އަލްޒައިމާ ބައްޔާ ބެހޭ އާ ހޯދުންތަކެއް

Sat, 27 May 2023 12:04 AM

View on this article on Adhives Online

އަލްޒައިމާ ބައްޔާ ބެހޭ އާ ހޯދުންތަކެއް

 

އަލްޒައިމާ ނުވަތަ ހަނދާންނެތޭ ބަލީގެ ދިރާސާގައި ޖޯންސް ހޮޕްކިންސް މެޑިސިންގެ ސައިންސްވެރިން ވަނީ އާ ޑައިގްނޯސްޓިކްގެ ގޮތްްތަކެއް ހޯދައިފައެވެ. މިގޮތުން މި ކަންތައް ޓެސްޓްކުރުމާއި ފަރުވާދިނުމާއި ރައްކާތެރިވުމުގެ ސްޓްރެޓެޖީތައް އުފެއްދުމަށް މަގުފަހިވާނެ އުއްމީދީ އާހޯދުމެއް އެމީހުން މިހާރު ހޯދައިފިއެވެ. މިއީ މި ބައްޔަށް ފަރުވާ ދިނުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޖާނަލް އޮފް ބަޔޮލޮޖިކަލް ކެމިސްޓްރީގައި ޝާއިއުކޮށްފައިވާ އެމީހުންގެ ދިރާސާގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ގްލައިކޯޕްރޮޓީން އާރުޕީޓީޕީ ޒީޓާ އެސް 3އެލްގެ ނަމުން ނަންދެވިފައިވާ ހަކުރުގެ މޮލިކިއުލްއަކާއި އަލްޒައިމާ ބަލި އުފެދުމުގެ ދައުރުގެ މައްޗަށެވެ.

އަލްޒައިމާ ބައްޔަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ޖެހޭ ޕްރޮގްރެސިވް ނިއުރޯޑިޖެނެރޭޓިވް ޑިސްއޯޑަރެކެވެ. މިއީ ސިކުނޑީގައި ދެ ވައްތަރެއްގެ ގެއްލުން ހުރި ޕްރޮޓީންތައް ޖަމާވެ ދިމާވާ މައްސަލައެކެވެ: އެއީ އެމިލޮއިޑް ޕްލެކްސް އާއި ޓާއު ޓެންގްލްސް އެވެ. މި ޕްރޮޓީން އިތުރުވެގެން ދިއުމުގެ ސަބަބުން ސިކުނޑީގެ އާދައިގެ މަސައްކަތްތަކަށް ބުރޫއަރައި، ނާރުގެ ސެލްތައް މަރުވެ، ހަމަ ބުއްދި ހީނަރުވާން ފަށައެވެ.

ސިކުނޑީގައި މައިކްރޯގްލިއާ ކިޔާ އަމިއްލަ ދިފާއީ ސެލްތަކެއް ހުރެއެވެ. މިއީ ބަލި ޖައްސާ ޕްރޮޓީންތަކާއި ގެއްލުން ހުރި މާއްދާތައް ސާފުކޮށް ސިކުނޑީގެ ސިއްހަތު ދެމެހެއްޓުމުގެ ޒިންމާ އުފުލާ ސެލްތަކެކެވެ. ނަމަވެސް އަލްޒައިމާ ބަލީގައި މައިކްރޯގްލިއާގެ މި މުހިންމު މަސައްކަތް ކުރުމުގެ ޤާބިލުކަން ދަށްވެ، ވިހަ ޕްރޮޓީންތައް ޖަމާވެ ސިކުނޑިއަށް ގެއްލުން ލިބެއެވެ.

އެމީހުންގެ ދިރާސާގައި ޖޯންސް ހޮޕްކިންސްގެ ސައިންސްވެރިން ވަނީ އަލްޒައިމާ ބަލީގައި މަރުވެފައިވާ މީހުންގެ ސިކުނޑީގެ ޓިޝޫ ސާމްޕަލްތައް ބަލައިފައެވެ. އެމީހުން ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ ގްލައިކޯޕްރޮޓީން އާރްޕީޓީޕީ ޒީޓާ އެސް3އެލް އާއި މައިކްރޯގްލިއާގެ މަތީގައި ހުންނަ ސީޑީ33 ރިސެޕްޓަރސް އާއި އޭގެ މުޢާމަލާތެވެ. އެމީހުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އަލްޒައިމާގެ އަސަރު ކުރި ސިކުނޑިތަކުގައި ގްލައިކޯޕްރޮޓީން ދުޅަހެޔޮ ސިކުނޑިތަކާ އަޅާބަލާއިރު ސީޑީ33 ރިސެޕްޓަރުތަކާ މާބޮޑަށް ގުޅި ލާމެހިފައި ވެއެވެ. މި ގްލައިކޯޕްރޮޓީން ސީޑީ33 ރިސެޕްޓަރ ތަކާ ގުޅިފައިވުމުން މައިކްރޯގްލިއާ އިން ވިހަ ޕްރޮޓީންތައް ސާފުކޮށްލުމުގެ ޤާބިލުކަން ނެތިދެއެވެ. ނަތީޖާއެއްގެ ގޮތުން ގްލައިކޯޕްރޮޓީން ހުއްޓުވުމުގެ ހަރަކާތްތައް ކުޑަވެ، މައިކްރޯގްލިއާ އިން އެމިލޮއިޑް ޕްލެކްސް އާއި ޓާއު ޓެންގްލްސް ފައިދާ ހުރި ގޮތެއްގައި ސާފު ނުކުރެވެއެވެ. މި މެކޭނިޒަމް ދަށްވުމަކީ އަލްޒައިމާ ބަލި ބޮޑުވަމުން ދާން ޖެހޭ އެއް ސަބަބެވެ.

