ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ނުހެދުމަށް ގޮވާލައްވައިފި

Mon, 06 May 2024 11:40 AM

View on this article on adduLive

ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ނުހެދުމަށް ގޮވާލައްވައިފި

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް މުއިއްޒު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާއީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.

ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމު ވެފައިވާ ކަމަށެވެ.

"ދީނީ ގޮތުންނާއި އިޖްތިމާއީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ!" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައުއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށްވެސް ރައީސް މުއިއްޒު ވަނި ގޮވާލައްވާފައެވެ.

މިފަހުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރު އެކްސިޑެންޓުވީ ކާރުގެ ފަހަތުގައި ޕިކަޕަކުން ޖެހިގެނެވެ. ޖެހުނު ޕިކަޕުގެ ޑްރައިވަރާއެކު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާއަށް އަލަށް އިންތިހާބުވި އިމްރާން ލަތީފް (އިންމު) އަދި ކުރީގެ މިނިސްޓަރު އިމްރާން ހުންނަވާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނި އާންމުވެފައެވެ. އެ ވީޑިއޯގައި އިންމު ވަނީ ޕިކަޕް ޑްރައިވަރަށް މާފު ކުރުމަށް އިމްރާންގެ ކިބައިން އެދިފައެވެ.

މި ވީޑިއޯ ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއިރު، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަދި އިންތިހާބީ މެންބަރު އިންމުއަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

The post ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ނުހެދުމަށް ގޮވާލައްވައިފި appeared first on adduLIVE.



More from adduLive