އާސެނަލުން އެއްވަނަ މަގާމު ދިފާއުކޮށްފި

Sat, 04 May 2024 08:05 PM

View on this article on adduLive

އާސެނަލުން އެއްވަނަ މަގާމު ދިފާއުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމަތް 3-0 އިން ބަލިކުރުމަށް ފަހު އާސެނަލުން ލީގުގެ އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.



ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 36 މެޗުން 83 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 34 މެޗުން 79 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 35 މެޗުން 75 ޕޮއިންޓު ހޯދައިގެން އޮތީ ލިވަޕޫލް އެވެ. ލީގުގައި މިރޭ ސިޓީން ވުލްވްސްއާ ދެކޮޅަށް ނިކުންނާނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލުން ލީޑު ނެގީ މެޗުގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސަކާ ކާމިޔާބު ކުރި ގޯލުންނެވެ. މި ޕެނަލްޓީ އާސެނަލަށް ލިބުނީ ކައި ހަވެޓްޒް އަށް ބޯންމަތްގެ ގޯލްކީޕަރު މާކް ޓްރޭވާސް ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ މި ސީޒަނުގައި ސަކާ ކާމިޔާބުކުރި 20 ވަނަ ގޯލެވެ.

އާސެނަލްގެ ދެވަނަ ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ޑެކްލަން ރައިސް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ. ޓްރޮސާޑް މި ގޯލު ކާމިޔާބު ކުރީ ބޯންމަތްގެ އޭރިއާތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ރައިސް އެވެ.

މި މޮޅާ އެކު އާސެނަލުން ވަނީ މިއަހަރުތެރޭ ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފަ އެވެ. އެޓީމު މިއަހަރު ފެށުނު ފަހުން ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ.

The post އާސެނަލުން އެއްވަނަ މަގާމު ދިފާއުކޮށްފި appeared first on adduLIVE.



More from adduLive