ރާއްޖޭގައި ވެސް "ހީރާމަންޑީ" 1 ވަނައިގައި

Thu, 09 May 2024 06:11 PM

View on this article on adduLive

ރާއްޖޭގައި ވެސް "ހީރާމަންޑީ" 1 ވަނައިގައި

މި މަހުގެ 1 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އަލަތު ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އެންމެ މަގުބޫލު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނިއްޖެ އެވެ.



މި ސީރީޒް އިނގިރޭސި ބަސް ނޫން ބަހަކުން ގެނެސްދިން އެންމެ މަގުބޫލު ސީރީޒްގެ ގޮތުގައި ނެޓްފްލިކްސްގައި އެއް ވަނަ މަގާމުގައި މިހާރު އަންނަނީ ރަސްކަން ކުރަމުންނެވެ. އެގޮތުން 43 ގައުމެއްގައި އެންމެ މަގުބޫލު 10 ޝޯގެ ތެރޭގައި ސީރީޒް ވަނީ ހިމެނިފަ އެވެ. އަދި އޭޝިއާގެ ބައްރުން "ހީރާމަންޑީ" އެއް ވަނައިގައި އޮތް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

މި ސީރީޒަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރުގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭ 8 އެޕިސޯޑްގެ އެއްޗެޖެވެ. ވަރަށް ގްރޭންޑްކޮށް، ބަންސާލީގެ ފާޑުވެރިކަން ވަރަށް ބޮޑަށް ދައްކުވައިދޭ "ހީރާމަންޑީ" ގެ މައިގަނޑު ބަތަލާއިންނަކީ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، އަދިތީ ރާއޯ ހައިދަރީ، ސަންޖީދާ ޝެއިހް، ރިޗާ ޗައްޑާ އަދި ޝަރުމިން ސޭގަލް އެވެ.

"ހީރާމަންޑީ" ގެ ބަތަލުންގެ ތެރޭގައި ފަރުދީން ޚާނާއި ތާހާ ޝާހާއި ޝޭކަރް ސުމަންގެ އިތުރުން އޭނަގެ ދަރިފުޅު އަދިޔަން ސުމަން ހިމެނެ އެވެ.

މި ސީރީޒަކީ ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާލީގެ ޑްރީމް ޕްރޮޖެކްޓެކެވެ. މި ހެދުމުގެ ހިޔާލަކީ އޭނަ މީގެ 18 އަހަރު ކުރިން ފެށިގެން ގެންގުޅެމުން އައި ހިޔާލެކެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި އެ ނެހެދީ އޮތީ އެވެ. "ހީރާމަންޑީ" ބެލުންތެރިންނަށް ދޫކޮށްލުމާ އެކީ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، ގިނައީ މިއަށް ތައުރީފު ކުރަމުން އަންނަ މީހުންނެވެ.

ބައެއް ކްރިޓިކުން ސިފަކޮށްފައިވާ ގޮތުގައި މިއީ ބެލުންތެރިން މުޅިން އެހެން ޒަމާނަކަށް ގެންގޮސްދޭ "ހިތްގައިމު ތަސްވީރެއް" ކަހަލަ ޗާލު މަސައްކަތެކެވެ.

ބަންސާލީ އަކީ މިހާތަނަށް ރީތި އަދި އެހާމެ ކާމިޔާބު ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. ބަންސާލީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ "ލަވް އެންޑް ވޯ" އެވެ. އޭގެ ތަރިންނަކީ "ގަންގޫބާއީ" ގެ ބަތަލާ އާލިއާ ބަޓާއި ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ.

ބަންސާލީގެ ޖާދޫ ދައްކުވައި ދިން މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ޕަދުމާވަތު"، "ބަޖިރާއޯ މަސްތާނީ"، "ރާމް-ލީލާ"، "ދޭވްދާސް" އަދި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ހިމެނެ އެވެ.

The post ރާއްޖޭގައި ވެސް "ހީރާމަންޑީ" 1 ވަނައިގައި appeared first on adduLIVE.



More from adduLive