ފެން ކުންފުނީގެ ސާވޭ ޓީމުން އައްޑޫ ކައުންސިލާ ބައްދަލުކޮށްފި

Mon, 06 May 2024 09:07 PM

View on this article on adduLive

ފެން ކުންފުނީގެ ސާވޭ ޓީމުން އައްޑޫ ކައުންސިލާ ބައްދަލުކޮށްފި

އައްޑޫ ސަޕްލައި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެމްޑަބްލިއުސްސީގެ ސާވޭ ޓީމުން ކައުންސިލާ އެކީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.



އެ ބައްދަވުމުގައި އެ ޓީމުން ވަނީ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭތައް ހަދައި މަސައްކަތަށް ވަރަށް ބޮޑަށް ދުރާލައި ތައްޔާރުވާނެ ކަމަށް ބުނެފަ އެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލްގެ ލަފަ އާއި މަޝްވަރާގެ މަތިން ކަމަށާއި މަޝްރޫއު ކުރިއަށް ގެންދާ އިރު ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އައްޑޫ ސަޕްލައި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މިދިޔަ މަހުގެ 13 ގަ އެވެ.

މި މަސައްކަތުގެ ދަށުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން ގާއިމުކުރުމާއި ބޯހޯ ތޮރުފުމާއި، ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކާ 2،000 ޓަނުގެ ތިން ތާންގީ އާއި 1000 ޓަނުގެ ތިން ތާންގީ އާއި އެކު ޖުމްލަ 6 ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 100 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުން ހިމެނެ އެވެ.

މީގެ އިތުރުން އައްޑޫގައި ވަކިން އޮންނަ ހުޅުދު އާއި މީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން ގާއިމުކުރުމާއި ބޯހޯ ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކާ 1،000 ޓަނުގެ ތިން ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 75 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުން ހިމެނޭ ކަމަށެވެ.

މަޝްރޫއުގެ ދަށުން ހިތަދު އާއި ހުޅުމީދު އަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމާއި، މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރުމަށްޓަކާ 1،000 ޓަނުގެ ހަތަރު ތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެ އެވެ. އޭގެ އިތުރަށް އެ އަވަށްތަކުގެ ފެނުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމް ހިންގައި ދިނުމާއި އަދި ސްޕެއާ ފޯރުކޮށް ދޭން ވެސް ހަމަޖެހިފައިވެ އެވެ.

އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއުގެ އަގަކީ 282.6 މިލިއަން ރުފިޔާ އެވެ.

އައްޑޫގެ ސަޕްލައި ފެނުގެ ނިޒާމަކީ ފެނަކަ އިން މެނޭޖްކުރަމުން އަންނަ ހިދުމަތެކެވެ. ފަހަކަށް އައިސް އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދޭތެރެ ދޭތެރެ އިން ފެނުމުގެ ހިދުމަތް ކެނޑުމުގެ އިތުރަށް ޕްރެޝަރުގައި ފެން ނާންނަ މައްސަލަ ބޮޑެވެ. މިކަމާ ގުޅިގެން ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައްޑޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް އަންނާނީ އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަސައްކަތް އެއްކޮށް ނިމުމުން ކަމަށެވެ

އަދި މިހާރު ފެނުގެ ހިދުމަތަށް މައްސަލަ ދިމާވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފެނުގެ ނިޒާމު މަރާމާތުކޮށް، ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކޮށްފައި ނެތުމުން ކަމަށް ފެނަކަ އިން ބުންޏެވެ.



More from adduLive