"ލަސްވިޔަސް" އަށް އަލީގެ ތައުރީފު

Mon, 29 Apr 2024 11:54 AM

View on this article on adduLive

"ލަސްވިޔަސް" އަށް އަލީގެ ތައުރީފު

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ލަސްވިޔަސް" އަކީ ރާއްޖޭގެ ރީތިކަން ވެސް ދައްކުވައިދޭ މަންޒަރުތަކަކާ އެކީ ގެނެސްދީފައިވާ ވަރަށް މޮޅު، ފުރިހަމަ ފިލްމަކަށްވާތީ މިއަށް ބޭރުގެ އޯޑިއަންސެއް ވެސް ހޯދަން ޖެހޭ ކަމަށް ޕީއެސްއެމްގެ ކުރީގެ ސީއީއޯ އަލީ ހާލިދު ވިދާޅުވެއްޖެ އެވެ.



މުހައްމަދު ނިޔާޒު (ޓެޑްރީ) ލިޔެ، ޑައިރެކްޓްކޮށް މި މަހުގެ 12 ގައި ޕްރިމިއާކުރި ފިލްމު ބައްލަވާލެއްވުމަށް އަމިއްލަ ބްލޮގްގައި ފިލްމަށް ތައުރީފު ކުރައްވައި އަލީ ވިދާޅުވީ ސްޓްރީމިން ޕްލެޓްފޯމެއް މެދުވެރިކޮށް ނަމަވެސް ފިލްމު ބޭރު މީހުންނަށް ބަލާލެވޭނެ ގޮތެއްވުން މުހިއްމު ކަމަށެވެ.

"މިއީ ބޭރުގެ އޯޓީޓީ ޕްލެޓްފޯމަކުން ޖާގަ ހޯދުމުގެ ފުރުޞަތު ހޯދޭ ވަރުގެ ފެންވަރު ހުރި ފިލުމެއްކަން ޔަގީން. ވެ. އިނގިރޭސިން ޑަބްކޮށް، ސަބްޓައިޓަލްކޮށްލީމައި ފުރުޞަތު ލިބޭނެހެން ހީވޭ. އަދި ފްލައިޓުގެ އެންޓަޓޭންމަންޓު ލައިބްރަރީއަށް ވަނުމުގެ ޖާގަ އޭރުން އޮންނާނެ." އޭނަ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ "ލަސްވިޔަސް" ރާއްޖެ އިން ބޭރަށް ރާއްޖޭން ބޭރަށް ގެންދަން ޖެހޭ މުހިއްމު އެއް ސަބަބަކީ ފިލްމުން ރާއްޖޭގެ ރީތި މަންޒަރުތައް ފިލުމުން ދައްކުވައިދޭތީ ކަމަށެވެ. އެހެންވެ މިއީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓުވުމާ އެކީ ބޭރުގެ ފިލްމު ހަދާ ފަރާތްތަކުން ރާއްޖޭގައި ފިލުމު އުފެއްދުމަށް ސަމާލުކަން ވެސް ހޯދޭނެ ކަމެއް ކަމަށެވެ.

އަސަރު ގަދަ އާއިލީ ވާހަކައެއް ކިޔައިދޭ ފިލްމަށް ތައުރީފުކޮށް އަލީ ވިދާޅުވީ "ލަސްވިޔަސް" އަކީ މި ޒަމާނަށް ފެތޭ ވާހަކައެއް ގެނެސްދީފައި އޮތް ފިލްމެއް ކަމަށެވެ.

"މިއަދު މުޖުތަމައުގައި ދިމާވާ މައްސަލަތަކާއި ގުޅުވާފައި ވާހަކަ ލިޔެފައި އޮތީ. މިއަދުގެ ޒުވާނުންގެ ގުޅުންތައް ހުންނަ ގޮތާއި ޑިޕްރެޝަނާއި ޑިޖިޓަލް ބްލެކްމެއިލް ކުރުމާއި އަދި ކެންސަރ ބައްޔާއި ވަށައިގެން ވާހަކަ ވަނީ ލާމެހިފައި." އޭނަ ވިދާޅުވި އެވެ.

އަލީ ފާހަގަކޮށްފައިވާ ގޮތުގައި ބޮޑު ކާސްޓެއް ހިމެނޭ ފިލްމުން އޭނަ އަށް އެންމެ ކަމުދިޔައީ ލީޑް ބަތަލާ ވާޝިޔާ މުހައްމަދާއި ސަޕޯޓިން ރޯލުތަކެއް ކުޅުނު އަހުމަދު އާސިމްގެ އިތުރުން ނެގަޓިވް ކެރެކްޓާއަކުން ފެނުނު އިފްނާޒު ދައްކުވައި ދީފައިވާ އެކްޓިން އެވެ.

އޭނަ ވިދާޅުވީ "ލަސްވިޔަސް" އަކީ ޓެޑްރީގެ ފިލްމަކަށްވާތީ ކޮންމެހެން ބަލަން ޖެހޭ ވަރުގެ ފިލްމެއް ކަމަށެވެ. މި ފިލްމަކީ އޭނަ 1994 ގައި ގެނެސްދިން "ދެރިޔާ" އަށް ފަހު ހެދި ފުރަތަމަ ފީޗާ ފިލްމެވެ.

The post "ލަސްވިޔަސް" އަށް އަލީގެ ތައުރީފު appeared first on adduLIVE.



More from adduLive