ޑިމޮކްރެޓްސް އަށް އިންތިހާބަކުން އަލަށް މޮޅެއް!

Sun, 05 May 2024 12:02 PM

View on this article on adduLive

ޑިމޮކްރެޓްސް އަށް އިންތިހާބަކުން އަލަށް މޮޅެއް!

މިދިޔަ އަހަރު އުފެއްދި ޕާޓީ، ދަ ޑިމޮކްރެޓްސް އިން އިންތިހާބެއްގައި ވާދަކޮށްގެން އަލަށް މޮޅެއް ލިބިއްޖެ އެވެ.



އެގޮތުން އިއްޔެ ބޭއްވި މ. މަޑުއްވަރީ ކައުންސިލް ރައީސްގެ ބައި-އިލެކްޝަންގައި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ. މުޙައްމަދު އާޒިމް ޢަލީ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރުމާ ގުޅިގެން ޑިމޮކްރެޓްސް އިން އޭނަ މަރުހަބާ ވެސް ކިޔައި ރޭ ބަޔާނެއް ވެސް ނެރުނެވެ.

އޭގައި ބުނީ ބައި-އިލެކްޝަން އާޒިމް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓްގެ މައްޗަށް ކުރި ހޯދައި ކަމަށެވެ. އިންތިހާބުގައި އާޒިމަށް 194 ވޯޓް ލިބުނު އިރު، ޕީއެންސީ ގެ ކެންޑިޑިޓޭށް ލިބުނީ 144 ވޯޓެވެ.

މި ކާމިޔާބީއާ ގުޅިގެން އާޒިމަށް ކޭމްޕޭންކޮށް ދިން އެންމެންނަށް ޑިމޮކްރެޓްސް އިން ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

އިއްޔެ ހަ ބައި-އިލެކްޝަނެއް ބޭއްވި އިރު، އޭގެ ތެރެއިން ހަތަރު ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީއެންސީންނެވެ. އަދި އެމްޑީޕީ އަށް އެއް ބައި-އިލެކްޝަން ކާމިޔާބު ކުރެވުނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ޑިމޮކްރެޓްސް އަށް އިއްޔެ "ތާރީހީ" ކާމިޔާބީއެއް ލިބުނު އިރު، މި ފަހުން ބޮޑެތި އިންތިހާބުތަކުގައި ވާދަކޮށްގެން އެ ޕާޓީ އަށް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މި އަހަރުގެ ޖެނުއަރީގައި ބޭއްވި މާލޭގެ މޭޔަރު ހޮވަން ބޭއްވި ބައި-އިލެކްޝަންގެ އިތުރުން މިދިޔަ މަހު ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބު ހިމެނެ އެވެ.

އާ މަޖިލީހުގެ 39 ދާއިރާއަކަށް ޑިމޮކްރެޓްސް އިން ވާދަކުރި އިރު، އެ ޕާޓީ އަށް އެންމެ ގޮނޑިއެއް ވެސް ލިބިފައެއް ނުވެ އެވެ. އެގޮތުން އިންތިހާބުން ބަލިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި މިހާރުގެ މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަލީ އާޒިމާއި ހަސަން ލަތީފާއި އީވާ އަބްދުﷲ ފާހަގަކޮށްލެވެ އެވެ.

The post ޑިމޮކްރެޓްސް އަށް އިންތިހާބަކުން އަލަށް މޮޅެއް! appeared first on adduLIVE.



More from adduLive