ކޮލަމް ކޯދު: "އޭނާ ނުހޮވުނީ އޭނާއަށް ރާއްޖެތަކާއި ރަށްރަށާ ބެހޭ މައުލޫމާތު ރަނގަޅަށް ނޭނގޭތީއެވެ."

Sun, 26 Mar 2023 12:13 AM

View on this article on Adhives Online

ކޮލަމް ކޯދު: "އޭނާ ނުހޮވުނީ އޭނާއަށް ރާއްޖެތަކާއި ރަށްރަށާ ބެހޭ މައުލޫމާތު ރަނގަޅަށް ނޭނގޭތީއެވެ."

މިއީ އެވޭލާ ޒަމާނުގެ ރަސްކަލެއްގެ ދަރުބާރުގައި ބޮޑު ވަޒީރު ރަސްގެފާނާއި މުޚާތަބުކުރައްވައި ރަސްގެފާނަށް ދެންނެވި ވާހަކައެވެ. ބޮޑުވަޒީރުގެ ދަރިކަލުން، ރަސްގެފާނުގެ މަމްލަކާ ތަމްސީލުކުރެއްވުމަށް، އެ މަމްލަކާގެ އަވަށްޓެރި އެހެން މަމްލަކާއަކަށް ފޮނުވޭ މަންދޫބެއްގެ ގޮތުގައި ނުހޮވުނީ ކީއްވެގެންކަން ބަޔާންކޮށް ދެއްވަމުންނެވެ.

އާދެ، ރަސްގެފާނުގެ އަވަށްޓެރި މަމްލަކާއަށް ފޮނުވުމަށްޓަކައި މަންދޫބަކު ހޮވުމުގެ ގޮތުން އެތައް ބަޔަކު ތަމްރީނުކުރެވުނެވެ. ބޮޑުވަޒީރުގެ ބެެއްލެވުމުގެ ދަށުންނެވެ. ތަމްރީނު ލިބެމުންދިޔަ ކުދިންގެ ތެރޭގައި ބޮޑުވަޒީރުގެ ދަރިކަލުން ވެސް ހިމެނިވަޑައިގެންނެވިއެވެ. ކޮންމެއަކަސް ތަމްރީނުތައް ނިމުމުން، ހޮވުނު މަންދޫބުގެ ނަން ރަސްގެފާނަށް އެރުވުނެވެ. އެރުވުމުން އެސުއާލު ކުރެވުނެެވެ. "ކަލޭގެފާނުގެ ދަރިކަލުން ނުހޮވުނީ ކީއްވެ ހެއްޔެވެ؟" ރަސްގެފާނު އެއްސެވިއެވެ. ޖަވާބުގައި މަތީގައި ނަންގަތް ވާހަކަ ވަޒީރު ދެންނެވިއެވެ. ދަރިފުޅަށް ރާއްޖެތަކާއި ރަށްރަށާ ބެހޭ މައުލޫމާތު ރަނގަޅަށް ނޭނގޭތީ އޭނާ ނުހޮވުނު ވާހަކައެވެ.

މަންދޫބުގެ އިލްމާއި ހުނަރުގެ ތެރޭގައި މި ދެންނެވި ކަންކަން ހުންނަން ޖެހޭ ކަމަށް ބޮޑުވަޒީރު ދެކެވަޑައިގަތެވެ. އެހެނީ، ރާއްޖެތަކުގެ އިންތަކާއި ބައެއް ކަހަލަ ތާރީޚީ ޚާއްސަ މައުލޫމާތު އެނގިފައި އޮތުމަކީ ބޭރުގެ މަމްލަކާއެއްގެ ރަސްކަލަކާ ބައްދަލުކޮށް އަމިއްލަ ގައުމު ތަމްސީލު ކުރަންދާއިރު ކުރިމަތިލާން ޖެހިދާނެ ސުއާލުތަކަށް އެދެވޭ ޖަވާބު ދިނުމަށްޓަކައި ޝަރޫރީ ކަމެކެވެ. މިފަދަ ހުނަރާއި މައުލޫމާތަކީ ވަކި އާއިލާއަކަށް ނިސްބަތްވުމުން ނުވަތަ ވަކި މީހެއްގެ ގާތް މީހަކަށް ވުމުން އެނގިގަނެވޭ ކަންކަމެއް ނޫނެވެ. މަސައްކަތާއި ހިތްވަރުން ލިބިގަނެވޭ ކަންކަމެވެ. އެހެންވެ، ވަޒީފާތަކަށް ހޮވި އައްޔަނު ކުރެވެން ޖެހޭނީ އެ ވަޒީފާއަކަށް ބޭނުން ޖެހޭ އިލްމާއި ހުނަރު ހުރި މީހުންނެވެ. މިފަދައިން، މިހަނީ ސިފައެއްގައި މިކަން ނުކޮށްފިނަމަ ވާނީ ކިހިނެއްތޯއެވެ؟ ހަރު ބަހެއްގައި އޮންނަ ފަދައިން ގިޔާމަތް ލައިގަތުމެވެ. إذا أسندت الأمور إلى غير أهلها فانتظر السأعة. ކަންކަން އޭގެ އަހުލުވެރިންނާ، އެބަހީ އެކަމަށް ކެރިކުޅަދާނަވެގެންވާ މީހުންނާ، ހަވާލު ނުކުރެވޭ ނަމަ، ދެން، ގިޔާމަތުގެ ވަގުތަށް އިންތިޒާރުކުރާށެވެ. އާދެ! ގިޔާމަތް ލައިގެންފާނެއެވެ. ލަދުވެތިކަމާއި ހަލާކުގެ ތެރެއަށް އެފަދަ ގޮތެއްގައި ކަންތައް ކުރާ ބަޔަކު ވެއްޓިދާނެއެވެ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި މިއީ ވަރަށް ވެސް އާންމު ކަމެކެވެ. ކަންކަން ތަންދޮރު ނުދަންނަ، ކަމާ ބެހޭ ހުނަރު ނެތް 'ބޮޑުވަޒީރުންގެ' ދަރިންނާ ހަވާލުކުރުމެވެ. މާޒީގެ ދެ ވާހަކައަކާ އަދި ހާލުގެ ވާހަކައެއް ލިޔެލާނަމެވެ.

