އޭއީއެޗް ބޮޑުކުރަން ކުޅި ނުހިއްކައިވޭތޯ ބަލަނީ

Tue, 07 May 2024 09:21 PM

View on this article on adduLive

އޭއީއެޗް ބޮޑުކުރަން ކުޅި ނުހިއްކައިވޭތޯ ބަލަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށްޓަކައި އަޅަން ނިންމާފައި ވަނީ 7 ބުރީގެ އިމާރާތެއް ކަމަށާއި އެ އިމާރާތް އަޅަން ހޮސްޕިޓަލް ހުރި ސަރަހައްދުގެ ކުޅި ނުހިއްކައިވޭތޯ ބަލަމުން އަންނަ ކަމަށް ހޮސްޕިޓަލްގެ މެނޭޖްމަންޓުން ބުނެފި އެވެ.



އޭއީއެޗްގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި ޑރ. އިބްރާހީމް ޔާސިރު މީޑިއާއަކަށް ވިދާޅުވެފައި ވަނީ އާ އިމާރާތް ޕްލޭން ކުރަމުން އަންނަނީ ހޮސްޕިޓަލްގެ އިމަޖެންސީ ފަޅީގެ ކަނާތް ފަރާތުގައި ހަދަން ކަމަށެވެ. އޭއީއެޗަކީ ކުޅިއެއްގެ ތެރޭގައި އަޅާފައިވާ އިމާރާތެއްކަމުން އެ ތަނުގެ ވަށައިގެން ކުޅި އެބައޮތެވެ. އަދި އާ އިމާރާތް ހަދަން ޕްލޭންކުރާ ދިމާލުގެ ބޮޑު ބައި ހިކިފައި އޮތަސް، ހަތް ބުރީގެ އިމާރާތަށް އަދިވެސް ބައެއް ހިއްކަން ޖެހޭ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ނަމަވެސް ކުޅި ނުހިއްކައި އެކަން ކުރެވޭނެ ގޮތެއް އޮތް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ ހޮސްޕިޓަލްގެ މިހާރުގެ އިމާރާތާއި އަލަށް އަޅާ އިމާރާތް ގުޅައިލަން ފަސޭހަ ވާނީ ވެސް އިމަޖެންސީ ފަޅީގެ ކަނާތް ފަރާތުން އޮތް ޖާގައިގައި އެކަންކޮށްފި ނަމަ ކަމަށެވެ. އަދި މިއީ ކުރިން ވެސް ޕްލޭންކޮށްފައި އޮތް ކަމަކަށްވުމުން އެކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރިން ވެސް ކުޅި ހިއްކަން ހުއްދަ ލިބިފައި އޮތް ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ނަމަވެސް އަލަށް އިތުރު ކުރާ ބައިގެ މަސައްކަތްތަކަށް ބައެއް ބަދަލުތައް ގެނެސް އާ ޕްރޮޖެކްޓެއް ގޮތަށް މިކަން ކުރަން މިހާރު ރޭވިފައި އޮޔް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އާ އިމާރާތުގެ އަމަލީީ މަސައްކަތް ފެށޭނެ އިރެއް އަދި ނޭނގޭ ކަމަށް އޭއީއެޗުން ބުންޏެވެ.

އޭއީއެޗް މަތިން ފެންނަ ގޮތް: މިތަނަކީ ކުޅިއެއްގެ ތެރޭގައި ހަދާފައިވާ އިމާރާތެއް. ފޮޓޯ/ އަހުމަދު އާތިފު

ދެހާސް ވިހިން ފެށިގެން ހިންގަމުން އަންނަ އޭއެޗްގެ އިމާރާތަކީ 17 ވަނަ ސާކް ސަމިޓް 2011 ގައި އައްޑޫގައި ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބިނާކުރި ތަނެކެވެ. ކޮންވެޝަން ޓޫރިޒަމަށް ވެސް ހާއްސަކޮށްގެން ހެދި ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރީ، އިމާރާތުގެ އެތެރެ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އޭއީއެޗްގެ ޖާގަ ބޮޑުކުރަން އާ އިމާރާތެއް ހަދަން އަލުން ކުޅި ހިއްކަން އުޅޭ ވާހަކައާ އެކީ ބައެއް މީހުން މިހާރު އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

The post އޭއީއެޗް ބޮޑުކުރަން ކުޅި ނުހިއްކައިވޭތޯ ބަލަނީ appeared first on adduLIVE.



More from adduLive