ބޮމުގެ ހަމަލާއަށް އިންސާފު ގާއިމުކުރުން އަވަސްކުރަން ގޮވާލައިފި

Mon, 06 May 2024 10:35 AM

View on this article on adduLive

ބޮމުގެ ހަމަލާއަށް އިންސާފު ގާއިމުކުރުން އަވަސްކުރަން ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް އިންސާފު ގާއިމުކުރުން އަވަސްކުރަން ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.



ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް މިއަދު ވަނީ ތިން އަހަރު ފުރިފައެވެ. 2021 މޭ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.

މި ހަމަލާއަށް 3 އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި މިއަދާ ހަމައަށް ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. ޑިމޮކްރެޓްސްއިން ބުނެފައިވަނީ ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން މިވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމީ ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި ނަޝީދު އަވަހާރަކޮށްލުމަށް 3 ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން ކުށްވެރިކުރާ ކަމަށްވެސް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

"ރައީސް މުޙައްމަދު ނަޝީދަށް އެ ބޮމުގެ ޓެރަރިސްޓް ހަމަލާދިނުމުގައި އެގޮތަށް ކަންހިނގާފައިވާއިރު، އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ. އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް" ކުރުމުގެ އަމަލެއްކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކެމެވެ."ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑިމޮކްރެޓްސްއިން ވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ އިންކުއަރީއެއްވެސް ހަދާފައެވެ. އަދި ބޮމުގެ ހަމަލާއަށް ތިން އަހަރު ފުރުނުއިރު މިފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދަވާނެ ކަމަށެވެ. އަދި މިހާރު ފެނިފައިހުރި ކަންތައްތަކުގައި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ އިތުރު މައުލޫމާތު ދިފާއީ ވުޒާރާގައި އެބަހުރި ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

މޭ 6 ވަނަ ދުވަހު ބޮމެއް ގޮއްވާލާ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އަދި އެ ހަމަލާއިން ލިބުނު ޒަހަމްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެއެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ މައްޗަށެވެ. މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

The post ބޮމުގެ ހަމަލާއަށް އިންސާފު ގާއިމުކުރުން އަވަސްކުރަން ގޮވާލައިފި appeared first on adduLIVE.



More from adduLive