ގަމާއި ކޮލޮމްބޯ ދަތުރުތައް 3 އަށް އިތުރު ކުރަނީ

Sun, 28 Apr 2024 05:51 PM

View on this article on adduLive

ގަމާއި ކޮލޮމްބޯ ދަތުރުތައް 3 އަށް އިތުރު ކުރަނީ

އައްޑޫ ގަމާއި ސްރީ ލަންކާގެ ކޮލޮމްބޯއާ ދެމެދު ސްރީ ލަންކަން އެއާލައިންސުން ބާއްވަމުން އަންނަ ދަތުރުތައް މި އަހަރުގެ ފަހުކޮޅު ތިނެކަަށް އިތުރު ކުރަން ނިންމައިފި އެވެ.



މިކަން ހިއްސާކުރައްވައި ސްރީ ލަންކަންގެ ރާއްޖޭގެ އެޖެންޓް، އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވީ އަންނަ އަހަރަށް ދެމިގެންދާ ގޮތަށް ދަތުރުތައް އިތުރު ކުރާނީ މި އަހަރުގެ ވިންޓައާ ދިމާކޮށް ކަމަށެވެ. އޭސް އިން މިގޮތަށް ނިންމީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގައުމީ އެއާލައިން، މޯލްޑިވިއަނުން ކޫއްޑު އާއި ގަމާ ދެމެދު ދަތުރުތައް ފަށަން ނިންމުމާ ގުޅިގެންނެވެ.

މޯލްޑިވިއަނުން އެކަން އިއުލާންކުރީ މި މަހުގެ ކުރީކޮޅު އެވެ. އެގޮތުން ގަމާއި ކޫއްޑުއާ ދެމެދު ދަތުރުތައް ފަށަން ނިންމާފައި ވަނީ އޮކްޓޯބަރު 29 އިން ފެށިގެންނެވެ. މިކަމަކީ ކުރިން ވެސް ވަރަށް ބޮޑަށް ވާހަކަ ދެކެވި، ހަގީގަތަކަށް ނުވެފައި އޮތް ކަމެކެވެ.

ފިރާގު ވިދާޅުވީ ގަމާއި ހުވަދޫ ގުޅުވައިލުމުން ދެކުނުގެ ސަރަހައްދަށް ޗުއްޓީ އަށް އަންނަ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށްވެގެން ދާނެ ކަމަށެވެ. އެގޮތުން ހަފުތާއަކު ތިން ފްލައިޓް ބާއްވާ އިރު، އެ ދަތުރުތައް ކުރާނީ ހޮނިހިރާއި އަންގާރައިގެ އިތުރުން ބުރާސްފަތީގައި ކަމަށް ވިދާޅުވި އެވެ.

ސްރީ ލަންކަން އެއާލައިންސަކީ މި ވަގުތު ގަން އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރާ ހަމައެކަނި ބޭރުގެ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ގަމަށް ފެށީ 2016 ގަ އެވެ.

The post ގަމާއި ކޮލޮމްބޯ ދަތުރުތައް 3 އަށް އިތުރު ކުރަނީ appeared first on adduLIVE.



More from adduLive