ކޮލަމް ކޯދު: ތަސްވީރެއްގެ ވާހަކަ- އަޔޫބާ ސުލައިމާނުގެ ސިޔަރަތުން ތަންކޮޅެއް

Sat, 25 Mar 2023 02:16 AM

View on this article on Adhives Online

ކޮލަމް ކޯދު: ތަސްވީރެއްގެ ވާހަކަ- އަޔޫބާ ސުލައިމާނުގެ ސިޔަރަތުން ތަންކޮޅެއް

މަތީގައިވާ ތަސްވީރަކީ އައްޔޫބު ސުލައިމާނު ދިޔާލޯގެ ތަސްވީރެކެވެ. އޭނާއަކީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގާލުގެ ބޭކަލެކެވެ. އަށާރަ ވަނަ ގަރުނުގައި އުޅުއްވި މުސްލިމު ބޭކަލެކެވެ. އެ ދުވަސްވަރަކީ އެފްރިކާއިން، އެފްރިކާގެ ގަބީލާތަކުގެ ބައެއް ވެރިން އެމީހުންނާ އިދިކޮޅު ގަބީލާތަކުގެ މީހުން އިޚްތިތާފުކޮށް، އަޅުންގެ ގޮތުގައި، އަޅުންގެ ވިޔަފާރިކުރި ޔޫރަޕުގެ މީހުންނަށް އެ މީހުން ވިއްކާލައި އެމެރިކާއަށް އެމީހުން ގެންދެވުނު ދުވަސްވަރެކެވެ. އަައްޔޫބު ވެސް އަޅެއްގެ ގޮތުގައި އެމެރިކާއަށް ގެންދެވުނެވެ. އައްޔޫބުގެ ވާހަކައާއިގެން ކުރިއަށް ދިޔުމުގެ ކުރިން ހުޅަނގު އެފްރިކާގެ އިސްލާންކަމާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.

އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް އިވެނީ އުތުރު އެފްރިކާގެ މުސްލިމުންގެ ވާހަކައެވެ. އާދެ، އެފްރިކާގެ އިރު އުތުރުން، މިސުރުން ފެށިގެން ގޮސް އެފްރިކާގެ ދެކުނު އުތުރުގެ މޮރިތޭނިޔާއާ ހަމައަށް އޮތް ހުރިހާ ގައުމުތަކަކީ ވެސް މުސްލިމުންގެ ބޮޑު އަޚުލަބިއްޔަތެއް އޮންނަ ގައުމުތަކެވެ. މީގެ އިތުރުން އެފްރިކާގެ އުތުރުގައި އޮންނަ ބޮޑު ހަނަފަސް ސަހަރާގެ ދެކުނުގެ ގައުމުތަކުގައި ވެސް މުސްލިމު ގައުމުތައް އޮވެއެވެ. މިސާލަކަށް މާލީ، ނައިޖަރު، ނައިޖީރިޔާ، ގިނީ، ގެމްބިޔާ، ސެނެގޯލް، މިއީ ހައްތަހާ ވެސް، މިހާރު ވެސް، މުސްލިމު އަޚުލަބިއްޔަތެއް އޮންނަ ގައުމުތަކެވެ.

އިހުގައި، ސަހަރާގެ ދެކުނު އެފްރިކާގައި އެކިއެކި އިމްޕަރާތޫރުތައް ވެސް އޮތެވެ. މީގެ ތެރޭގައި މާލީގައްޔާއި ހުޅަނގު އެފްރިކާގައި އޮތް އިސްލާމީ ވެރިކަން ފާހަގަކޮށްލެވެއެވެ. އެތަނުގައި އޮތް މުއްސަނދި ކަމަކަށްޓަކައެެއް ނޫނެވެ. އެ ތަންތަނަކީ ވެސް، އަންސަލުއާއި އިސްލާމީ މޯޣަލުންގެ އިންޑިޔާ ފަދަ، ވަރުގަދަ އިސްލާމީ ސަގާފަތެއް އޮތް ތަންތަނެވެ. ކިޔެވުމާއި އިލްމުވެރިކަމުގެ ސަގާފަތެކެވެ. އެ ތަންތަނުގައި ދީނީ އިލްމުވެރިންނާއި އަރަބި އަދީބުންތައް އުފެދުނެވެ.

