގެ ނިޒާމުގެ ސިޔާސީ ޕާރޓީތައް ކުރިއަރުވައި އެޕާރޓީތަކުގެ ތެރެއިން ވެރިކަން ކުރުމަށް ބަޔަކު އައުމުގެ މަގުފަހިކުރުމެވެ. ސޯވިއެޓުންނާއި އިއްތިހާދީންގެ އެހެން ބާރުތަކުގެ ޚިޔާލު މިކަމުގައި މިނަންގަތް ގޮތުގެ މަތިން ތަފާތުވުމުގެ ސަބަބުން، ޖަރުމަނުވިލާތް ދެބައިވާން ދިމާވިއެވެ. މިނިވަން ހުޅަނގު ޖަރުމަނުވިލާތަށާއި ކޮމިޔުނިސްޓު އިރުމަތީ ޖަރުމަނުވިލާތަށެވެ. ޖަރުމަނުވިލާތުގެ އާންމު ރައްޔިތުން ބޭނުންވީ ޖަރުމަނުވިލާތް އެއް ގައުމެއްގެ ގޮތުގައި އޮތުންކަމަށް ވިޔަސް ވެހެވެ. އަދި، ހަމަ އެހެންމެ، ޖަރުމަނުވިލާތުގެ ވެރިރަށް، ބާރލިން ވެސް ދެބައިވިއެވެ. އިރުމަތީޖަރުމަނު ވިލާތުގެ ބާރުގެ ދަށުގައިއޮތް ބަޔަކަށާއި އަދި ހުޅަނގު ޖަރުމަނުވިލާތުގެ ބާރުގެ ދަށުގައި އޮތް ބަޔަކަށެވެ.

މީލާދީން 1949 ހަމައަށް އައި އިރު، ޖަރުމަނުވިލާތުގެ ހުޅަނގުގެބައިގައި ޑިމޮކުރަސީ ނިޒާމުގެ ދައުލަތެއް ބިނާކުރުމުގެ މަސައްކަތް، މިބައިގައި ހިމެނުނު ސިޔާސީ ޕާރޓީތައް ބައިވެރިކުރެވިގެން، އޮތީ ފެށިފައެވެ. އަދި، މި އަހަރުގެ މޭ މަހު ގާނޫނުއަސާސީއެއް ފާސް ކުރެވުނެވެ. 'ބޭސިކް ލޯ' (އަސާސީ ގަވާއިދުތައް) މި ނަމުން ނަންދެވިގެންނެވެ. މި ގާނޫނު އަސާސީގެ މައިގަނޑު އެއް މަގުސަދަކަށްވީ ނާޒިއްޔަތު ފަދަ، ޑިމޮކުރަސީއާއި ޚިލާފު، ސިޔާސަތުތައް ގެންގުޅޭ ޕާރޓިތައް ވެރިކަމަށް އަޔަނުދިނުމެވެ. އަދި، ހަމަ އެހެންމެ ސަރުކާރުގެ ބާރުތައް – އިދާރީ ބާރު، ގާނޫނު ހެދުމުގެ ބާރު، ގާނޫނު ހިންގުމުގެ ބާރު– އެއްބަޔެއްގެ އަތްމައްޗަށް ނުގޮސް ކަމާބެހޭ މުއައްސަސާތަކުން މިކަންކަން ކުރެވޭގޮތް ހެދުމެވެ.

ދެން، މިއަހަރު ތެރޭގައި، އާދެ، 1949ގައި، ހިނގި އެންމެ މުހިއްމު ހާދިސާއަކީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު އާންމު އިންތިޚާބެވެ. މި އިންތިޚާބު ކާމިޔާބުކުރީ މަސީހީ ޑިމޮކުރަސީ ނިޒާމުގެ އިއްތިހާދު، (ކްރިސްޓިއަން ޑިމޮކޮރެޓިކް ޔުނިއަން) މިޕާރޓީ އެވެ. އާދެ، މ.ޑ.އ. (މީމު. ޑަވިޔަނި. އަލިފު.) މި ޕާޓީއެވެ. މި ޕާރޓީގެ ވެރިޔަކަށް ހުންނެވީ ޖޯސެފް ކޮންރެޑް އެޑިނައަރއެވެ. ދެވަނަ ބޮޑުހަނގުރާމައަށްފަހު، ޖަރުމަނުވިލާތް، ހުޅަނގު ޖަރުމަނުވިލާތުގެ ނަމުގައި އުފަންވެ، އެގައުމުގެ ފުރަތަމަ ވެރިޔަކަށް ވެވަޑައިގަތީ ޗާންސެލަރ އެޑިނައަރއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ޖަރުމަނުވިލާތް އެއްކޮށްހެން ހަލާކުވުމަށް ފަހު، ދިހަވަރަކަށް އަހަރު ތެރޭގައި އެގައުމު ބިނާކުރުން ގުޅެނީ ޗާންސެލަރ އެޑިނައުރއާއި އޭނާގެ ސަރުކާރުގެ ސިޔާސަތުތަކާއިއެވެ. އަދި، އާންމު ޖަރުމަނު މީހުންގެ އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި، އެމީހުންގެ ކެރުމާއި ހިއްވަރާއި އެމީހުންގެ މިންނަތް މަސައްކަތާއެވެ. މީގެ އިތުރު ތަފްސީލުގެ މައްޗަށް ކުރުގޮތަކަށް ބަލައިލަމާ ހެއްޔެވެ.

