ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

Sun, 28 Apr 2024 02:16 PM

View on this article on adduLive

ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.



އޭޕްރިލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ސަރުކާރުން ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ހީނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. މީގެއިތުރުން ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޤައުމަށް ތަރައްޤީ ގެނައުންކަމުގައި ހީނާ ވިދާޅުވިއެވެ.

20 ވަނަ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީ އަށް ވަނީ ލިބިފަ އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ. އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވަނީ 12 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިއިރު، އޭގެތެރެއިން ހަތް ބޭފުޅަކު މިހާރު ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފައެވެ. އެއާއެކު މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 73 އަށް އަރާފައެވެ.

މި އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއަށް ދެ ގޮނޑި އަދި އެމްއެންޕީން ގޮނޑިއެއް ކާމިޔާބުކޮށްފައިވެއެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.

The post ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު appeared first on adduLIVE.



More from adduLive