ހަންކެޑެ ބްރިޖުގެ 90 ޕަސެންޓް ނިމިއްޖެ

Sun, 05 May 2024 07:11 PM

View on this article on adduLive

ހަންކެޑެ ބްރިޖުގެ 90 ޕަސެންޓް ނިމިއްޖެ

އައްޑޫ ހަންކެޑެއާ ދިމާލުން އަޅާފައިވާ އާ ބްރިޖްގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.



އެ މިނިސްޓްރީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ފޯ-ލޭން ޑީޓުއަރ ލިންކްގައި ތާރު އެޅުމުގެ
މަސައްކަތް ބަލާފައިވާ ކަމަށެވެ. މި މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި ބްރިޖް ހަދާފައި ވަނީ ކުރިން ބްރިޖަކުން ހަންކެޑެއާ ގުޅުވާފައި އޮންނަ ގައުކެނޑި އާއި މަރަދޫ ގުޅޭ ގޮތަށެވެ. އެގޮތުން މަރަދޫ ފަޅިން ބްރިޖް ގުޅުވާފައި ވަނީ އެ އަވަށުގެ ބޮޑުގެ މަގުގެ ކޮޅުންނެވެ.

މި އާ ބްރިޖަކީ ހަންކެޑެ އާއި ގައުކެނޑި ގުޅުވާފައި އޮތް ބްރިޖްގެ ބަދަލުގައި ދެން ދަތުރު ކުރަން ޖެހޭ ގޮތަށް ހެދި ބްރިޖެކެވެ. މީގެ އެންމެ ފަހުގެ މަސައްކަތްތައް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ވަރަށް ބާރަށް ކުރިއަށްދާ އިރު، ވަރަށް އަވަހަށް އާ ބްރިޖް އާންމުކޮށް ބޭނުން ކުރަން ފަށާނެ އެވެ.

މި ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް އެފްކޮންސް އިން ފެށީ 2021 ގަ އެވެ.

ހަންކެޑެ-ގައުކެނޑި ބްރިޖް ބަދަލުކުރަން ނިންމީ އިިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާތީ އެވެ. އެގޮތުން މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ އަކީ ލިންކްރޯގެ ބައެއް ވެސް އޮތް ތަނެކެވެ. ނަމަވެސް ދެ ލޭނަކަށް އަލަށް ހެދި ބްރިޖާ އެކީ ކުރިއަށް އޮތް ތަނުގައި މިހާރު ހަންކެޑެ ތެރެއިން ދަތުރު ކުރެވޭ ގޮތަށް ދަތުރެއް ނުކުރެވޭނެ އެވެ.

ހަންކެޑެ ތަރައްގީ ކުރަން ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ.

ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި ވަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ހަންކެޑެ މަޝްރޫއުގެ ސަބަބުން އައްޑޫގައި 1،900 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ އެވެ.

The post ހަންކެޑެ ބްރިޖުގެ 90 ޕަސެންޓް ނިމިއްޖެ appeared first on adduLIVE.



More from adduLive