ޗާންސެލަރ އެޑިނައުރ ހުޅަނގެ ޖަރުމަނުވިލާތުގެ ޗާންސެލަރަކަށް ވެވަޑައިގަން، ވެރިކަމާއި ހަވާލުވެވަޑައިގެންއިރު، އޭނާ ކުރިމަތިލައްވާން ޖެހިވަޑައިގަތް ގޮންޖެހުންތަކަށް އެންމެ ފުރަތަމަ ބަލައިލަމާ ހެއްޔެވެ.

ގައުމުގެ އިގުތިސާދު

ޖަރުމަނުވިލާތް 1950ވަނަ އަހަރު އޮތް ހާލަތަށް ބަލާލާއިރު، އެގައުމުގެ އިގުތިސާދު ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަލުން ބިނާކުރެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނުލިބެއެވެ. ވަޒީފާއެއް ނެތިފައި، ގާތްގަނޑަކަށް، ދެ މިލިޔަން މީހުން ތިއްބެވެ. އެއީ މަސައްކަތްކުރާ މީހުންގެ ތެރެއިން ސައްތައަކުން ދިހަ މީހުންނެވެ. މީގެ އިތުރުން އިރުމަތީ ޖަރުމަނުން ހުއްޓުމެއްނެތި ހުޅަނގު ޖަރުމަނަށް މީހުން ހިޖުރަކުރަމުން ގެންދިޔައެވެ. ނަވާރަ ސަތޭކަ ފަންސާހުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ބައިމިލިޔަން އިރުމަތީ ޖަރުމަނުގެ މީހުން ހުޅަނގު ޖަރުމަނަށް ހިޖުރަކުރިއެވެ. މީގެ މާނައަކީ މިމީހުންނަށް ވެސް، އުޅޭނެތަންތަނާއި ވަޒީފާގެ ފުރުސަތު ހޯދައިދޭން ޖެހޭކަމެވެ. އަދި، 1950 ފެށުނުއިރުވެސް ޚުދް ހުޅަނގު ޖަރުމަނުގައި ވެސް ގެދޮރުގެ ދަތިކަން އޮތެވެ. މީގެ އިތުރުން، އާއްމުކޮށް މީހުން ބޭނުންކުރަންޖެހޭ މުދާ ލިބުމުގެ ދަތިކަންވެސް އޮތެވެ. މި ކަންކަމަށް ހައްލު ހޯދައި ނުދެވިއްޖެ ނަމަ، ހަރުކަށި ސިޔާސީ ނިޒާމުގެ ޕާރޓީތައް އުފެދި، ތަނުގައި ގާއިމު ކުރެވުނު ޑޮމޮކުރަސީގެ ނިޒާމަށް ބުރުއަރައި ވެއްޓުމުގެ ބިރު ވެސް އޮތެވެ.

އިރުމަތީ ޖަރުމަނުވިލާތް

އިރުމަތީ ޖަރުމަނުވިލާތުގައި ސޯވިއެޓުން ކޮމިޔުނިސްޓު ދައުލަތެއް ގާއިމުކުރުމާއި ވިދިގެން، އެގައުމުވީ ހުޅަނގު ޖަރުމަނުވިލާތަށް އޮތް ބިރަކަށެވެ. ސަބަބަކީ، ހުޅަނގު ޖަރުމަނުވިލާތް ފޭލިވެއްޖެ ނަމަ، އިރުމަތީ ޖަރުމަނުގެ ކޮމިޔުނިސްޓު ނިޒާމު ކޮޕީކުރެވި، ހުޅުނގުގެ ބައިގައި ވެސް މިފަދަ ނިޒާމެއް ގާއިމުކުރެވި، މުޅި ޖަރުމަނުވިލާތް އެއްކޮށް ކޮމިޔުނިސްޓު ތަނަކަށް ވެދާނެތީއެވެ. އިރުމަތީ ޖަރުމަނުގެ ސިޔާސީ ވެރީން ޗާންސެލަރ އެޑިނައުރގެ ހުޅަނގަށް ތާއީދުކުރުމުގެ ސިޔާސަތުތަކާއި މުޅީން އިދިކޮޅެވެ. މިކަން މިހެން އޮތް އިރުވެސް، ރައިއްޔަތް އެދުމުގެމަތީން، ދެ ޖަރުމަނު އެއްބައި ކުރުމުގެ ސިޔާސަތެއް ގެންގުޅުއްވަން ވެސް ޗާންސެލަރ އެޑިނައުރއަށް ޖެހިވަޑައިގަތެވެ.

