ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

Mon, 29 Apr 2024 08:04 PM

View on this article on adduLive

ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު އިނގިރޭސިވިލާތުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.



ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ އިނގިރޭސީ ވިލާތަށް ނިސްބަތްވާ 53 އަހަރުގެ މާރސެލް ރޮނަލްޑް ފެލޯސްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން / ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވުމުން ކަމަށެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީ އެވެ.

އިނގިރޭސިވިލާތުގެ މި މީހާ ވަނީ ކުށުގެ އަމަލު ހިންގާފައިވާ ގޮތް ތަފްސީލުކޮށް ތަހުގީގު ބަޔާނުގައި ކިޔައިދީފަ އެވެ. އަދި މި މައްސަލައިގައި އޭނާ ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު 'އިއުތިރާފު އެއްބަސްވުން' ހަދަން ބޭނުންވާކަމަށް އައިއޯ ފާހަގަކޮށްފައިވެ އެވެ.

އަދި އެކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުން، ކުރިއަށްގެންދެވޭނެ ކަމަށާއި، އިއުތިރާފް އެއްބަސްވުން ހަދަން ބޭނުންވާތީ އޭނާގެ ގާނޫނީ ވަކީލު ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށް ވަކީލުވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފަ އެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ބަންދު އަމުރުގައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ފަނޑިޔާރު މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ ބައްދަލުވުން ބާއްވާ ދުވަހު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބަލައި، އެކަމާމެދު އަލުން ގޮތެއް ނިންމަންޖެހޭނެ ކަމަށް ބުނެފަ އެވެ.

The post ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދަށް appeared first on adduLIVE.



More from adduLive