ބޮމުގެ ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލުކުރުމަށް ގޮވާލައިފި

Mon, 06 May 2024 10:57 AM

View on this article on adduLive

ބޮމުގެ ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލުކުރުމަށް ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.



ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް މިއަދު ވަނީ ތިން އަހަރު ފުރިފައެވެ. 2021 މޭ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކޮށް އާންމު ކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހިމަނާފައިވާ ރެކަމެންޑޭޝަންތަކަށް ވީހާވެސް އަވަހަށް ފުރިހަމައަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

"އަދި ރާއްޖެއިން ހަރުކަށިފިކުރާ އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުން. އަދި މި ހަމަލާއާ ގުޅޭގޮތުން ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމުވެފައި ބޭނުންތެރި ކަމެއްކަމުގައި ވެސް ދެކެން." އަސްލަމް ވިދާޅުވިއެވެ.

މޭ 6 ހަމަލާއާ ގުޅިގެން ތައްޔާރުކުރި 271 ސޮފްހާގެ އިންކުއަރީ ރިޕޯޓުގައި ވަނީ ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި، ހަމަލާދެވުނު ދުވަހާއި އަދި އޭގެ ފަހުން ހިނގާދިޔަ ކަންކަން ތަފްސީލީ ގޮތެއްގައި ހާމަކޮށްފައެވެ. 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގައި ވަނީ 45 ރެކަމެންޑޭޝަނެއް ހުށަހަޅާފައެވެ.

މޭ 6 ވަނަ ދުވަހު ބޮމެއް ގޮއްވާލާ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އަދި އެ ހަމަލާއިން ލިބުނު ޒަހަމްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެއެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ މައްޗަށެވެ. މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

The post ބޮމުގެ ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލުކުރުމަށް ގޮވާލައިފި appeared first on adduLIVE.



More from adduLive