ރާއްޖޭގެ ބޮޑު މަޝްރޫއަކަށް ފައިސާ ހޯދުމަށްޓަކައި މަންދޫބެއްގެ ގޮތުން ވަޑައިގެންނެވި ބޭފުޅެކެވެ. އެ މަޝްރޫއުއާ ބެހޭ ބައެއް ޓެކްނިކަލް ސުއާލުތައް ކުރިމަތިވުމުން ދެއްވާނޭ ޖަވާބެއް ނޭނގުނެވެ. އާދެ، 'ބޮޑު ވަޒީރުގެ ދަރިކަލުން' ނުވަތަ 'ބޮޑުވަޒީރުގެ ގާތް އެކުވެރިޔާ' ފޮނުވަން ނުޖެހޭ ތަނަކަށް ފޮނުވުމުގެ ނަތީޖާއެވެ. މިތަނުގައި ގޯސް ހަދަނީ ބޮޑުވަޒީރުގެ ދަރިކަލުންނެއް ނޫނެވެ. އަދި، ބޮޑު ވަޒީރުގެ ގާތް އެކުވެރިޔާ އެކަންޏެއް ނޫނެވެ. ބޮޑުވަޒީރުވެސް މެއެވެ.

އަދިވެސް ހަމަ އެދުވަސް ވަރުގެ ވާހަކައެކެވެ. ރާއްޖޭގެ ލިޔެކިޔުމުގެ މަސައްކަތަކާ ބެހޭ އާލަތެއް ތައްޔާރުކުރުމަށް ފޮނުވުނު މަންދޫބަކަށް ވެސް ހަމަ މިމައްސަލަ ދިމާވިއެވެ. ކަމާ ބެހޭ ފަންނީ އެތައް މަސައްކަތެއް އެކަމުގެ ބަޔަކު ކުރިއިރު، މި ބަޔަކު މިތަނަށް ނުފޮނުވުނެވެ. ފޮނުވުނީ އެ މަސައްކަތުގެ ޚަބަރުވެސް ރަނގަޅަށް ނޭނގޭ، އަދި ނޭނގުނުތާ، އެ ކަމާ ބެހޭ މަސައްކަތުގެ ކަންތައްތައް އޮޅުން ފިލުވުމުގެ ބޭނުމެއް އޮތްކަމަށް ވެސް ނުފެނުނު މަންދޫބެކެވެ. އާދެ، 'ރާއްޖެތަކާއި ރަށްރަށާ' ބެހޭ މައުލޫމާތު ނޭނގޭ މީހެކެވެ. ބޮޑު ވަޒީރުގެ ގާތް މީހަކަށް ވީމައެވެ. ދެންތޯއެވެ؟ އަނެއްކާވެސް އެއްޗެއް ބުނަން ނޭނގުނީއެވެ. ޓެކްނިކަލް ސުއާލުތަކެއް ކުރިމަތިވުމުންނެވެ.

އަދުގެ ވާހަކައެކެވެ. އަދަބީ ކަމަކާ ބެހޭ ޖަލްސާއަކަށް ވަޑައިގެންނެވި ވަޒީރު ބޭކަލެކެވެ. ދިވެހި ސަރުކާރުގެ މުމައްސިލެއްގެ ގޮތުގައެވެ. ބޭރުގެ އެތައް އިއްޒަތްރިން ވެސް ހާޒިރުވެ ވަޑައިގެންނެވި ޖަލްސާއެކެވެ. އެ މަޖުލިހުގައި ދެކެވެމުން ދިޔައީ އަދަބީ އިލްމީ ވާހަކަތަކެވެ. އިއްޒަތްތެރި ވަޒީރަށް މިކަންވީ ވަރަށްވެސް ބީރައްޓެހި ކަމަކަށެވެ. އެހެންވެ، ވަޒީރު ބަސްފުޅު ހުއްޓި، ދެކޮޅަށް ބައްލަވައި ހިންގަވަން ހުންވީއެވެ. ވަޒީރުގެ ހައިބަތު ދައްކަވަން ޖެހިވަޑައިގަތީ މި ހިންގެވުމުންނެވެ. އަދި އިސްތަށިފުޅު ތުރުކުރައްވާފައި ހުންނެވި ގޮތުންނާއި ތުރުކުރައްވާފައި ހުންނެވި ހެދުންކޮޅުންނެވެ. ކަންކަމަށް، އެކަށީގެން ނުވިޔަސް، ބޮޑުވަޒީރުގެ ދަރިކަލުންނާ ގާތް މީހުން އިސްކުރުމުގެ ސަގާފަތުގެ ނަތީޖާއެވެ.

The post ކޮލަމް ކޯދު: "އޭނާ ނުހޮވުނީ އޭނާއަށް ރާއްޖެތަކާއި ރަށްރަށާ ބެހޭ މައުލޫމާތު ރަނގަޅަށް ނޭނގޭތީއެވެ." first appeared on އަދިވެސް އޮންލައިން.



More from Adhives Online