އަހަންނާއި އަމީތާބް މިހާރު އެއްވަރު: ކަންގަނާ

Mon, 06 May 2024 10:55 AM

View on this article on adduLive

އަހަންނާއި އަމީތާބް މިހާރު އެއްވަރު: ކަންގަނާ

އަމީތާބް ބައްޗަނަށް އާންމުންދޭ ލޯތްބާއި އިހުތިރާމު މިހާރު ލިބޭ ހަމައެކަނި ފިލްމީ ތަރިއަކީ އޭނަ ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތު ބޮޑާވެ، އަނެއްކާ ވެސް ވާހަކަ ދައްކައިފި އެވެ.



އިންޑިއާގައި މިހާރު ކުރިއަށްދާ ލޯކް ސަބާ އިންތިހާބުގައި ބީޖޭޕީގެ ޓިކެޓްގައި ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ އަށް ވާދަކުރާ ބަތަލާ ކެމްޕޭން އިިވެންޓެއްގައި ވާހަކަ ދައްކަމުން ބުނީ އޭނަ ދާ ކޮންމެ ތާކުން އާންމުންގެ ލޯތްބާއި ތާއީދު އޮހޭ ކަމަށެވެ.

"ފިލްމީ ތަރިންގެ ތެރެއިން ދާ ކޮންމެ ތާކުން މިހާރު ލޯތްބާއި ތާއީދު އޮހޭ ހަމައެކަނި މީހަކީ މިހާރު އަމީތާބް ފިޔަވައި އަހަރެން،" ވަރަށް ޖޯޝްގައި ވާހަކަ ދައްކަމުން ކަންގަނާ ބުންޏެވެ. "އެކަމަށް ވަރަށް ސާބިތުކަމާ އެކީ ދައުވާ ވެސް ކުރެވިދާނެ."

އޭނަ މި ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ގިނަ ބަޔަކު މިހާރު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އަމިއްލަ އަށް ބޮޑާވެ، ތަކުރާރުކޮށް މިފަދަ ފޮނިތައް ކަނޑާ ނަމަ ބީޖޭޕީން ވެސް ކަންގަނާ ދުރުކޮށްފާނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ މީގެ ކުރިން ވެސް ބޮޑެތި ފޮނިތައް ކަނޑާފައިވެ އެވެ. އެގޮތުން ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު ބަތަލާ އަކީ ތިމަންނާ ކަމަށް ބުނެފައިވެ އެވެ. އަދި އިންޑިއާގެ ޕޮޕް ކަލްޗާގައި އޭނަ އާއި އަމީތާބް ވަރުގެ މީހަކު ނެތް ކަމަށް ވެސް ކުރީގެ އިންޓަވިއުއެއްގައި ކަންގަނާ ބުނެފައިވެ އެވެ.

މީގެ އިތުރުން ޝޯތައް ހޯސްޓްކުރާ ތަރިންނަށް ބަލާ އިރު، އޭނަ އާއި އަމީތާބް ވަރުގެ ބަޔަކު އިންޑިއާ އިން ނުފެންނާނެ ކަމަށް ބުނެ، ސަލްމާން ޚާނާއި ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާ ފަދަ ތަރިންނަކީ އެއްވެސް ބައެއް ނޫން ކަމަށް ކަންގަނާ ކުރިން ބުނެފައިވެ އެވެ.

މޮޅު ބަތަލާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަންގަނާ އަކީ އޭނަގެ މިފަދަ ވާހަކަތަކާއި ބޮލީވުޑާއި އެ އިންޑަސްޓްރީގެ މީސްމީހުންނާ ބެހޭ ގޮތުންނާއި ގައުމުގެ ހުރިހާ ކަމެއްގެ ތެރެއަށް ވެސް އަނގަބާނާތީ ވަރަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވާ ބަތަލާއެކެވެ.

މަންޑީ ދާއިރާގެ ގޮނޑި ކާމިޔާބުވާނެކަން ކަށަވަރު ކަމަށް ކަންގަނާ ބުނަމުން އަންނަ އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅެ އަންނަ މަހު ރިލީޒްކުރަން ޕްލޭންކޮށްފައި އޮތް "އިމަޖެންސީ" އެވެ.

The post އަހަންނާއި އަމީތާބް މިހާރު އެއްވަރު: ކަންގަނާ appeared first on adduLIVE.



More from adduLive