އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އެއްވަރެއްގައި ހިފަހެއްޓިފައި

Mon, 06 May 2024 10:24 AM

View on this article on adduLive

އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އެއްވަރެއްގައި ހިފަހެއްޓިފައި

މި އަހަރު ފެށުނީއްސުރެ އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެއްވަރެއްގައި ހިފަހެއްޓިފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާތަކުން ދައްކައިފި އެވެ



މި އަހަރު ފެށުނު ފަހުން އެ ގައުމު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގައި އެވެ. އެ މަގާމުގައި އިންޑިއާ އޮންނަތާ ފަސް ވަރަކަށް މަސްވެގެން ދިޔަ އިރު، މި މަހުގެ 4 އާ ހަމައަށް އިންޑިއާ އިން ރާއްޖެ އައިސްފައި ވަނީ ޖުމްލަ 43،991 ޓޫރިސްޓުންނެވެ.

އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް އެ ގައުމުން އަންނަ ޓޫރިސްޓުން މަދުވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އިންޑިއާ މީހުން ރާއްޖެ އަށް ޗުއްޓީ އަށް ނުދާން ގޮވާލައި އެންޓި-ކެމްޕޭންތަކެއް ވަރަށް ފުޅާކޮށް އިންޑިއާގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ނަމަވެސް މި ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ އިންޑިއާ މާކެޓް ރާއްޖެ އަށް ވަރަށް މުހިއްމު ކަމަށާއި އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ޒިންމާ ނަގާ ކުންފުނި އެމްއެމްޕީއާރްސީން ވެސް ދާދި ފަހުން ބުނެފައި ވަނީ އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރު ކުރަން މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި މަޓޯޓާ އިން ވަނީ އިންޑިއާ ޓޫރިސްޓުން އިތުރުކުރުމަށްޓަކައި އެ ގައުމުގައި ރޯޑްޝޯތަކެއް ބޭއްވުމާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާ އެކީ ވެސް މަޝްވަރާތަކެއްކޮށްފަ އެވެ.

މި މަހުގެ 4 އާ ހަމައަށް ރާއްޖެ އަށް 794،109 ޓޫރިސްޓުން އައިސްފައިވާ އިރު، އެންމެ ގިނަ ޓޫރިސްޓުން މިހާރު އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 87،168 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައިގައި އޮތް 80،160 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 76،823 ޓޫރިސްޓުން އައިސްފައިވެ އެވެ.

ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކަކީ އިޓަލީ (71،536 ޓޫރިސްޓުން)، ޖަރުމަން (61،959 ޓޫރިސްޓުން)، ފްރާންސް (30،063 ޓޫރިސްޓުން)، އެމެރިކާ (27،796 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (20،078 ޓޫރިސްޓުން) އަދި ޕޮލޭންޑް (16،542 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

The post އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އެއްވަރެއްގައި ހިފަހެއްޓިފައި appeared first on adduLIVE.



More from adduLive