ބިލު ތަސްދީގުކޮށް، ގޯތިތައް ލަސްނުކޮށް ހަވާލުކުރޭ

Mon, 29 Apr 2024 05:40 PM

View on this article on adduLive

ބިލު ތަސްދީގުކޮށް، ގޯތިތައް ލަސްނުކޮށް ހަވާލުކުރޭ

ގޯތި ލިބިފައިވާ ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ވީހާވެސް އަވަހަކަށް ތަސްދީގު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ގޮވާލައިފި އެވެ.



ރާއްޖޭގެ ބިމާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅީ މީކާއިލް ކަމަށްވާއިރު، މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 35 މެންބަރުންގެ ވޯޓުންނެވެ.

މީކާއިލް ވަނީ މި ބިލު ވީހާވެސް އަވަހަށް ތަސްދީގުކޮށް، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅުން ގޯތިތައް ލިބުނު ފަރާތްތަކާއި އެ ގޯތިތައް ލަސްނުކޮށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

މީކާއިލް މި އިސްލާޙު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތު ދޫކުރުމަށްޓަކައި ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ބަންޑާރަ ގޯތިތައް އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓްގައި އާންމު ކުރުމަށްފަހު އެތައްދުވަހެއް ފާއިތުވެފައިވީ ނަމަވެސް، އެ ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކޮށްފައިނުވާތީ، އެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޤާނޫނީ ގޮތުން ހައްލެއް ހޯދުމަށެވެ.

ބިމާބެހޭ ޤާނޫނަށް މިއަދު ގެނައި އިސްލާހުގައި ބުނެފައިވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރަންވާނެ ކަމަށެވެ.

The post ބިލު ތަސްދީގުކޮށް، ގޯތިތައް ލަސްނުކޮށް ހަވާލުކުރޭ appeared first on adduLIVE.



More from adduLive