އައްޔޫބު ސުލައިމާނު ދާލިޔޯއަކީ މިކަން އަންގައިދޭ ހެއްކެކެވެ. އަޅެއްގެ ގޮތުގައި އޭނާ އެމެރިކާއަށް ގެންދުވުނު އިރު، އޭނާ ވަނީ ކީރިތި ގުރުއާން ހިތުދަސްކޮށްފައެވެ. އަދި، އަރަބި ބަހުން ލިޔެ، ކިޔައި ވާހަކަ ދައްކާ ހަދައެވެ. މީނާ، އެމެރިކާގައި އަޅެއްގެ ގޮތުގައި ގެންގުޅުނު ދުވަސްވަރު، އޭނާގެ އިސްލާމީ ހުވިއްޔަތު ހިފެހެއްޓިިިއެވެ. ނަމާދުކޮށް ރޯދަހިފައި އުޅުނެވެ. ބައެއް ފަހަރުފަހަރު، ސިއްރުން ވަލުތެރެއަށް ގޮސްވެސް ނަމާދުކޮށް އުޅުނެވެ.

ފިލަން އުޅުމުގެ ކުށުގައި އޭނާ ޖަލަށްލައި އަދަބު ދެވުނުވެ. އޭނާ ޖަލުގައި ހޭދަކުރި ދުވަސްވަރު ވެސް ނަމާދުކުރުމަށާއި ރޯދަ ހިފުން ފަދަ ދީނީ ވާޖިބުތައް އަދާކުރުމަށް ޚާއްސަ ސަމާލުކަމެއް އޭނާ ދިނެވެ. ޖަލުގައި ހުރި ދުވަސްވަރު، އޭނާއަށް އަރަބި ކަލާމު ދަންނަކަން އެނގުނެވެ. އަދި، މިކަން އެނގުމުން، އޭނާ ލައްވާ، އޭނާގެ ބައްޕައަށް، އޭނާގެ ރަށް ސެނެގާލަށް، ފޮނުވުމަށްޓަކައި އަރަބިން ސިޓީއެއް ލިޔުއްވުނެވެ. މި ސިޓީ އިނގިރޭސި ވިލާތުގެ އެފްރިކާގެ ވިޔަފާރިއާ ބެހޭ ކުންފުންޏެއްގެ ވެރިއެއްގެ އަތްމައްޗަށް އެރިެއެވެ. އަރަބި ބަސް ދަންނަ އުސްތާޒެއް ލައްވަިއ އޭނާ މިސިޓީ ތަރުޖަމާކުރިއެވެ. އަދި، އޭނާގެ ހިތުގައި އައްޔޫބު ގަތުމުގެ އެދުން އުފެދި، އޭނާ ގަނެގެން އިނގިރޭސިވިލާތަށް ގެނައެވެ.

އިނގިރޭސި ވިލާތުގައި ވެސް އޭނާގެ ދީނީ ހުވިއްޔަތާއު ދީނުގެ އަގުތައް ހިފެހެއްޓިއެވެ. ނަމާދުކޮށް ރޯދަހިފައި ހެދިއެވެ. އިސްލާމް ދީނުގައި ހަރާންކުރެވިފައިވާ ކަންތައްތަކާ ދުރުގައި ހުއްޓުވެ. މިސާލެއްގެ ގޮތުން ލިޔެލަމެވެ. އޭނާއަށް ރާ ހުށަޅުމުން ރާ ބީން އިންކާރުކުރިއެވެ. އަދި، މަސީހީ ދިނަށް ވެއްދުމަށްޓަކައި އޭނާއަށް އަރަބި ބަހުން ލިޔެވިފައި އޮތް އިންޖީލެއް ދެވުނެވެ. އިންޖީލުގެ ވާހަކަތަކަކީ އޭނާއަށް އާ ވާހަކަތަކަކަށް ނުވިއެވެ. އީސާގެފާނާ ދޭތެރޭ އޭނާ ދެކޭ ގޮތް ބަޔާންކޮށްދިނެވެ. އެކަލޭގެފާނަކީ، އޭނާ ގަބޫލުކުރާ ގޮތުގައި ރަސޫލުބޭކަލެއް ކަމާއި އިލާހެއް ނޫންކަމެވެ. އަދި އިލާހުވަންތަ ފަރާތް ރަމްޒުކޮށްދޭ ސޫރަ ހެދުމާ އޭނާ ދެކޮޅު ހެދިއެވެ. އިނގިރޭސިވިލާތުގައި އޭނާ ހުރި ދުވަސްވަރުގައި އޭނާގެ އަތުން ތިން ޚަތިމު ލިޔުނު ކަމުގައި ބުނެވެއެވެ. އެއްވެސް އެއްޗެއް ނުބަލައި ހިތުންނެވެ. އޭނާގެ ކަރުގައި އެލުވިފައި އެވަނީ އޭގެ ތެރެއިން އެއް ޚަތިމެވެ.

