ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލަން އެދިއްޖެ

Thu, 02 May 2024 05:16 PM

View on this article on adduLive

ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލަން އެދިއްޖެ

ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރުގައި، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލަން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އިން އިލްތިމާސްކޮށްފި އެވެ.



އެ އިންސްޓިޓިއުޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވުމަށް މަގުފަހިވާ ދުވަސްވަރެއް ކަމަށެވެ. އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މިވަގުތު އޮތީ "ވޯނިން" ލެވެލް (ތިންވަނަ ގިންތި) ގައި ކަމަށެވެ.
އަދި ތ. އަތޮޅުން ދެކުނުގެ ސަރަހައްދުތަކުގައި މިވަގުތު "އެލަރޓް ލެވެލް 1"ގައި އޮތް ކަމަށް ސެޓަލައިޓު މައުލޫމާތުން ދައްކާ ކަމަށް ބުނެފައިވެ އެވެ.

ކުރިއަށް އޮތް ހަފްތާތަކުގައި "އެލާރޓް ލެވެލް 1" އަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަަށް [އެލާރޓް ލެވެލް 2] އަށް ފޯރުންވެސް އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ގާ ހުދުވުމުގެ އަސަރު ފުޅާ ދާއިރާއެއްގައި ކުރަމުންދާކަމުގެ މައުލޫމާތު ވެސް ލިބެމުންދާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ފަރުތައް މިފަދަ ގާހުދުވުމުގެ ހާދިސާތަކަށް ފަހު އަލުން އިއާދަ ވާ މިންވަރު އަވަސްވި ނަމަވެސް، މިފަދަ ދުވަސްވަރެއްގައި ހިންގޭ އިންސާނީ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ.

"މިގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ވަގުތީގޮތުން ނަމަވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަމެވެ،" އެ ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަރުތައް ގުޅި ލާމެހިފައި ވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ އިންސްޓިޓިއުޓުން ވަނީ ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރުގައި، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް (ފަޅުފުންކުރުމާއި، ބިންހިއްކުމާއި، ބީޗް ނަރިޝިންގފަދަ ކަންކަން) ވަގުތީގޮތުން މަޑުޖައްސާލުމަށް އިލްތިމާސްކޮށްފަ އެވެ.

The post ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލަން އެދިއްޖެ appeared first on adduLIVE.



More from adduLive