ލީޑަޝިޕް އިސްތިއުފާ ނުދޭނެ، ބަލިވި ސަބަބު ހޯދަނީ

Thu, 02 May 2024 06:01 AM

View on this article on adduLive

ލީޑަޝިޕް އިސްތިއުފާ ނުދޭނެ، ބަލިވި ސަބަބު ހޯދަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބުވި ނަމަވެސް ޕާޓީގެ ލީޑަޝިޕް އިސްތިއުފާ ނުދޭނެ ކަމަށާއި އެ އިންތިހާބުތަކުން ބަލިވި ސަބަބު ހޯދަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.



ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ރޭ ބޭއްވިއިރު، އެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ މައި ދެ އިންތިހާބުން ނާކާމިޔާބުވީ ސަބަބުތައް ބަލަން ބޭނުންވާ ކަމަށެވެ. އެގޮތުން ނާކާމިޔާބުވީ އިންތިހާބުގެ ކެމްޕެއިން ހިންގި ގޮތުންތޯ، ލީޑަޝިޕްގެ މައްސަލައެއްތޯ ނުވަތަ ރާއްޖޭގެ ސިޔާސީ މާހައުލަށް މިވަގުތު އައިސްފައިވާ ބަދަލަކުންތޯ ބަލަން ބޭނުންވާ ކަމަށެވެ.

"އެ ހުރިހާ ކަމެއް ދެނެގަތުމަށް ފަހު އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ފައްޔާޒު ވިދާޅުވި އެވެ.

މައި ދެ އިންތިހާބުން ބަލިވުމާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ގޮވާލުމުގެ އަޑުތައް ވެސް ގަދަވިއިރު ފައްޔާޒު ވަނީ އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ލީޑަޝިޕުން ނުގެން ގުޅޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައެއް އެއްވެސް ގޮތަކަށް ނެތް ޕާޓީގެ އެއްވެސް މަގާމެއްގައި ތިބި އެއްވެސް ބޭފުޅަކު މި ވަގުތު އިސްތިއުފާ ދިނުމެއް، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ވެސް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

އިންތިހާބުތަކުން ކޮންމެ ވެސް އެއް ބަޔަކު މޮޅުވެފައި އަނެއް ބަޔަކު ދަށްވާނެ ކަމަށާއި އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރާނެ ގޮތް އެނގޭނީ ދިރާސާތަކަށް ފަހު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެއާއެކު ކުރިއަށް އޮތް މުސްތަގުބަލުގައި އެމްޑީޕީގެ މެމްބަރުންނަށް ލީޑަޝިޕް ބަދަލުކުރަން ފެންނަ ނަމަ އެ ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް މިއީ އެކަން ކުރަން އޮތް ވަގުތު ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ފައްޔާޒު ވަނީ އެމްޑީޕީގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ގޮވާލާ ވަކާލާތު ކުރަނީ ބޮޑަށް ސަރުކާރު ހިންގާ ޕާޓީގެ ފަރާތްތަކުން ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

The post ލީޑަޝިޕް އިސްތިއުފާ ނުދޭނެ، ބަލިވި ސަބަބު ހޯދަނީ appeared first on adduLIVE.



More from adduLive