ގާ ހުދުވާތީ ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލަނީ

Thu, 09 May 2024 08:14 PM

View on this article on adduLive

ގާ ހުދުވާތީ ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލަނީ

ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.



އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެެއް ކަމަށެވެ. ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވޭ ކަމަށް އީޕީއޭން ބުނެ އެވެ.

މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަންކަމަށް އީޕީއޭ އިން ބުނެ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން ހިންގާ "ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސް" ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1" ގަ އެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ލިބެމުންދާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

ރާއްޖޭގެ ސަރަހައްދު އޮތީ "އެލާރޓް ލެވަލް 1" ގައި ކަމުގައިވެފައި އަދި ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯރޓް ލިބެމުންދާތީ ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް މިއަދުން ދުވަހުން ފެށިގެން 10 ޖޫން ގެ ނިޔަލަށް އެޅުމަށް އީޕީއޭ އިން ވަނީ ނިންމާފަ އެވެ.

އެފިޔަވަޅުތަކަކީ:

1- ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތައް އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުން.

2- ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން.

3- މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އީ.ޕީ.އޭ އަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ގޮތުން 10 ޖޫން 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލް މުރާޖަޢާކުރުން.

ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއްކަމަށް އީޕީއޭން ބުނެ އެވެ.

The post ގާ ހުދުވާތީ ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލަނީ appeared first on adduLIVE.



More from adduLive