އަލްޒައިމާ ބަލީގެ ދިރާސާގައި މި ހަކުރު މޮލިކިއުލް ދެނެގަނެވުމަކީ އެކަމަށް ފަރުވާ ކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާ ކަމެކެވެ. ގްލައިކޯޕްރޮޓީން އާރްޕީޓީޕީ ޒީޓާ އެސް3އެލް އާއި ސީޑީ33 ރިސެޕްޓަރސް އާއި ދެމެދު ހިނގާ މުއާމަލާތްތަކަށް އަމާޒުކޮށްގެން ސައިންސްވެރިންނަށް، މައިކްރޯގްލިއާގެ ގެއްލުން ހުރި ޕްރޮޓީންތައް ސާފުކުރުމުގެ ގާބިލްކަން އިތުރު ކުރެވިދާނެއެވެ. އެގޮތުން ބަލީގެ ކުރިއެރުން މަޑުޖައްސައި ނުވަތަ ހުއްޓުމަކަށް ގެނުވިދާނެއެެވެ. މީގެ އިތުރުން މި ހޯދުމުގެ ސަބަބުން އަލްޒައިމާ ބަލި އަވަހަށް ދެނެގަތުމާއި ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް ވެސް އެޅޭނެއެވެ.

މިވަގުތު އަލްޒައިމާ ބަލި ދެނެގަންނަނީ އާންމު ގޮތެއްގައި ކޮގްނިޓިވް އެސެސްމަންޓްތަކާއި ކްލިނިކަލް އަލާމާތްތައް ބަލައިގެންނެވެ. ނަމަވެސް ގްލައިކޯޕްރޮޓީން އާރްޕީޓީޕީ ޒީޓާ އެސް3އެލް އާއި ސީޑީ33 ރިސެޕްޓަރުތަކާ ގުޅުން ދެނެގަނެ، މިބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން މިކަންތަކަށް އަވަސް ޑައިގްނޯސްޓިކް ޓެސްޓްތައް ހެދިދާނެ އެވެ. އަވަހަށް ދެނެގަނެވުމުން މިކަންތައް ހުއްޓުވައި ބަލިން މީހާ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

މި ދިރާސާއަކީ އަލްޒައިމާ ބައްޔާ ބެހޭ ކަންކަން ދެނެގަތުމަށް ލިބުނު މުހިންމު ކުރިއެރުމެއް ނަމަވެސް، މިކަމުގައި ހިމެނޭ އުނދަގޫ މެކޭނިޒަމްތައް ފުރިހަމައަށް ދެނެގަނެ، އަމާޒުކޮށްގެން ފަރުވާތައް ތަރައްގީ ކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެ އެވެ. އެހެންނަމަވެސް، ގްލައިކޯޕްރޮޓީން އާރްޕީޓީޕީ ޒީޓާ އެސް3އެލް ބެހޭގޮތުން އަލަށް މިހޯދުނު ކަންކަމަކީ އަލްޒައިމާ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމެކެވެ.

މި ގެއްލުން ބޮޑު ބައްޔަށް ފަރުވާއެއް ހޯދުމަށް ސައެންސްވެރީން މަސައްކަތް ކުރާތާ އެތައް އަހަރު ތަކެއް ވަނީ ވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް މުޅި ދުނިޔޭގައި ގާތްގަނޑަކަށް 50 މިލިއަން މީހުންނާ ހަމަޔަށް މި ބަލީގެ އަސަރު ފޯރާފައިވެއެވެ. އެހެންވެ ހަނދާން ނެތޭ ބައްޔަކީ ވަރަށް އާންމު ބައްޔެއް ކަމުގައިވެފައިވެއެވެ.

އަލްޒައިމާ ބަލީގެ އަސަރު ފޯރަނީ ހަމައެކަނި ބަލިޖެހިފައިވާ ފަރުދުންނަށް އެކަންޏެއް ނޫނެވެ. މިއީ އެފަދަ މީހުންގެ އާއިލާތަކަށާއި ބެލެހެއްޓުންތެރިންނަށް ނުހަނު ފުން އަސަރުތަކެއް ކުރުވައި އެތަކެއް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތް ގޮތުން އުނދަގޫތަކަކާ ކުރިމަތި ކުރުވާ ޚަރަދުވެސް ހިނގާ ކަމެކެވެ. މި އާ ހޯދުމުގެ ސަބަބުން މިކަމަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަވެގެން ދާނެއެވެ.

The post އަލްޒައިމާ ބައްޔާ ބެހޭ އާ ހޯދުންތަކެއް first appeared on އަދިވެސް އޮންލައިން.


More from Adhives Online