ފުރަތަމަ ލެގުގައި ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

Thu, 02 May 2024 05:59 AM

View on this article on adduLive

ފުރަތަމަ ލެގުގައި ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ބްރޫޝިއާ ޑޯޓްމަންޑުން 1-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.



އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ނިކްލޮސް ފުލްކްރުގް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލެއް ކާމިޔާބު ކުރަން ވެސް ފުލްކްރުގް އަށް ރަނުގެ ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް ޕީއެސްޖީގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަަނަ ހާފުގައި ޕީއެސްޖީން ކުޅުން ރަނގަޅުކޮށް، ޑޯޓްމަންޑުންގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީ ފޮނުވާލި ހަމަލާތައް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، އޮސްމާނޭ ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ޑޯޓްމަންޑްގެ ކީޕަރު ގްރެގޯ ކޮބެލް ވަނީ ދިފާއުކޮށްފަ އެވެ. ޑެމްބެލޭ އަށް ޑޯޓްމަންޑުގެ ޕެނަލްޓީއޭރިއާ ތެރެއިން މުޅިން ހުސް ފުރުސަތެއް ވެސް ލިބުނުއިރު، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ލީޑު ފުޅާކޮށްލަން ޑޯޓްމަންޑަށް ވެސް ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ފުލްކްރުގް އޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު ޖޫލިއަން ބްރަންޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޕީއެސްޖީގެ ކެޕްޓަން މާކިނޯސް ވަނީ ބްލޮކްކޮށްފަ އެވެ.

ޕީއެސްޖީގެ ދަނޑުގައި އަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޑޯޓްމަންޑަށް ފައިނަލަށް ދިޔުމުގެ ފުރުސަތު މިހާރު އެބައޮތެވެ.

The post ފުރަތަމަ ލެގުގައި ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި appeared first on adduLIVE.



More from adduLive