ހުޅުމާލެ ސާފް ކުރަން ބޮޑު ތަރުހީބެއް؛ ގިނަ ބަޔަކު މިފަހަރުވެސް ބައިވެރިވޭ

Thu, 08 Jun 2023 10:41 PM

View on this article on adduLive

ހުޅުމާލެ ސާފް ކުރަން ބޮޑު ތަރުހީބެއް؛ ގިނަ ބަޔަކު މިފަހަރުވެސް ބައިވެރިވޭ

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯގެ ފަރާތުން މި ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާ ދުނިޔެ މަގޭ – ސާފު ހުޅުމާލެ މެގަ ކްލީނިންގ އިވެންޓަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އަރބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ބާއްވާ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި، ސަރުކާރުގެ ގިނަ ކުންފުނިތަކާއި، މިނިސްޓްރީތަކުގެ މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ އާއި ހުޅުމާލޭގެ ސްކޫލްތަކާއި، ހުޅުމާލެ ހޮސްޕިޓަލުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފއެވެ.

މި އިވެންޓުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ އާންމުންގެ މެދުގައި ޑެންގޫ ފަދަ ބަލިތައް ފެތުރުމާއި، މަދިރި އާލާވުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް ބަލައި އެކަންކަން ހައްލުކުރުން ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އާންމު ފަރުދުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބާރުއެޅުމަކީވެސް އެއް މަޤްސަދު ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 7:30ން ފެށިގެން ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ޗެނަލް ޕާކު ސަރަހައްދުންނެވެ. ހުޅުވުމުގެ ރަސްމީއްޔާތަކުން ފެށޭ މި ހަރަކާތުގެ ތެރެއިން މުޅި ހުޅުމާލޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 7 ސަރަހައްދަކަށް ބަހާލުމަށް ހަމަޖެހިފައިވާއިރު ބައިވެރިންގެ ތެރެއިން އެ ސަރަހައްދުތަކަށް ގްރޫޕްތައް ބަހާލާނެއެވެ. އަދި ކޮންމެ ގްރޫޕަކަށް ވެސް ވަކި ސަރަހައްދެއް އެލޮކޭޓްކުރާއިރު، ފެނާއި، ކުނި އަޅާނެ އަދި ކުނި ކަހާނެ ސާމާނާއި، އަންގި ފަދަ ތަކެތި އެ ސަރަހައްދުތަކުން ލިބެން ހުންނަގޮތަށް ވާނީ ހަމަޖައްސާފައެވެ. 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައެވެ.

ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސާފުކުރުމުގެ އިވެންޓެއް ކުރިއަށްގެންދާއިރު، މި އަހަރު ތެރެއަށް ބަހާލައިގެން އެހެން ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިދިޔަ އަހަރު ވޯލްޑް ކްލީން އަޕްޑޭ އާއި ގުޅިގެން އެޗްޑީސީން ބޭވި ހަރަކާތުގައި 1600 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.



More from adduLive