ހުއްދަ ނެތް ކޯސްތަކެއް އިޝްތިހާރުކުރާތީ ސަމާލުވާން އެދިއްޖެ

Tue, 23 Apr 2024 08:38 PM

View on this article on adduLive

ހުއްދަ ނެތް ކޯސްތަކެއް އިޝްތިހާރުކުރާތީ ސަމާލުވާން އެދިއްޖެ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދަލިބިފައިނުވާ ކޯސްތަކެއް ސްރީލަންކާގައި އިޝްތިހާރު ކުރާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އެދިއްޖެ އެވެ.



އެމްކިއުއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސްރީލަންކާގެ މަތީ ތައުލީމު ދޭ މަރުކަޒެއް ކަމަށްވާ "އެޕެކްސް އެޑް"އިން އެ މަރުކަޒުގައި ހިންގަމުން އަންނަ ކޯސްތަކެއް "އެމްކިއުއޭ އެޕްރޫވަލް" ޖަހައިގެން އިޝްތިހާރުކޮށްފައިވާތީ އެކަން ނުކުރުމަށް އެ އޮތޯރިޓީން ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.

"އެޕެކްސް އެޑް"އަކީ ސްރީލަންކާގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެޓް) އިން ވެސް ހުއްދަ ނުދޭ ސަނަދެއް ދޫކޮށްގެން ސަސްޕެންޑްކޮށް އަލުން ހުއްދަ ދީފައިވާ ތަނެއް ކަމަށް އެ އޮތޮރީޓިން ބުންޏެވެ.

އެމްކިއުއޭއިން ބުނިގޮތުގައި އެ މަރުކަޒުން ދަނީ އެ އޮތޯރިޓީން ގަބޫލުކުރާ ކޯހެއްކަން ދެއްކުމަށްޓަކައި، ރާއްޖޭގެ ދަރިވަރަކަށް އެތަނުގައި ކިޔެވުމަށް ދޫކޮށްފައިވާ ލިޔުމުގައިވާ ދަރިވަރުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ކަނޑާލުމަށްފަހު އެ ލިޔުމަކީ އެ މަރުކަޒަށް ދޫކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ ދަރިވަރުންނަށް ފޮނުވަމުންނެވެ.

އެ އޮތޯރިޓިން ދޫކުރާ ޕްރޮގްރާމް ގަބޫލު ކުރުމުގެ ލިޔުމަކީ އެކަމަށް އެދޭ ދަރިވަރަކަށް، އެ ދަރިވަރަކު ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގިނަ ކަންތައްތަކެއް ޗެކްކުރުމަށްފަހު ސީދާ އެ ދަރިވަކަށް ދޫކުރާ ލިޔުމެއް ކަަމަށް އެމްކިއުއޭއިން ބުންޏެވެ. އަދި، އެ ލިޔުމަކީ އާންމުކޮށް ހުރިހާ ދަރިވަރުންނަށް ފޮނުވާ ލިޔުމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް އެމްކިއުއޭއިން ބުންޏެވެ.

"ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް، މި އޮތޯރިޓީން ލިޔުން ދޫކުރުމުގައި އެމަރުކަޒަކީ އެ ގައުމުގެ މަތީ ތަޢުލީމާއި ތަމްރީނާ ބެހޭ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން، ދަރިވަރުން ހުށަހަޅާ ލިޔުންތަކަށްބަލައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްއަށް ޝަރުތު ހަމަވާ، އަދި ކޮން ލެވެލެއްގެ ޕްރޮގްރާމެއްކަން ކަށަވަރު ކޮށް ދަރިވަރުންނަށް ލިޔުން ދޫކުރެވެއެވެ." އެމްކިއުއޭއިން ބުންޏެވެ.

އެމްކިއުއޭ އިން ވަނީ ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުން އެ އޮތޯރިޓީއަށް ހުށަހަޅައިގެން ކިޔަވަން ފެށުމުގެ ކުރިން ލިޔުން ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް ސަމާލުވުމަށް އެދިފަ އެވެ.

The post ހުއްދަ ނެތް ކޯސްތަކެއް އިޝްތިހާރުކުރާތީ ސަމާލުވާން އެދިއްޖެ appeared first on adduLIVE.



More from adduLive