ޕެލެސް އަތުން ޔުނައިޓެޑަށް ލަދުވެތި ބައްޔެއް

Tue, 07 May 2024 06:20 AM

View on this article on adduLive

ޕެލެސް އަތުން ޔުނައިޓެޑަށް ލަދުވެތި ބައްޔެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އިން 4-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.



މި ނަތީޖާއާ އެކު ޔުނައިޓެޑް މިހާރު އޮތީ 35 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގަ އެވެ. ލީގުގެ ހަތްވަނައިގައި އޮތް ޗެލްސީ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ޕެލެސް އޮތީ 36 މެޗުން ލިބުނު 43 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޕެލެސް އިން ލީޑު ނެގީ މެޗުގެ 12 ވަނަ މިނެޓްގައި މައިކަލް އޮލީސޭގެ ގޯލުންނެވެ. އޮލީސޭ މި ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 40 ވަނަ މިނެޓްގައި މަޓޭޓާ ވަނީ ޕެލެސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޔުނައިޓެޑްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕެލެސް އިން ތިންވަނަ ގޯލު ކާމިޔާބު ކުރީ މެޗުގެ 58 ވަނަ މިނެޓްގަ އެވެ. ޔުނައިޓެޑްގެ އޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ޕެލެސް އަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޓައިރިކް މިޗެލް އެވެ. އަދި ޕެލެސްގެ ފަހު ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮލީސޭ އެވެ. މިއީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން އޮލީސޭ ކާމިޔާބު ކުރި ގޯލެކެވެ.

ލީގުގައި ޔުނައިޓެޑް އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޔުނައިޓެޑުން ލީގުގައި ދެން ބައްދަލުކުރާނީ އެއްވަނައިގައި އޮތް އާސެނަލްއާ އެވެ.

The post ޕެލެސް އަތުން ޔުނައިޓެޑަށް ލަދުވެތި ބައްޔެއް appeared first on adduLIVE.



More from adduLive