އާސެނަލް ފަސް ބެލުމެއް ނެތި ކުރިއަށް

Sun, 28 Apr 2024 08:21 PM

View on this article on adduLive

އާސެނަލް ފަސް ބެލުމެއް ނެތި ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިން މޮޅުވެ އާސެނަލް ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.



ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 35 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 33 މެޗުން 76 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 35 މެޗުން 75 ޕޮއިންޓު ހޯދައިގެން އޮތީ ލިވަޕޫލް އެވެ. ލީގުގައި މިރޭ ސިޓީން ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށް ނިކުންނާނެ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި އާސެނަލުން ވަނީ ލީޑު ނަގާފަ އެވެ. މިއީ ޓޮޓެންހަމްގެ މިޑްފީލްޑަރު އެމީލް ހޮއިބާގް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 27 ވަނަ މިނެޓްގައި ބުކާޔޯ ސަކާ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 38 ވަނަ މިނެޓްގައި އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ.

ތިން ގޯލުގެ ލީޑަކާއެކު އާސެނަލުން ފުރަތަމަ ހާފް ނިންމާލިއިރު، މި މެޗުގައި ޓޮޓެންހަމުން ޖެހި ފުރަތަމަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ރޮމޭރޯ އެވެ. މިއީ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރޮމޭރޯ ކާމިޔާބު ކުރި ގޯލެކެވެ. އަދި މެޗުގެ 87 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ސޮން އެވެ. މި ޕެނަލްޓީ ޓޮޓެންހަމަށް ލިބުނީ ބެން ޑޭވިސް އަށް އާސެނަލްގެ ޑެކްލަން ރައިސް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށް ފަހު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކުރަން ޓޮޓެންހަމުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ އާސެނަލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ބޯންމަތްއާ އެވެ. ޓޮޓެންހަމް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

The post އާސެނަލް ފަސް ބެލުމެއް ނެތި ކުރިއަށް appeared first on adduLIVE.



More from adduLive