އައްޑޫ އިސްލާމީ މަރުކަޒު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

Fri, 24 Mar 2023 10:08 PM

View on this article on Adhives Online

އައްޑޫ އިސްލާމީ މަރުކަޒު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މިއަދު މެންދުރުފަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

‎ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

‎އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ކުރިން ނައިބު ރައީސް ވަނީ އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ވަޑައިގެން އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

‎އަދި މިއަދު މެންދުރުފަހު އެމަނިކުފާނު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި މިހާރު އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާވެ ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލު އިތުރަށް ތަރައްޤީކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތައް ފާހަގަކުރައްވައި ހޮސްޕިޓަލަށް އިންސާނީ ވަޞީލަތް އަދިވެސް އިތުރަށް ބޭނުންވާކަމާއި މީގެ އިތުރުން ވެސް ޚިދުމަތުގެ ގޮތުންނާއި ވަޞީލަތުގެ ގޮތުން އިތުރަށް ބޭނުންވާކަންކަން މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ފާހަގަކުރެއްވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ޙައްލު ހޯދެން ހުރި ކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

The post އައްޑޫ އިސްލާމީ މަރުކަޒު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online