ނަޒާން: އުމުރުން 17 އަހަރުގައި ޙުތުބާ ކިޔައި އިމާމުވެ ހުކުރުކޮށްފި

Fri, 24 Mar 2023 06:41 PM

View on this article on Adhives Online

ނަޒާން: އުމުރުން 17 އަހަރުގައި ޙުތުބާ ކިޔައި އިމާމުވެ ހުކުރުކޮށްފި

ކ. ހިންމަފުށީ މަސްޖިދުއް އިނާރާގެ މިންބަރަށް އަރައި، ހުކުރު ހުތުބާ ކިޔަމުން އެދަނީ އިސްކޮޅުން ދިގަސް، އުމުރުން ވަރަށް ހަގު ކުއްޖެއްކަން ޔަގީނެވެ. އޭނާގެ އަޑާއި މޫނުމަތިން އެކަން ކަށަވަރުކޮށްދެއެވެ. އެކަމަކު އޭނާގެ ދޫހެލުންތެރިކަމާއި އާޔަތްތަކާއި ހަދީސްތައް ކިޔަމުންދާލެއް ރީތިކަމުން ހަމަ ކޮންމެ މީހަކުވެސް ހައިރާންވާނެއެވެ. މިއީ އަޖައިބެއް ކަހަލަ ހުނަރެއް ލިބިފައިވާ ކުއްޖެކެވެ.

ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ އުމުރުން އެންމެ 17 އަހަރުގެ ކުއްޖެކެވެ. ނަމަކީ މުހައްމަދު ނަޒާން ނިހާދެވެ. ހިންމަފުށީ ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވާ، އެ ސްކޫލްގެ ފަޚުރުވެރި ކެޕްޓަނެވެ. ކުޑައިރުއްސުރެ ގުރުއާނަށް ހާއްސަ ލޯތްބެއް ދެމުން އަންނަ ކުއްޖެކެވެ. ސްކޫލްގައި ބާއްވާ އެކިއެކި ގުރުއާން މުބާރާތްތަކުން ރަން ވަނަތައް ހޯދަމުން އަންނަ ކުއްޖެކެވެ. ހިންމަފުށީ ކައުންސިލް ދެ ވަނަ ގުރުއާން މުބާރާތުގެ، މުޅި މުބާރާތުން އެއް ވަނަ ހޯދިއެވެ. އަދި މިދިޔަ އަހަރު ބޭއްވި "ލައިފް ގުރުއާން މުބާރާތުން" 18 އަހަރުންދަށުގެ އެއް ވަނަ ހޯދިއެވެ.

ހުކުރު ހުތުބާ ނުކިޔަސް، ރަށުގެ މިސްކިތުގައި ނަޒާން ބަންގި ގޮވައި، އިމާމުވެ ނަމާދު ކުރަމުން އަންނަތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެއެވެ. އެހެންވެ އިމާމުވެ ހުކުރު ކުރުމަކީ އޭނާ ދެކެމުން އައި ވަރަށް ދުވަސްވީ ހުވެފެނެކެވެ.

"އަޅުގަނޑުގެ ހުރިހާއި އެއްޗެއް ރެކޯޑްކޮށް މިނިސްޓްރީއަށް ފޮނުވައިގެން، (އިމާމުވެ ހުކުރުކުރުމުގެ) ވަގުތީ ހުއްދައެއް އަޅުގަނޑަށް މިހާރު ދެއްވާފައި އޮތީ. އެއީ 18 އަހަރު ނުފުރޭތީ،" ހުސްވި ފެބްރުވަރީ މަހު 17 އަހަރު ފުރުނު ނަޒާން ބުންޏެވެ. ނަޒާން މިއީ ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ އޮންނަ އެންމެ ހަގު ކުއްޖާއަށް ވުމީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އެކަން ކަށަވަރުވާ ގޮތެއް އަދި ނުވެއެވެ.

ނަޒާން ހުތުބާ ހިފައިގެން މިސްކިތަށް ދާން ތައްޔާރުވެފައި. -އަދިވެސް ފޮޓޯ:

"ގުރުއާން ކިޔެވުމަކީ އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ކުރާހިތްވާ ކަމެއް. އެހެންވެ ވަރަށް ގިނަ މުބާރާތްތަކުގައި ވާދަކޮށް ވަނަތައް ވެސް ލިބިފައިވަނީ،" މި ރަމަޟާންމަހުގެ ފުރަތަމަ ހުކުރު ދުވަހު، ރަށުގެ މިސްކިތުގައި އިމާމުވެ ހުކުރު ކުރުމުގެ ފަޚުރާއި ޝަރަފު ހޯދި ނަޒާން "އަދިވެސް" އާ ވާހަކަ ދައްކަމުން މިއަދު ބުންޏެވެ.