ފިނި ހަނގުރާމައިގެ ނުރައްކާ

ވިހިވަނަ ގަރުނުގެ މެދުގެ އަހަރުތައް ހިމެނިފައިވަނީ ފިނި ހަނގުރާމައިގެ އެންމެ ފޯރިގަދަ ދުވަސްވަރަށެވެ. ސޯވިއެޓުންނާއި އެމެރިކާނުންގެ ދެމެދުގައި އޮތް ވާދަވެރިކަން އެންމެ މައްޗަށް ދިޔަ ދުވަސްވަރަށެވެ. އެއްކޮޅުން، ސޯވިއެޓުން، އެމެރިކާނުންނޭ އެއްފަދައިން، ނިއުކުލިޔަރ ހަތިޔާރުގެ ގާބިލިއްޔަތު ލިބިގަނެ، ހަތިޔާރުގެ ވާދަވެރިކަން، ދެބާރުގެ ދެމެދުގައި ފެށިގެން ކުރިއަށް ގެންދެވުނެވެ. އަދި، މިއިން ކޮންމެ ބާރެއްމެ، އިސްތިއުމާރީ ބާރުތަކުގެ އަތްދަށުން ސަލާމަތްވެ، އަލަށް މިނިވަންކަން ހޯދަމުން ދިޔަ ގައުމުތަކާއި އަދި އެނޫން އެހެން ގައުމުތައް ވެސް، އެ ބައެއްގެ އިގުތިސާދީ ނިޒާމުގެ ދަށުގައި ބޭއްވުމަށް، ބޮޑު ދެ ބާރުގެ ފަރާތުންވެސް މަސައްކަތް ކުރަމުން ގެންދިޔައެވެ. އަދި، މި މަސައްކަތުގެ ސަބަބުން، އެކިއެކި ގައުމުތަކުގައި ‘ބަދަލު’-ހަނގުރާމަތަކެއް (ޕްރޮކްސީ ވޯރ) ކުރެވުނެވެ. އާދެ، ކޮންމެ ބާރެއްގެ ބަދަލުގައި، އެބާރުގެ އެހީތެރިކަން ލިބިގެން، އެބާރަށް ތާއީދުކުރާ ފަރާތްތަކުން، އެކިއެކި ގައުމުތަކުގައި ހަނގުރާމަތައް ކުރެވުނެވެ. މިގޮތުން ކޮރެއާގައި ކޮމިޔުނިސްޓުންނާއި އަދި ރައުސްމާލީންނާއި ދެމެދު ހަނގުރާމަ ކުރެވި ކޮރެޔާ ދެބައިކުރެވުނެވެ. ރައުސްމާލީ ދެކުނު ކޮރެޔާއަށާއި އަދި ކޮމިޔުނިސްޓު އުތުރު ކޮރެޔާއަށެވެ. އަދި ހަމަ މިފަދަ ހަނގުރާމަތައް ވިއެޓްނާމުގައްޔާއި ކޮންގޯގައްޔާއި ކިޔުބާގަ ވެސް ކުރެވުނެވެ.

މީގެ އިތުރުން އިރުމަތީ ޔޫރަޕް ވެސް ހިމެނިފައިއޮތީ ފިނި ހަނގުރާމައިގެ މައިދާނަކަށެވެ. އެހެންވެ، ސޯވިއެޓުންގެ ނުފޫޒު ހުޅަނގު ޖަރުމަނަށްވެސް ކޮށްފާނެކަމުގެ ބިރު އޮތެވެ. ޚާއްސަގޮތެއްގައި އިގުތިސާދީގޮތުން ހުޅަނގު ޖަރުމަނު ފޭލިވެއްޖެ ނަމަ، އެތަން ވެސް ކޮމިޔުނިސްޓު ތަނަކަށްވެ، ސޯވިޔެޓުންގެ ނުފޫޒުގެ ބާރުގެ ދަށަށް ދިޔުމަކީ ދުރު ކަމައް ކަމުގައި ނުވެއެވެ. މި ބިރާ ކުރިމަތިލައި، އިގުތިސާދީ ގޮތުން ހުޅަގު ޖަރުމަނު ފޭލުވެދިޔަނުދިނުމަކީ، އެޑިނާއުރ ކޮންމެހެން ކުރައްވަން ޖެހޭނޭ މަސައްކަތެއްކަމުގައި އޭނާ ދެކެވަޑައިގަތެވެ.