އައްޔޫބު ސުލައިމާނު ދިޔާލޯ، ފަހުން، 1734ގައި އިނގިރޭސި ވިލާތް ދޫކޮށްލާފައި ގެމްބިޔާއަށް އޭނާ ދިޔައެވެ. ދެން، އެއަށް ފަހުމ އޭނާގެ އަމިއްލަ ރަށް ކަމުގއިވާ ސެނެގާލަށް އެނބުރި ދިޔައެވެ. ނަމަވެސް، އޭރު އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. އަދި 1773ގައި އޭނާ ނިޔާވުމަށް ދާންދެން ތަނަވަސް ދިރިއުޅުމެއް އޭނާ އުޅުނެވެ. ފަހުން، އޭނާ ލިޔުނު އޭނާގެ މުޒައްކިރާތުތައް، ހަނދާންތައް އިނގިރޭސި ބަހުންނާއި ފަރަންސޭސި ބަހުން ޝާއިއުކުރެވުނެވެ.

އައްޔޫބު ސުލައިމާން ދިޔާލޯގެ ވާހަކައިން ތިން ކަމެއް ފާހަގަކޮށްލަން ބޭނުމެވެ. އޭނާގެ އީމާނުގެ ވަރުގަދަކަމެވެ. އަދި މިކަން ބިނާވެފައި އޮތީ އޭނާގެ އިލްމުވެރިކަމުގެ މައްޗަށެވެ. އޭނާގެ އީމާންތެރިކަން ވަރުގަދަވުމުން، އޭނާއާ ކުރިމަތިވި ވަރުގަދަ އިމްތިހާނުތަކުގައި ވެސް އެއީމާންތެރިކަމަށް ބުރެއް ނާރައެވެ. އަޅުވެތިކަމުގެ ދުވަސްވަރާއި ޖަލުގައި ހޭދަކުރެވުނު ދުވަސްވަރެވެ. އަދި، ފަހުން، އިނގިރޭސިވިލާތުގައި އޭނާގެ ދީން ބަދަލުކުރުމަށްޓަކައި ބަޔަކު މަސައްކަތްކޮށް އެކަން ކުރިމަތިކުރުވި އިމްތިހާނުގެ ދުވަސްވަރު ވެސް މެއެވެ.

ދެވަނަ ކަމަކީ ކުރިން ފާހަގަކޮށްލި ފަދައިން، ދެކުނު އެފްރިކާގައި ވެސް، ވަރުގަދަ އިސްލާމީ އިލްމީ ސަގާފަތެއް އޮތް ކަމެވެ. އައްޔޫބު ސުލައިމާނު ދިޔާލޯއަކީ މިކަމުގެ ހެއްކެކެވެ.

ތިން ވަނަ ކަަމަކީ، އައްޔޫބު ހިމެނެނީ އެމެރިކާއަށް އަޅުންގެ ގޮތުގައި ގެންދެވުނު މީހުންގެ ތެރެިން އެމީހުންގެ ރަށަށް އެނބުރި އާދެވުނު ވަރަށް ވެސް މަދު މީހުންގެ ތެރޭގައެވެ. މި ކާމިޔާބުގެ އަސްލަކީ ވެސް، އަނެއްކާވެސް ބުނަން ޖެހޭނީ އޭނާގެ އީމާންތެރިކަމެވެ. އެކަމުގެ ވަރުގަދަ ކަމެވެ. އަދި، އޭނާގެ ސިކުނޑީގެ ބާރުގަދަކަމެވެ. އޭނާގެ އިލމުވެރިކަމުގެ ސަބަބުންނެވެ. އާދެ، އީމާންތެރިކަމާއި، އިލްމުވެރިކަމާއި ސިކުނޑީގެ ބާރަކީ މީހާގެ އަޅުވެތިކަމުން މީހަ މިނިވަންކޮށްދޭ ކަމެއް ކަން އައްޔޫބު ސުލައިމާން ދިޔާލޯގެ ސިޔަރަތުން ފެނި ސާފުވެގެން ދެއެވެ.

The post ކޮލަމް ކޯދު: ތަސްވީރެއްގެ ވާހަކަ- އަޔޫބާ ސުލައިމާނުގެ ސިޔަރަތުން ތަންކޮޅެއް first appeared on އަދިވެސް އޮންލައިން.



More from Adhives Online