އައްޑޫ ސަޕްލައި ފެނުގެ ހާލަތު ރަނގަޅު ކުރެވޭނެ

Mon, 06 May 2024 09:58 AM

View on this article on adduLive

އައްޑޫ ސަޕްލައި ފެނުގެ ހާލަތު ރަނގަޅު ކުރެވޭނެ

އައްޑޫގެ ސަޕްލައި ފެނަށް ދިމާވެފައިވާ މައްސަލަ އަށް ހައްލެއް ގެންނަން މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަން ބުނެފި އެވެ.



އެ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ދޭތެރެ ދޭތެރެ އިން ފެނުގެ ހިދުމަތް ކެނޑުމާއި ޕްރެޝަރުގައި ފެން ނައުމުގެ މައްސަލަތަކާ ހެދި ކައުންސިލަށް ވަރަށް ބޮޑަށް ޝަކުވާތައް ލިބެމުން އަންނަ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ. އެކަމާ ކަންބޮޑުވުން ފާޅުރައްވައި މޭޔަރު ވިދާޅުވީ މި ހާލެއްގައި އައްޑޫ ރައްޔިތުން އުޅޭތާ މިހާރު މަހެއްހާ ދުވަސް ވަނީ ކަމަށެވެ.

އެހެންވެ ސަޕްލައި ފެން ލިބުމުވައި ދިމާވެފައިވާ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން މޭޔަރު ގޮވާލައްވާފައިވެ އެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ ސަޕްލައި ފެނުގެ ކެޕޭސިޓީ މިހާރު އޮތީ އިތުރުވަމުން އަންނަ އާބާދީއާ އެންމެ އެކަށީގެންވާ ފެނުގެ ނެޓްވޯކެއް ނޫން ކަމަށެވެ. އެގޮތުން ފެން ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު، މިހާރު ބަހައްޓާފައިވާ ފެން ޕްލާންޓުން އުފައްދާ ފެނަށް ވުރެ ބޭނުންކުރާ ފެނުގެ އަދަދު އިތުރުވެފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެއް އަހަރު ދުވަހުގެ އަޕްގްރޭޑިން މަޝްރޫއެއް ހިންގަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ވެސް ދާދި ފަހުން ހަވާލުކޮށްފައިވާ ކަމަށެވެ. ފެނަކަ އިން ފާހަގަކުރި ގޮތުގައި ފާއިތުތި ފަސް އަހަރުގެ ތެރޭގައި ފެނުގެ ނިޒާމު މަރާމާތުކޮށް، ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކޮށްފައި ނެތުމުން ސަޕްލައި ފެނުގެ ނިޒާމު ދަށީ ކަމަށެވެ.

ނަމަވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއު ނިމޭ އިރު އައްޑޫގެ ސަޕްލައި ފެނަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިހާރު ވެސް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ކުންފުނިން ބުންޏެވެ.

"މިހާރުގެ މެނޭޖުމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާ އެކު ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށް، ޚިދުމަތް ދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް." ފެނަކަ އިން ބުންޏެވެ.

The post އައްޑޫ ސަޕްލައި ފެނުގެ ހާލަތު ރަނގަޅު ކުރެވޭނެ appeared first on adduLIVE.



More from adduLive