ސުޕަ މެޖޯރިޓީން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ

Thu, 02 May 2024 10:43 AM

View on this article on adduLive

ސުޕަ މެޖޯރިޓީން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީ އަށް ލިބުމުން ވާނެ އެންމެ ބޮޑު ފައިދާ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ފަސޭހަވުން ކަމަށް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.



ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރެއްގެ މަގާމުގައި މިހާރު ހުންނެވި އަދުރޭ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމަކީ ސަރުކާރު ޖަވާބާދާރީ ކުރަވަން އެއްވެސް ވަރެއްގެ ހުރަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ޖަވާބުދާރީ ކުރުވައި ކަންކަން ހަމަމަގަށް އަޅުވަން އޮތް ފަސޭހައެއް ކަމަށް އެއީ." އަދުރޭ ވިދާޅުވި އެވެ.

މި ސަރާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ބައްޕަ ވިދާޅުވީ ސަރުކާރު ތެރޭގައި ހުންނަ ކަންކަން މަޝްވަރާގެ އުސޫލުގެ މަތިން ހައްލު ކުރަން ޕީއެންސީއަށް މާ ފަސޭހަވާނެ ކަމަށެވެ. އެގޮތުން އިދިކޮޅުން ހައްލުކުރަން ކުރަން ޖެހޭ މަސައްކަތަކާއި، ސަރުކާރުގެ މެމންބަރުން ކުރަން ޖެހޭ މަސައްކަތް ވަރަށް ތަފާތުވާނެ ކަމަށް އަދުރޭ ވިދާޅު ވިއެވެ.

"[އެހެންވީމަ] އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން ވަރަށް ވިސްނާފައޭ ސަރުކާރަށް މިހާ ވަރުގެ މެޖޮރިޓީއެއް މި ދިނީ." އޭނަ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި 18 އާއި 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޭރު ވެރިކަމުގައި އޮތް ޕާޓީ ލިބުނު ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ހުރަހެއް ނޭޅެ އެވެ.

"ވަރަށް ފަސޭހަ ކަމަކަށް ވާނީ ސަރުކާރު ޖަވާބުދާރީ ކުރުވައިގެން އަދި ސަރުކާރަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދީގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭން". އަދުރޭ ވިދާޅުވި އެވެ. "ވިހި ވަނަ މަޖިލީސް ވެގެން ދާނީ މިހާތަނަށް ފެންނަ އެންމެ މަސައްކަތްތެރި އެންމެ ހިންގުންތެރި މަޖިލީހަށް."

މިދިޔަ މަހުގެ 21 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން ޖުމްލަ 66 ގޮނޑި ކާމިޔާބުކުރި އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި ހަތް މެންބަރަކު ޕީއެންސީ އަށް ސޮއިކުރުމާ ގުޅިގެން އެ ޕާޓީގެ މެންބަރުންގެ އަދަދު 73 އަށް އަރަ އެވެ. މިއާ އެކީ މިއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

ސަރުކާރުން ބުނެފައި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިިބިފައި އޮތަސް އޭގެ ނާޖާއީޒު ފައިދާ ނުނަގާނެ ކަމަށެވ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ލިބުނީ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ.

އާ މަޖިލިސް މި މަހުގެ 28 ގައި ހުވާކުރާނެ އެވެ.

The post ސުޕަ މެޖޯރިޓީން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ appeared first on adduLIVE.



More from adduLive