އަބީޝެކް ވެސް "ހައުސްފުލް 5" އަށް

Mon, 06 May 2024 11:49 AM

View on this article on adduLive

އަބީޝެކް ވެސް "ހައުސްފުލް 5" އަށް

އޮގަސްޓް މަހު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ކޮމެޑީ ފިލްމު "ހައުސްފުލް 5" އަށް ކާސްޓަށް އަބީޝެކް ބައްޗަން ވެސް އިތުރުކޮށްފި އެވެ.



މިކަން އެ ފިލްމު އުފައްދާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި އިއުލާންކޮށްފައިވެ އެވެ. "ހައުސްފުލް 5" ގެ ކާސްޓަށް އަބީޝެކް އިތުރުވި އިރު، އޭނަ ވަނީ މި ފްރެންޗައިޒްގެ މައިގަނޑު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކާ އެކީ 2016 ގެ "ހައުސްފުލް 3" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އާ ފިލްމުން ފުރުސަތު ލިބުމާ ގުޅިގެން އަބީޝެކް ބުނީ "ހައުސްފުލް" އަކީ އޭނަ އަށް އެންމެ ކަމުދާ ކޮމެޑީ ފްރެންޗައިޒް ކަމަށާއި އޭގެ ކުރިއަށް އޮތް ބައިގައި ހިއްސާވާން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދެން އެންމެ އުފާވި އަނެއް ކަމަކީ ދޯސްތާނާގެ ޑައިރެކްޓަރާ އަކީ ވަރަށް ދުވަސް ގިނަ ފަހުން މަސައްކަތް ކުރަން ލިބުނީމަ." ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ ބުންޏެވެ.

ކްރޫޒްޝިޕެއްގައި ބޮޑުބައި ޝޫޓްކުރަން ހަމަޖެހިފައިވާ "ހައުސްފުލް 5" ގެ ޑައިރެކްޓަރަކީ ތަރޫން މަންސުކާނީ އެވެ. އޭނަ އަކީ އަބީޝެކާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން ޖޯން އަބްރަހަމް ކުޅުނު 2008 ގެ ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ" ގެ ޑައިރެކްޓަރެވެ. އެ ފިލްމުގެ ފަހުން ތަރޫން ގެނެސްދިން ފިލްމަކީ 2019 ގެ "ޑްރައިވް" އެވެ.

އޮގަސްޓްގައި "ހައުސްފުލް 5" ގެ ޝޫޓިން ފަށާނީ އިނގިރޭސިވިލާތުގަ އެވެ. މި ފިލްމުގެ ލީޑް އެކްޓަރުން ފައިނަލްވި ނަމަވެސް ބަތަލާއިންނަކީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. ބަތަލާއިންގެ އިޝާރާތެއް ޓީމުން އަދި ނުދެ އެވެ.

ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސް ވަނަ ފިލްމުގައި ކުރީގެ ހަތަރު ބައިން ފެނުނު ހުރިހާ ބަތަލާއިން ފެނުމުގެ ފުރުސަތު ބޮޑެވެ. "ހައުސްފުލް" ގެ ފިލްމުތައް ކުޅުނު ބަތަލާއިންގެ ތެރޭގައި ދީޕިކާ ޕަދްކޯން، ލާރާ ދައްތާ، ޒަރީން ޚާން، ޖެކްލިން ފެނަންޑޭޒް، ނަރުގިސް ފަހްރީ، އާސިން، ކްރިތީ ސެނަން ޕޫޖާ ހެގްޅޭ އަދި ކްރިތީ ކަރްބަންދާ ހިމެނެ އެވެ.

"ހައުސްފުލް" ފުރަތަމަ ފިލްމު ގެނެސްދިނީ 2010 ގަ އެވެ. އަދި ދެވަނަ ނައި ރިލީޒްކުރީ 2012 ގަ އެވެ. އެ ދެ ފިލްމު ޑައިރެކްޓްކުރީ ސާޖިދު ޚާނެވެ. "ހައުސްފުލް 3" އާއި 2019 ގެ "ހައުސްފުލް 4" ޑައިރެކްޓްކުރީ ފަރުހާދު ސަމްޖީ އެވެ.

"ހައުސްފުލް 5" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން 6 ގަ އެވެ.

The post އަބީޝެކް ވެސް "ހައުސްފުލް 5" އަށް appeared first on adduLIVE.



More from adduLive