އެމްޑީޕީން ފައިސަލް އަށް ފިޔަވަޅު އަޅަންޖެހޭ: މަހުލޫފް

Tue, 23 Apr 2024 09:11 PM

View on this article on adduLive

އެމްޑީޕީން ފައިސަލް އަށް ފިޔަވަޅު އަޅަންޖެހޭ: މަހުލޫފް

މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ގެއްލުވާލުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި މަސައްކަތާއި ގުޅިގެން އެމަނިކުފާނަށް އެމްޑީީޕީން ފިޔަވަޅު އަޅަންޖެހޭ ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.



ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. ފައިސަލް ވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭނުގައި ވެސް މަސައްކަތްކޮށް، ރަށްތަކަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ. ފައިސަލް އަކީ ނަޒްރާގެ ބޭބެ އެވެ.

އެ ދާއިރާގެ ގޮނޑި ނަޒްރާއާ ވާދަކޮށް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. އޭނާއާ ނަޒްރާ އާ ދެމެދު އިނީ 48 ވޯޓުގެ ތަފާތެކެވެ.

މަހުލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުން ބަލިވުމުން ބަލި ގަބޫލުކުރާ ކަމަށާއި ގޮނޑި ގެއްލުވާލަން ފައިސަލް މަސައްކަތް ކުރި ކަމުގެ ތުހުމަތަކީ ހަގީގަތެއް ކަމަށެވެ. މިކަމުގައި ނަޒޫގެ އާއިލާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމު އޮތީ ދޫދޭ ގޮތަކަށް ނޫން ކަމަށާއި މި މައްސަލަ ބަލާ އެމްޑީޕީގެ ފަރާތުން ފައިސަލް އަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއި ދެކޮޅަށް މަސައްކަތްކޮށް ވެެރިކަން ބަދަލުކުރި ގޮތަށް މިފަހަރު މިވަނީ 48 ވޯޓުގެ ފަރަގަކުން މި ގޮނޑި އެމްޑީޕީ އަށް ގެއްލުވާލާފައި،" ފައިސަލް އަށް ތުހުމަތުކޮށް މަހުލޫފް ވިދާޅުވި އެވެ.

ފުވައްމުލަކު ދެކުނު ގޮނޑި އެމްޑީޕީ އަށް ގެއްލުވާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ފައިސަލް އަށް މަހުލޫފް ކުރެއްވި އިރު، މިކަމާ ގުޅިގެން ފައިސަލް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

The post އެމްޑީޕީން ފައިސަލް އަށް ފިޔަވަޅު އަޅަންޖެހޭ: މަހުލޫފް appeared first on adduLIVE.



More from adduLive