ފުރިހަމަ މިނިވަންކަން ނެތުން

ކޮންމެވެސް ވަރެއްގެ ސިޔާސީ މިނިވަންކަމެއް ޖަރުމަނުވިލާތަށް ލިބިފައި އޮތް ނަމަވެސް، ފުރިހަމަ ސިޔާދަތާއި މިނިވަންކަން، 1940ގެ އަހަރުތައް ނިމުނުއިރު ޖަރުމަނަށް ލިބިފައި އޮތެކޭ ނުބުނެވޭނެއެވެ. ސިޔާސީ މިނިވަންކަމުގެ ކޮންޓުރޯލު ވެސް އޮތީ ހަގީގަތުގައި އިއްތިހާދީންގެ ބާރުތަކުގެ އަތްމަތީގައެވެ. ޖަރުމަނުގެ ސިޔާސި ލީޑަރުން ނިންމާ ނިންމުންތައް ވީޓޯ ކުރުމުގެ ބާރު އިއްތިހާދީންނަށް ލިބިފައިއޮތީމައެވެ. މީގެ އިތުރުން، ރޫހރު ފަދަ ޖަރުމަނުގެ ބައެއް ސަރަހައްދުތައް އޮތީ ބައިނަލްއަގުވާމީ ކޮންޓުރޯލުގެ ދަށުގައެވެ. އަދި ދެލީގެ މުއްސަނދި ސަރަހައްދެއްކަމުގައިވާ ސާރު ސަރަހައްދު އޮތީ ފަރަންސޭސީންގެ އަތްމަތީގައެވެ. މީގެ އިތުރުން، ހަތިޔާރު ހޯދުމާއި ހަތިޔާރު އުފައްދައި، އޭގެ ވިޔަފާރުކުރުމުގެ ހައްގެއް ޖަރުމަނުވިލާތަކަށް ލިބިގެނެއް ނުވެއެވެ.

ޖަރުމަނާއި އެހެން ގައުމުތަކާއި ދެމެދުގެ ގުޅުން

ޖަރުމަނުގެ އަވަށްޓެރި ގައުމުތަކުން، ޖަރުމަނާ ދޭތެރޭ އެއްވެސް އިތުބާރެއް ނުކުރެއެވެ. މިސާލަކަށް ފަރަންސޭސިން ބަލަމުން އައީ ޖަރުމަނުވިލާތުން އަދިވެސް އުދުވާނީ ހަމަލާއެއް ދީފާނޭ ކަމަށެވެ. އިގުތިސާދީގޮތުން ޖަރުމަނުވިލާތް ކުރިއަރައި ހަތިޔާރުގެ ގާބިލުކަން ލިބެއްޖެ ނަމައެވެ. އެހެންވެ، ޖަރުމަނު ކުރިއަރާކަށް، މިފަދަ، އަވަށްޓެރި ގައުމުތަކެއް ނޭދެއެވެ. އަދި، ޖަރުމަނުގެ އުދުވާނީ ހަމަލައެއް ކުރިމަތިވެދާނޭތީވެ، 1948ގައި ފަރަންސޭސީންނާއި އިނގިރޭސީން އެއްބައިވެ، ހިލްފެއް (އެލައިންސެއް) ގައި ސޮއިކުރެވުނެވެ.

އާދެ، މިދެންނެވީ، އެޑިނާއުރ ޖަރުމަނުގެ ވެރިކަމާ ހަވާލުވެވަޑައިގެން އިރު ޖަރުމަނުގެ ހާލަތު އޮތް ގޮތާއި ކުރިމަތިލައްވާން ޖެހިވަޑައިގަތް ގޮންޖެހުންތަކެވެ. މިކަންކަމާއި ކުރިމަތިލައްވައި، މިކަންކަމަށް ހައްލު ހޯއްދަވައި، އަދި ޖަރުމަނު ވިލާތް އަލުން ބިނާ ކުރެއްވި ގޮތުގެ މައްޗަށް ދެން އޮތް ބައިގައި ބަލައިލެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަމެވެ.

The post ކޮލަމް ކޯދު: ތާރީޚުން ފިލާވަޅެއް- ޖަރުމަނުވިލާތުގެ ވާހަކަ- 3 first appeared on އަދިވެސް އޮންލައިން.



More from Adhives Online