ސިޓީން ދުލެއް ނުދިން، އާސެނަލްއާ ޕޮއިންޓަކާ ގާތަށް

Mon, 29 Apr 2024 05:59 AM

View on this article on adduLive

ސިޓީން ދުލެއް ނުދިން، އާސެނަލްއާ ޕޮއިންޓަކާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފި އެވެ.



މި މޮޅާ އެކު ސިޓީ ލީގުގެ ދެވަނައިގައި އޮތީ 34 މެޗުން ލިބުނު 79 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި އާސެނަލް އޮތީ 35 މެޗުން 80 ޕޮއިންޓު ހޯދައިގެންނެވެ. ސިޓީ އަތުގައި އިތުރު މެޗެއް އޮތުމުން ލީގު ޗެމްޕިއަންކަން ހޯދުމުގެ އެޑްވާންޓޭޖު އެޓީމަށް އަދިވެސް އެބައޮތެވެ. އެ މެޗަކީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެކެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގެ 32 ވަނަ މިނެޓްގައި ޖޮސްކޯ ގްވާޑިއޯލް ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ކޯނަރަކުން ގްވާޑިއޯލް މި ގޯލު ކާމިޔާބު ކުރީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ނަތީޖާ އެއްވަރުކުރަން ފޮރެސްޓްގެ ފޯވާޑް ކްރިސް ވުޑަށް މި މެޗުގައި މުޅިން ހުސް ދެ ފުރުސަތު ލިބި ބޭކާރުވެފައިވެ އެވެ.

މި މެޗުން ސިޓީ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި އިތުބާރު ފޯވާޑް އާލިން ހާލަންޑް އެވެ. ޑި ބްރޭނާ ދިން ޕާހަކުން ހާލަންޑް މި ގޯލު ކާމިޔާބު ކުރީ ބޯޅައާއެކު ފޮރެސްޓުގެ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މިއީ ލީގުގައި ހާލަންޑް ކާމިޔާބު ކުރި 21 ވަނަ ގޯލެވެ.

ޕްރިމިއާ ލީގު ތަށީގެ ރޭހުގެ ފޯރި ގަދަވެފައިވާއިރު، ސިޓީ އަކީ ފާއިތުވި ތިން އަހަރުގެ ލީގު ޗެމްޕިއަނުންނެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ވުލްވްސްއާ އެވެ.

The post ސިޓީން ދުލެއް ނުދިން، އާސެނަލްއާ ޕޮއިންޓަކާ ގާތަށް appeared first on adduLIVE.



More from adduLive