"މިންބަރަށް އަރާ ހުރިއިރު އަޅުގަނޑު އެއްވެސް ވަރަކަށް ފިންޏެއްނުވޭ. ހުތުބާ ވަރަށް ފަރިތަކޮށްގެން މިސްކިތަށް ދިޔައީ. އެހެންވެ އެއްވެސް ހާސްކަމެއް، ފިނިކަމެއް އިހުސާސެއްނުވި ނަސީބަކުން،" ގާރީ ކޯސް ލެވެލް އެކެއް ފުރިހަމަކޮށްފައިވާ ނަޒާން ބުންޏެވެ. "އަޅުގަނޑު މިއަދު އެންމެ އުފާވީ ބައްޕަ އާއި އާއިލާގެ އަދި ގާތްތިމާގެ ވަރަށް ގިނަ ބަޔަކާއި ރަށުގެ ރައްޔިތުން ކުރިމަތީގައި ހުތުބާ ކިޔަން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީމާ. ބައްޕަ އާއި ގާތްތިމާގެ އެންމެން ވެސް އުފާކޮށްދެވުނީމާ ވަރަށް އުފާވޭ."

ނަޒާން ބުނީ އޭނާއަށް މިންބަރުގައި މިއަދު ކޮޅަށް ހުރެވުނީ މައިންބަފައިންގެ ފަރާތުން ލިބުނު ފުރިހަމަ އެހީތެރިކަމާއި ހިތްވަރުން ކަމަށެވެ. ވަކިން ހާއްސަކޮށް، މީގެ ދެ އަހަރު ކުރިން މި ދުނިޔެއާ ވަކިވެފައިވާ އޭނާގެ މަންމައެވެ.

ހިންމަފުށީ މަސްޖިދުއް ކިނާރާގައި ނަޒާން ހުތުބާ ކިޔަނީ. -އަދިވެސް ފޮޓޯ: ސިރާޖް

"އަޅުގަނޑު މިއަދު އެންމެ އުފާވީ ބައްޕަ އާއި އާއިލާގެ އެންމެންގެ ކުރިމަތީގައި ހުރެ ހުތުބާ ކިޔުނީމާ. އަޅުގަނޑަށް އެނގޭ ބައްޕަމެން އެންމެން ވެސް ވަރަށް އުފާވާނެކަން. އަދި މަންމަ ދުނިޔޭގައި ހުރި ނަމަ މަންމަ ވާނެ އުފާ ހިތަށް އަރާފައި، މަންމަ ނެތުމުން ވަރަށް އަސަރު ކުރި. އެކަމަކު އަޅުގަނޑަށް ޔަގީން (މަންމަ ދުނިޔޭގައި ނެތަސް) މަންމަ އަށް މި ހުރިހައި ކަމެއް ވެސް އެނގޭނެކަން،" ނަޒާން މަޑުމަޑުން ފެންކަޅިވަމުންދިޔައެވެ.

ހުތުބާ ކިޔަން ނަޒާނަށް ފުރުސަތު ފަހިވުމުގައި ހިންމަފުށީ ކައުންސިލްގެ އިސް ބޭފުޅުން ވެ ދެއްވި އެހީތެރިކަމަށް ވެސް އޭނާ ޝުކުރު އަދާކުރެއެވެ.

ނަޒާން ގަސްދުކުރަނީ އަންނަ މަހު ފަށާ އޯ ލެވެލް އިންތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށްފަހު އޭ ލެވެލް ކިޔަވަން މާލެ ދާށެވެ. އޭނާ މަތީ ތައުލީމު ހާސިލްކުރާނެ ވަކި ރޮނގެއް އަދި ކަނޑައެއްނާޅައެވެ. ނަމަވެސް އޭނާގެ އަޒުމަކީ އަބަދުވެސް ގުރުއާނާ ވީހާ ކައިރީގައި އުޅުމެވެ.

"އެއް ދުވަހަކުން މާލޭގެ މިސްކިތެއްގައި ވެސް ހުތުބާ ކިޔާލަން ފުރުސަތު ލިބުމަކީ އަޅުގަނޑު ކުރާ އުންމީދެއް،" ނަޒާން އޭނާގެ މިހާރުގެ އުންމީދު ހިއްސާކޮށްލިއެވެ.

ރީތި އަޑު މަޚުރަޖައެއް ހުރި ނަޒާން ބަންގި ގޮވާލެއް ރީތިކަމާއި ގުރުއާން ކިޔަވާލެއް ރީތިކަން އެއީ މުޅި ހިންމަފުށީގައި ވެސް ދައްކާ ވާހަކައެކެވެ. މިއަދު އެންމެން ވެސް އެ ދައްކަނީ އޭނާ ހުތުބާ ކީލެއް ފުރިހަމަ ކަމުގެ ވާހަކަ އެވެ. އެއީ ތައުރީފު ކުރުން ހައްގު ކަމެކެވެ. ތަހުނިޔާ ކިޔަން އަވަސްވާންވީ ކަމެކެވެ. ނަޒާނަށް ހަމަ ސާބަހެވެ. ހިފެހެއްޓުމެއް ނެތް ތަހުނިޔާއެވެ. ތިޔަ ގޮތުގައި ކުރިއަށް ދާށެވެ.

The post ނަޒާން: އުމުރުން 17 އަހަރުގައި ޙުތުބާ ކިޔައި އިމާމުވެ ހުކުރުކޮށްފި first appeared on އަދިވެސް އޮންލައިން.



More from Adhives Online