ކޮލަމްބިއާ އިން އިޒްރޭލާ ގުޅުން ކަނޑާލަނީ

Thu, 02 May 2024 06:00 AM

View on this article on adduLive

ކޮލަމްބިއާ އިން އިޒްރޭލާ ގުޅުން ކަނޑާލަނީ

ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ކޮލަމްބިއާ ސަރުކާރުން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ތައްޔާރުވެއްޖެ އެވެ.



ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އިއްޔެ ބޭއްވި ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން މިއަދު ކަނޑާލާނެ ކަމަށާއި އެކަން އެގޮތަށް ކުރަން ނިންމީ އިޒްރޭލުގައި މިވަގުތު އޮތީ ގަތުލްއާންމު ހިންގާ ވެރިޔަކާއި ސަރުކާރެއް އޮތުމުން ކަމަށެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާތައް ދޭން ފެށުމާ އެކު އެގައުމާ ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުލާ ދެކުނު އެމެރިކާގެ އެއް ލީޑަރަކީ ކޮލަމްބިއާގެ ރައީސް ޕެޓްރޯ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކޮލަމްބިއާ އިން ވަނީ އިޒްރޭލު އަތުން ހަތިޔާރު ގަތުން ވެސް ހުއްޓާލާފަ އެވެ.

ކޮލަމްބިއާ އިން އިޒްރޭލާ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1950 ވަނަ އަހަރު އެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ބޮލީވިއާ އިން ވަނީ ހަނގުރާމައިގެ ސަބަބުން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކަނޑާލާފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 34،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

އިޒްރޭލުން ދަނީ ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ކާނާ އާއި ފެނާއި ބޭސް ފަދަ ތަކެއްޗާ އެކީ ފަލަސްތީނަށް ނުވަދެވި، އެހީގެ އެތައް ގާފިލާއެއް އެބަތިއްބެވެ.

The post ކޮލަމްބިއާ އިން އިޒްރޭލާ ގުޅުން ކަނޑާލަނީ appeared first on adduLIVE.



More from adduLive